ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލައްވެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހަޅުއްވި ބިލަށް އެމްޑީޕީން ތާއީދު ކުރައްވައިފިއެވެ. އެހެންކަމުން، މިއަދުގެ ޖަލްސާގައި އެބިލް މަޖިލީހުން ފާސްވެގެން ދާނެކަމަށް ވަރަށްބޮޑަށް ދެކިވަޑައިގަންނަވާ ކަމަށް އެ ޤާނޫނު އުވާލުމަށް ހުށަހެޅުއްވި މެމްބަރ ޖާބިރު ވިދާޅުވިއެވެ.

ބިލް ހުށަހަޅުއްވަމުން މެމްބަރ ޖާބިރު ވިދާޅުވީ މިޤާނޫނު އުވާލެއްވުމަށް ހުށަހެޅުއްވީ ޤާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ޙައްޤުގެ މިނިވަންކަން މި ޤާނޫނުން ވަރަށް ބޮޑަށް ހަނިވެގެންދާތީ، އެކަމުގެ ކަންބޮޑުވުން އޭރުވެސް އަދި މިހާރުވެސް އެތައް ރައްޔިތުންފާޅުކުރަމުންދާތީ ކަމުގައެވެ. އަދި މިބިލް އުވާލުމަށް ހުށަހެޅުއްވީ ފުރިހަމަ ޑިމޮކްރެޓިކްވެއްޓެއް ދިވެހިންނަށް ޔަޤީންކޮށްދެއްވުމުގެ މަޤްޞަދުގައި ކަމަށް މެމްބަރ ޖާބިރު ވިދާޅުވިއެވެ.

މިބިލްގެ ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ ނިމިދިޔަ ސަރުކާރުން، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވާ، އެއްވެއުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާކަމުގައެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުންކުރި އެތައް ރައްޔިތުންނަށް މިދިޔަ ސާރުކާރުގެ ވެރިކަމުގައި ފުލުހުން ގިނަ އަނިޔާތައް ދީފައިވާކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ބިލް ހުށަހެޅުއްވި މެމްބަރ ޖާބިރު ވިދާޅުވީ ރައީސް ޔާމީނާއި ރައީސް ވަހީދުގެ ވެރިކަމުގައި އޭނާއަށް ވަރަށް ގިނަ އަނިޔާ ދެއްވައިފައިވާ ކަމަށެވެ. ރައީސް ޔާމީން ހިފާ ހައްޔަރު ކުރުމަށާއި އިންޓަރޕޯލްމެދުވެރިކޮށް ވަހީދު ހުންނެވި ތަނަކުން ރާއްޖެ ގެނައުމަށް އޭނާ ގޮވާލެއްވިއެވެ.

ޤާނޫނޫ އަސާސީގެ 32 ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ޞުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައެވެ.

ޤާނޫނު އަސާސީގައި މިގޮތަށް މިނިވަން ދީފައި ވީނަމަވެސް ސްކޫލުތަކާއި މިސްކިތްފަދަ ތަންތަނަށް އެއްވުން އިސްތިސްނާ ވާންޖެހޭނެކަމަށް މިބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރ، ޤާނޫނީ ވަކީލް ޢަލީ ޙުޞައިން ވިދާޅުވިއެވެ. 

1 ޚިޔާލު

  1. ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ހުރަސްއެޅޭ ކޮށްމެކަމެއް ވާނީ ގާނޫނު އަސާސީ އާއި ޚިލާފު ކަމަކަށް. މިނޫންގޮތަކަށް ގާނޫނުހެދުމުގެ ފުރުސަތު ގާނޫނުއަސާސީ އިން ލިބޭކަމަށް ވަންޏާ ގާނޫނުއަސާސީ ވެސް ޖެހޭނީ އިސްލާހުކުރަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.