ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި "އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް" ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މިނިސްޓްރީ އޮފް އެންވައިރުމަންޓް އެންޑް އެނަރޖީ ގުޅިގެން، ކަސްޓަމްސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި "އޯ.ޑީ.އެސް ޓްރެއިނިންގް ޕްރޮގްރާމް" ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކަސްޓަމްސް ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓްތައް ބައްސަވައިދެއްވީ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކަޓިވް ޑރ. ޢަބްދުﷲ ނަސީރެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސްވެރިން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

25 އޮކްޓޯބަރ ގައި ކުރިއަށް ގެންދިޔަ އެއްދުވަހުގެ މިތަމްރީނު ޕްރޮގްރާމްގައި، ދިވެހިރާއްޖޭގައި މޮންޓްރިއަލް ޕްރޮޓޮކޮލްގެ އުސޫލުތައް ގާއިމްކުރުމާއި ބެހޭގޮތުންނާއި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެކި ބައިތަކަށް ބެހުމާއި، އެފަދަ ތަކެތި އެތެރެކުރުން ކޮންޓްރޯލް ކުރުމުގައި އެންފޯސްމަންޓް އޮފިސަރުންގެ ޒިންމާގެ މައްޗަށްވެސް އަލިއަޅުވާލިއެވެ. މިތަމްރީނު ޕްރޮގްރާމުގައި ހިންގި ޢަަމަލީ ހަރަކާތަކުން ނިމިގެންދިޔަ މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ކޮންޓްރޯލް ކޮށްފައިވާ ނުވަތަ މަނާކޮށްފައިވާ އޯޒޯންފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަށް ކަސްޓަމްސްގެ މުވައްޒަފުން އަހުލުވެރިކޮށް ތަމްރީން ކުރމާއި އެފަދަ މާއްދާތަކަކީ ކޮބައިކަން ދެނެގަނެ އެއިން ކުރާ ވަގު ވިޔަފާރިގެ މޢާމަލާތްތައް ހުއްޓުވުމަކަށް ގެނައުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.