ރާއްޖޭގައި އިންފޮމޭޝަން ކޮމިޝަނަރަކު ނެތި ފޮއިދުވަސް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ތަޞްދީޤުކުރެވުނު ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރަކު ރާއްޖޭގައި ނެތްތާ ދެ ހަފުތާވެއްޖެއެވެ. މި ދެންނެވި ޤާނޫނުން ފުރަތަމަ ޢައްޔަންކުރެވުނު އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ އެއް ދައުރުގެ މުއްދަތު 22 ޖުލައި 2019 ގައި ވަނީ ހަމަވެފައެވެ. ޤާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާންޖެހެނީ ޤާނޫނުގައި ވާ ޝަރުޠު ފުތރިހަމަވާ ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަންފުޅެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި އެ މަޖިލީހުން ރުހުން ލިބިވަޑައިގެންފި ނަމައެވެ.

ޤާނޫނުގައި މުއްދަތު ކަނޑައެޅިފައިވާ މި މަޤާމުގެ މުއްދަތު ހަމަވި އިރުން ފެށީގެން މިއަދާ ހަމަޔަށް ވެސް އެ މަޤާމަށް އެއްވެސް ބޭފުޅަކު ޢައްޔަންކުރައްވައިފައެއް ނެތެވެ. ނުވަތަ އެ މަޤާމުގައި ކުރިން ހުންނެވި ބޭފުޅަކަށް އިތުރު ދައުރަކަށް ރުހުން ދެއްވައިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރު ކޮށްދޭނެ އިދާރާއެއް މިއަދު ދިވެހިރާއްޖެއަކު ނެތެވެ. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައި އިންފޮރމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ބާރުތައް ލިޔުމަކުން އެހެން މީހަކާ ޙަވާލުކުރެވުނު ނަމަވެސް އެއްވެސް މައްސަލައެއްގައި ނިންމުމެއް ނިންމުމުގެ ބާރެއް އެހެން މީހަކާ ޙަވާލުކުރާކަށް ޤާނޫނު ހުއްދައެއް ނުދެއެވެ. ވީމާ މިދެންނެވި ޤާނޫނު މިއަދު ތަންފީޒުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ހުއްޓަސް އިންފޮމޭޝަން ކޮމިޝަނަރެއް ނެތުމުން އެއްވެސް ރައްޔިތަކަށް މައްސަލައެއް ހުށަހެޅުމުގެ ފުރުޞަތު މި ވަނީ (ވަގުތީ ގޮތުން ނަމަވެސް) ގެއްލިފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވައިލެއްވި ފުރުޞަތުގައި ނުވަ ބޭފުޅަކު އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފީޝަލަކު ވަނީ ހާމަކުރައްވައިފައެވެ. މި ބޭފުޅުންގެ ތަފްޞީލުތައް ހާމަނުކުރެއްވިޔަސް ކުރީގެ ކޮމިޝަނަރުވެސް އެ މަޤާމުގެ ދެވަނަ ދައުރަކަށް އެދިވަޑައިގެން ހުށަހެޅުއްވިކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރީން އަޅުގަނޑުމެންނަށްވަނީ އެނގިފައެވެ.

މި ދިޔަ ހަފުތާގައި ރައްޔިތުންގެ މަޖުލީހަށް 4 ނަންފުޅެއް ފޮނުއްވައިފައިވާއިރު އޭގެ ތެރޭގައި ކުރީގެ ކޮމިޝަނަރުގެ ނަންފުޅެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ:

އަލްފާޟިލް ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި

އަލްފާޟިލް އަޙުމަދު ފަޔާޒު ޙަސަން، މ. ހަޒާރީ ވިލާ/ މާލެ

އަލްފާޟިލް އަޙުމަދު އާހިދު ރަޝީދު، ހ. ގުރަވަ/ މާލެ

އަލްއުސްތާޛާ ފާޠިމަތު ސައުސަން، މ. މެންކޫވާ/ މާލެ

މި 4 ބޭފުޅުންގެ ނަންފުޅު މި ދެންނެވީ ފޮނުއްވި ތަރުތީބުންނެވެ. މި ނަންފުޅުތަކުގެ ތަރުތީބަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވަނީ ޙުސައިން ފިޔާޒު މޫސާއަށް ކަމަށް ބެލެވެއެވެ. އެއީ ކުރިން ރާއްޖެ ޓީވީގެ ސީއީއޯއަކަށް އުޅުއްވި ބޭފުޅެކެވެ. ޙަޔާތުގެ ބޮޑުބައި ހޭދަކުރައްވައިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައެވެ.

