އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 2.4 ބިލިއަން ރުފިޔާއަށް

ފޮޓޯ؛ އެސްޓީއޯ

އެސްޓީއޯގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ 2.4 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 38 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ވެގެންދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަރަށް ހަލުވި ކަމާއިއެކު ބަދަލުތަކެއް އައި ކުއާޓަރަކަށެވެ. އެހެންކަމާއިއެކު، ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށް އެސްޓީއޯއިން ވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެސްޓީއޯއަށް ވަނީ ތެލުގެ އަގުތަކަށް ބޮޑެތި ބަދަލު ތަކެއް ނުގެނެސް، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 330 މިލިއަން ރުފިޔާގެ  ޖުމްލަ ފައިދާއެއް ވަނީ ލިބިފައިވެއެވެ.

2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އަކީ ރޯދަމަހުގެ އިނާޔަތްތަކާއި އަހަރީ ބޯނަސް ދޭ ކުއާޓަރު އަށްވެފައި، ދެވަނަ ކުއާޓަރުގެ ހިންގުމުގެ ޚަރަދު ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެގެން ދިޔަ މިންވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން ބޮޑުކޮށްފައި ނުވުމާއި އަދި އެޑްމިނިސްޓްރޭޓިވް ޚަރަދު އިތުރުވުމުގެ ސަބަބުން، އެސްޓީއޯއަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ސާފު ފައިދާގެ  (ޓެކްސް ހިމަނައިގެން) ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ.

ރިޕޯޓާއެކު އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފާއިތުވި ކުއާޓަރުގެ ތެރޭގައި އެސްޓީއޯއިން ވަނީ ތެލުގެ އަގު ދެ ފަހަރަށް ހެޔޮކޮށްފައެވެ. މިއާއެކުވެސް، އަހަރުގެ މިހާތަނަށް ކުންފުންޏަށް ރަނގަޅު ފައިދާއެއް ލިބިފައިވެއެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ހިންގުމުގެ ފައިދާއަކީ 222 މިލިއަން ރުފިޔާއެވެ. އެއީ، 2018 ވަނަ އަހަރުގެ ފުރަތަމަ ހަމަހާއި އަޅާބަލާއިރު 110 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއާއެކު، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ވަނީ 2018 ވަނަ އަހަރުގެ ސާފު ފައިދާގެ 88 އިންސައްތަ ހާސިލްކުރެވިފައެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި އެސްޓީއޯގެ 2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ޖުމްލަ އާމްދަނީ އަކީ 4.7 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 286 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވެފައިވުމުގެ މައިގަނޑު ސަބަބުތަކަކީ އެސްޓީއޯއިން ވިއްކި ތެލާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ. މިގޮތުން، އެސްޓީއޯއިން ވިއްކި ތެލުގެ މިންވަރު ވަނީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.5 އިންސައްތަ އިތުރުވެފައެވެ .

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.