އެއްފަހަރާ ތިންފަށް ވަރި ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް އިންޑިޔާއިން ފާސްކޮށްފި

މުސްލިމް ދެމަފިރިއަކު އިއްޔެ ޖާމިއާ މަސްޖިދު ދިއްލީ ކުރިމަތިން ހިނގާފައި ދަނީ

'ވަގުތުން ވެވޭ ވަރި' ނުވަތަ އެއްވަގުތެއް ގައި ތިން ވަރިކޮށް އަނބިމީހާށް ތިންފަށް ވަރިއަކުން ވަރިކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ކަނޑައަޅައި އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ.

އިދިކޮޅު މެންބަރުންގެ ދެކޮޅުހެދުންތަކާ އެކުވެސް ގަނޫނުހަދާ މަޖިލީހުގެ މަތީ ގެ، ރާޖްޔާ ސަބާއިން އިއްޔެ ވަނީ ހަނި ގޮތަކަށް އެ ބިލް ފާސްކޮށްފައެވެ. ގާނޫނުހަދާ މަޖިލީހުގެ ތިރީ ގެ، ލޯކް ސަބާއިން އެ ބިލް ފާސްކުރީ ފާއިތުވި ހަފުތާގައެވެ.

އިއްޔެ ރާޖްޔާ ސަބާގައި ނެގި ވޯޓު 99-84 ގެ އަޣުލަބިއްޔަތުން 'ޕްރޮޓެކްޝަން އޮފް ރައިޓްސް އޮން މެރިޖް' ބިލް ފާސްވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އެ ބިލަށް ވޯޓުދިން ހުރިހާ ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެ ބިލްގައި ކަނޑައަޅާފައިވާ ގޮތުން އެ ގޮތަށް އަނބި މީހާ ވަރިކުރާ ފިރިން ތިން އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެއެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ އިއްޔެ ބިލް ފާސްކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީތަކުން ބުނީ އެއީ ބީޖޭޕީއަށް މުސްލިމުން އަންހެނުންގެ ވޯޓު ހޯދަންވެގެން، ސިޔާސީ މަގުސަދެއްގައި ފާސްކުރި ބިލެއް ކަމުގައެވެ.

"މިއީ ސިޔާސީ މަގްސަދެއްގައި ފާސްކުރި ބިލެއް. އިންޑިޔާގެ ސުޕްރީމް ކޯޓުން އެއްފަހާރަށް ތިންފަށް ވަރިކުރުން ބާޠިލުކަމަށް ކަނޑައަޅާފައި ވަނިކޮށް މި ބިލު ފާސްކުރުމުގެ ބޭނުމަކީ ކޮބާ؟" ކޮންގްރެސް ޕާޓީގެ އިސް ބޭފުޅަކު ކަމުގައިވާ ޣުލާމް ނަބީ އާޒާދު ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަޝްހޫރު ހަތަރު މަޒުހަބުގަވެސް ފިރިއަކު އޭނާގެ އަނބިމިހާ ދިމާއަށް އެއްމަޖިލީހެއްގައި އޭނާ ވަރިކޮށްފިކަމަށް ތިން ފަހަރު ބުނެފިނަމަ ތިންފަށްވަރިން ވަރިވާނެއެވެ. އެހެންނަމަވެސް، ބައެއް ޢިލްވުރިން ވިދާޅުވަނީ އެ ފަދައިން ވަރިކުރިއަސް އެ ވާނީ އެއް ވަރިއަށް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.