ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ބިނާކުރުމުގެ މަސައްކަތް މަޑުޖައްސާލައިފި

އަލްމަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ނިމޭއިރު އޮންނާނެ ގޮތުގެ ތަސައްވުރެއް

އަހަރަކު 250 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަމާޒުކޮށް ދުބައިގައި ބިނާކުރަމުން އަންނަ އާލްމަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލައިފިއެވެ. މިއީ ގަލްފުގެ ގައުމުތަކުގެ އިގްތިސާދީ ދުވެލި މަޑުޖެހި އާމްދަނީ ދަށްވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ ބައެއް ފަރާތްތަކުން ދުނިޔޭގެ އިގްތިސާދީ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތު ދިންގޮތުގައި އިމާރާތްކުރުމުގެ މަސައްކަތް ހުއްޓާލައި، މަޝްރޫއަށް ފައިސާދޫކުރުން ވަނީ ފަހުން ވަކި ގޮތަކަށް ނިންމަންދެން މަޑުޖައްސާލާފައެވެ.

"ކުރިއަށް އޮތް މަރުހަލާގެ ތާރީޚުތަކާއި، ތަފްސީލުތައް އަދި ނުނިންމާ" ދުބައިގެ އެއާޕޯޓުތައް ހިންގާ ކުންފުނި ދުބައި އެއާޕޯޓްސްގެ ބަޔާނެއްގައި ވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ކުންފުނިން ބޭނުންވަނީ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ފަސިންޖަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތަކަށް ވިސްނައި ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

36 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ހަދާ އެއާޕޯޓު ނިންމަން ފުރަތަމަ ކަނޑައަޅާފައި އޮތީ 2025 ވަނަ އަހަރު ނަމަވެސް، ފަހުން އެ ތާރީޚު އޮތީ 2030 އަށް ފަސްކޮށްފައެވެ.

2013 ވަނަ އަހަރު އާލްމަކްތޫމު އެއާޕޯޓުގެ ބައެއް ނިންމައި ޚިދުމަތް ފެށިނަމަވެސް، އެތަނުގެ ޚިދުމަތް ބޭނުންކުރަމުން އަންނަނީ މަދު އެއާލައިނަކުންނެވެ. އެންމެ 11 އެއާލައިނުން އެ އެއާޕޯޓު ބޭނުންކުރަމުންދާއިރު، ފާއިތުވި އަހަރުވެސް އެތަން ބޭނުންކޮށްފައި ވަނީ 9 ލައްކަ ފަސިންޖަރުންނެވެ.

ގަލްފްގެ ސިޔާސީ މަސްރަހު ހަލަބޮލިވުމާއި، ތެލުގެ އަގު ދަށްވުމާއި، ފަތުރުވެރިކަން ދަށްވުމުގެ ސަބަބުން ފާއިތުވި އަހަރު ދުބައިގެ އިގްތިސާދީ ދުވެލި ވަނީ ދަށްވެފައެވެ. 2017 ވަނަ އަހަރު އިގްތިސާދު %2.8 ކުރިއެރި އިރު، 2018 ވަނަ އަހަރު ކުރިއަރާފައި ވަނީ %1.94 އެވެ.

ދުބައިގައި ވެރިކަންކުރާ މަކްތޫމް އާއިލާއަށް ނިސްބަތްކޮށް ޖަބަލްއަލީ ސަރަހައްދުގައި ބިނާކުރާ އާލްމަކްތޫމު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަށް ފާއިތުވި އަހަރު ދުބައިން 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގިއެވެ. ބައިނަލްއަގްވާމީ ލޯން ދޭ އިދާރާތަކުން ދޭން ހަމަޖެހިފައި އޮތް ލޯނުގެ ދެވަނަ ފިޔަވަހި ވަނީ ފާއިތުވި އޮކްޓޯބަރު މަހު މަޑުޖައްސާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.