އިންޑިޔާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު އެކުގައި ބަންދުކުރުމާއި، އިންޑިޔާއިން އަފްޣާނިސްތާނަށް މުދާ އުފުލާ އެއްގަމު މަގު ބަންދުކުރުމާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވެއްޖެއެވެ.
"ޕާކިސްތާނުގެ މުޅި ވައިގެ ސަރަހައްދު އިންޑިޔާއަށް މަނާކުރުމާމެދު ބޮޑުވަޒީރު ދަނީ ވިސްނަވަމުން. އަފްޣާނިސްތާނާއެކު ވިޔަފާރިކުރުމަށް އިންޑިޔާއިން ބޭނުންކުރާ އެއްގަމު މަގު ބޭނުންކުރުން އިންޑިޔާއަށް މަނާކުރުމުގެ ވާހަކަ ވަޒީރުންގެ މަޖިލީހުގެ ޖައްލާއަކަށްވެސް ވަނީ ހުށަހެޅިފައި." ފަވާދު ޗައުދަރީ ކުރެއްވި ޓުވީޓެއްގައި ވެއެވެ.
"މިކަންކަމާ ގުޅޭ ގާނޫނީ މައްސަލަތަކާ މެދު މިހާރު ދަނީ ވިސްނަމުން." ބޮޑުވަޒީރު އިމްރާން ޚާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަވާދު ޗައުދަރީ ވިދާޅުވިއެވެ.
ފެބްރުވަރީ 14 ވަނަ ދުވަހު ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޕުލްވާމާގައި ފުލުހުންނަށް ދިން ބޮމުގެ ހަމަލާއަށް ފަހު، އިންޑިޔާގެ މަތިންދާބޯޓުތަކުން ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ދިން ހަމަލާއާ ގުޅިގެން، ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދު މުޅިން ބަންދުކޮށްފައި ވެއެވެ.
އެއަށް ފަހު ޕާކިސްތާނުގެ ވައިގެ ސަރަހައްދު މުޅިން ހުޅުވާފައި ވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
މިނިސްޓަރު ޗައުދަރީގެ ވާހަކަފުޅު އައިސްފައި މިވަނީ، ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތާ މެދު ބޮޑުވަޒީރު އިމްރާން ޚާން ވާހަކަފުޅު ދެއްކެވިތާ ދެ ދުވަސް ފަހުންނެވެ.
"ދުނިޔެ އަހަރުމެންނާ އެކު އޮތަސް ނުވަތަ ނެތަސް، އެންމެ ފަހު ނޭވަޔާ ހަމައަށް ވެސް (ކަޝްމީރަށް ޓަކައި) ދެވުނު ކޮންމެ ހިސާބަށް ދާން ޕާކިސްތާނު އޮތީ ތައްޔާރަށް." ހޯމަ ދުވަހު ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.
އިންޑިޔާގެ ގާނޫނު އަސާސީން ކަޝްމީރު މީހުންނަށް ކަށަވަރުކޮށްދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް ނިގުޅައިގަތުމަށް ބޮޑުވަޒީރު މޯދީ ނިންމެވުމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން ދަނީ އެކަމާމެދު ރުޅިވެރިކަން ފާޅުކުރަމުންނެވެ.