1.9 މިލިއަން މީހުން ބާކީކޮށް، އިންޑިޔާއިން އާސާމް ސްޓޭޓްގެ ރަށްވެހިންގެ ލިސްޓު އާއްމުކޮށްފި

މިއަދު އިންޑިޔާގެ އާސާމް ސްޓޭޓްގައި އާއްމު ކުރި ނޭޝަނަލް ރަޖިސްޓާ އޮފް ސިޓިޒެންސް (އެންއާރްސީ) ބަލަން އާއްމުން ކިޔު ހަދާފައި

އިންޑިޔާގެ އާސާމް ސްޓޭޓްގައި "ގަވާއިދާ ޚިލާފަށް ވަޒަންވެރިވެ ތިބި ބިދޭސީން" ކަމަށް ބުނާ މުސްލިމުން އާސާމުން އަދި އިންޑިޔާއިންވެސް ބޭރުކޮށްލުމުގެ މަގްސަދުގައި އެކުލަވާލި އެ ސްޓޭޓްގެ ނޭޝަނަލް ރަޖިސްޓާ އޮފް ސިޓިޒެންސް (އެންއާރްސީ) މިއަދު އާއްމުކޮށްފިއެވެ.

މި ލިސްޓު އާއްމުކުރުމުގެ ކުރިންވެސް މުސްލިމުން ފާހަގަކުރަމުން ދިޔަ ކަންބޮޑުވުންތައް ލިސްޓު ނުކުތް އިރު ވަނީ ހަގީގަތަކަށް ވެފައެވެ. އާސާމުގެ އާބާދީ ކަމުގައިވާ 33 މިލިއަން މީހުން ލިސްޓުގައި ހިމަނަށް ހުށަހެޅި ނަމަވެސް އެންމެ ފަހުގެ ލިސްޓު މިއަދު އާއްމުކުރި އިރު އޭގައި ހިމަނާފައިވަނީ 31.1 މިލިއަން މީހުންނެވެ. 1.9 މިލިއަން މީހުން ވަނީ ލިސްޓުން ބާކީކޮށްލާފައެވެ.

މައި ސަރުކާރުންނާއި ސްޓޭޓްގެ ސަރުކާރުން ބުނެފައިވަނީ ލިސްޓުން ބާކީކޮށްލި މީހުން ވަގުތުން އިންޑިޔާއިން ބޭރުކޮށްލުމުގެ ބިރެއް އަދި ނެތް ކަމަށެވެ. އެމީހުންނަށް ވަނީ 'ބިދޭސީންގެ ޓަރައިބިއުނަލް' (އެފްޓީ)  މައްސަލަ ހުށަހެޅުމަށް 120 ދުވަސް ދީފައެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއާއި، އޯލް އިންޑިޔާ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓާއި، އޯލް އާސާމް ސްޓޫޑެންޓްސް ޔުނިއަނުން ވަނީ ލިސްޓުން ބާކީކޮށްލި މީހުންނަށް އެ މީހުންގެ މައްސަލަ ހުށަހެޅުމުގައި ގާނޫނީ އެހީތެރިކަން ދޭނެކަމަށް ބުނެފައެވެ.

ހަމައެކަނި އާސާމް ސްޓޭޓަށް އަމާޒުކޮށްގެން ހަދާ މިލިސްޓު ފުރަތަމަ ތައްޔާރުކުރީ 1951 ވަނަ އަހަރުއެވެ. އެ ލިސްޓު މުރާޖައާކުރުމަށް ފަހު އަލުން މި ތައްޔާރުކުރީ 68 އަހަރު ފަހުންނެވެ.

އާސާމް ސްޓޭޓާއި ބަންގްލާދޭޝް ގުޅުނު ހިސާބުގައި ބަންގްލާ ދަރިކޮޅުގެ މުސްލިމުންގެ އެތައް މިލިއަން ބަޔަކު ދަނީ ދިރިއުޅެމުންނެވެ. އޭގެ ތެރޭގައި މިހާރު ގިނައީ އިންޑިޔާއަށް ވިހައި ބޮޑުވި މީހުންނެވެ. ނަމަވެސް އާސާމް ސަރުކާރުން ދަނީ އެއީ އިންޑިޔާ މީހުން ނޫންކަމަށް ބުނެ އެމީހުން އިންޑިޔާއިން ބޭރުކޮށްލުމަށް މަސައްކަތްކުރަމުންނެވެ.

ފާއިތުވި 68 އަހަރު އެމީހުން މައްސަލަ މަރުކަޒީ ސަރުކާރުން ބަލާފައި ނުވި ނަމަވެސް، ބީޖޭޕީ ވެރިކަމަށް އައި ފަހުން އެ މައްސަލަ ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައި ވަނީ، އާސާމްގެ މުސްލިމުންގެ ގިނަ ބަޔަކު އިންޑިޔާއިން ބޭރުކޮށްލުމުގެ ނިޔަތުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.