އިންޑިއާ ކަނޑުގައި އައްޑު އަތޮޅު އޮތް ލޮކޭޝަނަށް ބަލާއިރު އައްޑު އަތޮޅަކީ ގިނަ ބަޔަކު ޝައުގުވެރިވާތަނެއް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑު އަކީ ތަރައްޤީގެ ނާރެހެއް ކަމަށާއި އައްޑޫ ތަރައްޤީ ކުރުމަކީ އެވަގުތެއް ގައި އޮންނަ ސަރުކާރަކުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމުގައި ކުރީގެ ރައީސް އަދި ރައްޔަތުންގެ މަޖިލީހުގެ ރައިސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ޓައިޓަން މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އައްޑޫ ސިޓީ ގަމުގެ އީކްއޭޓަރ ވިލެޖްގައިބޭއްވި ބިޒްނަސް އެކްސްޕޯ ހުޅުއްވައި ދެއްވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ އައްޑު އަކީ އިންވެސްޓް ކުރަން އެންމެ ރަގަޅު ތަން ކަމަށާއި އިންވެސްޓަރުންގެ ފައިސާ ހޭދަކުރެއްވުމަށް އެންމެ ރަގަޅު ސަރަހައްދަކީ އައްޑޫ ކަމަށެވެ. އަދި އިންވެސްޓް ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް އައްޑުން އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑު އަތޮޅު އޮތް ލޮކޭޝަނަށް ބަލާއިރު އައްޑު އަކީ ގިނަ ބަޔަކު ޝައުގުވެރިވާ ތަނެއް ކަމަށެވެ. އަދި އެ ޝައުގުވެރި ކަމަކީ ޒަމާނުއްސުރެވެސް އޮތް ކަމެއް ކަމަށް ވިދާޅުވަމުން އަމުދުން މިހާރު އައްޑު އަށް އިންވެސްޓްކޮށް ގެން ފައިދާ ނެރުމަކީ ވިޔަފާރި ވެރިންނަށް ދާދި ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.

" އަޅުގަޑުމެން އިރާދަކުރެއްވިއްޔާ ރާއްޖެ އާއި މިސިޓީ ބަދަލުކޮށް ތިބޭފުޅުންގެ އުއްމީދުތައް ހަޤީގަތަކަށް ހަދައިދޭނަން " ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގެ ތަރައްޤީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެކަމަށާއި މިގޮތުން 4000 އެނދު އައްޑޫގައި ތަރައްޤީ ކުރުމުގެ މަޝްރޫޢު އެއް މިހާރުވެސް ރާވާފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫޢު ފެށޭނެ ވަކި ތާރީޚެއް އެމަނިކުފާނު ހާމަ ނުކުރައްވައެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އައްޑު އަތޮޅަކީ އިންވެސްޓް ކުރުމަށް ބޭނުންވާ މީހުންނަށް ޓުވަރިޒަމް ސިޔާތު ނޫން ދާއިރާ ތަކުގައި ވެސް އިންވެސްޓް ކުރެވިދާނެ އަތޮޅެކެވެ. އޭގެ ތެރޭގައި ކަރަންޓް އުފެއްދުމާއި އެހެނިހެން ކަންތައްތައް ހިމެނޭކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި 1 އޮގަސްޓްގައި ފެށި އެކްސްޕޯ އަކީ އައްޑު އަތޮޅުން ލިބެންހުރި ގިނަ ފުރުސަތު ތަކާއި ބެހޭ މައުލޫމާތު އެކްސްޕޯގެ ބައިވެރިންނަށް ހިއްސާ ކުރެވި މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. އަދި އައްޑޫގެ ތަރައްޤީ އަށް ހުރި ފުރުސަތުތަކަށް ބައްލަވާ ލައްވަމުން ހިތަދޫގައި ގާއިމުކޮށް ފައިވާ ސަރަހައްދީ ބަނދަރާއި ގަމުގެ އެއަރޕޯޓަކީ ދެކުނަށް ދަތުރުކުރާ ކާގޯ ތަކަކާއި އެކު ބޮޑެތި ކުރިއެރުން ތަކެއް ހޯދިދާނެ ވަސީލަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ސަރުކާރުގެ ވުޒާރާ ތަކާއި ކުންފުނި ތަކާއި އަދި އެކްސްޕޯގައި ބައިވެރި ވުމަށް ވަޑައިގެންނެވި ފަރާތްތަކާއި މަޝްވަރާ ކުރެވި ވިޔަފާރީގެ އެކިއެކި ގުޅުންތައް އުފެދި މި އެކްސްޕޯ ކާމިޔާބު އެކްސްޕޯ އަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.  

އޮގަސްޓް 1 ން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ގަމުގެ އީކްއޭޓަރ ވިލެޖްގައި ކުރިއަށް ގެންދާ އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އެކު 29 ފަރާތްތަކުން ބައިވެރި ވެއެވެ. މި އެކްސްޕޯ ތެރޭގައި ބިޒްނަސް ފޯރަމްތަކާއި ޕެނަލް ޑިޝްކަޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު 1 އޮގަސްޓް 2019 ދުވަހުގެ ރޭ 9:30 ހަމަޔަށް ވެސް ޑިސްކަޝަންތައް ކުރިއަށް ގެންދިޔައެވެ. އެކްސްޕޯ ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު، ރައްޔަތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ޚާއްސަ މެހުމާނެއްގެ ގޮތުން މި ރަސްމީއްޔާތުގައި 2003 ގެ މިސްޔުނިވާރސް މުބާރާތުގެ ޓޮޕް ފަހެއްގައި ހިމެނުނު ސާބިއާ ސަންޖާގެ ޕެޕިކުވެސް ބައިވެރިވިއެވެ.   

ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.