އަޙުމަދު ފަޔާޒު ޙަސަނަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވުމުގެ އިތުރަށް ސްކޫލްމެނޭޖްމެންޓް ދާއިރާގައި އިސްވެރިއެއްގެ ގޮތުން ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އިލްކްޝަންސް ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް އޭނާވަނީ އަދާކުރައްވައިފައެވެ.

އަޙުމަދު އާހިދު ރަޝީދަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތުގައި ޓްރާންސްޕެރެންސީ މޯލްޑިވްސްގައި ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ.

ފާޠިމަތު ސައުސަންއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ލީގަލް ކޮމިޓީގެ މުޤައްރިރެއްގެ މަޤާމާއި ލީގަލް ޔުނިޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން މަސައްކަތްކުރައްވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒްގެ ލީގަލް އޮފިސަރގެ މަޤާޟުގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ކުރީން ސައުސަން ވަނީ އިނގިރޭސި ޓީޗަރެއްގެ ގޮތުން ކިޔަވައިދިނުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.

މިދެންނެވި 4 ބޭފުޅުންގެ އިތުރަށް، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އެދި ހުށަހެޅުއްވި އެހެން ބޭފުޅުންގެތެރެއިން އަޅުގަނޑުމެންނަށް އެނގިފައިވާ ނަމަކީ ކުރީގެ އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ދިރާކުރެއްވި އިރު އެ ކޮމިޓީގެ ނާއިބު މުޤައްރަރު ކަމާއި ޙަރަކާތްތެރި މެންބަރެއްގެ ހައިސިއްޔަތުން އެ ޤާނޫނު ވުޖޫދަށް ގެންނެވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. 30 އަހަރަށް ވުރެ ދިގު މުއްދަތުގައި ދައުލަތުގެ އެކި އިދާރާތަކުގައި ވެރިއެއްގެ ހައިސިއްޔަތުން އޭނާ ވަނީ މަސައްކަތްކުރައްވައިފައެވެ. ސްކޫލްތައް ހިންގުމުގެ ދިގު މުއްދަތެއްގެ ތަޖުރިބާއާއެކު އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރެއްގެ މަޤާމު ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ. މީގެ އިތުރަށް އޭނާއަކީ ޤާނޫނީ ވަކީލެއް ވެސް މެއެވެ.

ދުނިޔޭގެ ޤާއުމުތަކަށް ބަލާއިރު، އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމުގައި ނުވަތަ އޮމްބަޑްސްމަން ގެ ގޮތުގައި ތިއްބަވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގެ ތަޢުލީމު ލިބިވަޑައިގެން ތިއްބަވާ ބޭފުޅުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރާތަން ފެނެއެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިވަން މުއައްސަސާތަކަށް މީހުން ކަނޑައެޅުމަށްޓަކައި ވަކި ޚާއްސަ ކޮމިޓީއެއް އެކުލަވައިލައްވާށެވެ. އެ ކޮމިޓީގައި ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުން ހިމަނުއްވާ ގޮތަށް ވަނީ ވާހަކަ ދެކެވިފައެވެ.

މިހާރު ކަނޑަނޭޅި ހުރި މަގާމުތަކަށް މީހުން ހަމަޖެއްސެވުމާއި މިނިވަން މުއައްސަސާތަކަށް މެންބަރުން ކަނޑައަޅުއްވާނީ މި ކޮމިޓީ އެކުލަވައިލެއްވުމަށް ފަހު ކަމަށް ގަބޫލު ކުރެވެއެވެ.

ކޮންމެއަކަސް ކޮންމެ ބޭފުޅަކު ހަމަޖެއްސެވި ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދިޔުމަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށާއި ޑިމޮކްރެސީއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

2 ޚިޔާލު

  1. Majleehuga ovey minivan muassasaathakaa behey commitee eh. E committee koba thi hatharu meehunaa interview kuran? E committee maa nazaahaaitheri veema e goi kamu nugos gen beynunvaa meehaa hovan dho aa committee eh hadhan thiulhenee. Nasheed beynunvanee fiyaz hovan varihama thi magaamakee gaanoonu thanfeezu kuraa magaamakas. dhe vakeelun thibbaa nugulhey meehunaa kankan havaalu kurey. Insaafuveri sarukaaru

  2. ހުރިހާ މަގާމަކަށް އެކްޓިވިސްޓުން ލައި ފުރައިލާ!އޭރުން ހުންނާާނީ އިންްާސާާފުު ގާއިމު ކުރެވިފަ. ތީ ފިޔާޒަށް ވައުދު ވެެެެެެެފައި އޮތް މަގާމެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.