މަސްވެރިކަމާ ބެހޭ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި

ފޮޓޯ: ދިވެހިމަސްވެރިން (@dhimasverin)

މަސްވެރިކަމުގެ މައްސަލަތަކާއި މަސްވެރިންނަށް ދިމާވާ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި ޚާއްސަކޮށް އެކުލަވައިލީ މަސްވެރިކަމުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. މިކަން ހާމަ ކުރައްވާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ދިވެހިންނަށް އެންމެ ނަފާވާ ގޮތްތަކެއް މަތިން ރާވައި ހިންގުމެވެ.

އެ ބަޔާނުގައިވާ ގޮތުގައި މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މިހާތަނާއި ހަމައަށްވެސް، ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގައި ކުރަމުން އައި ލޭނުގެ މަސްވެރިކަން ވަނީ ނިމުމަކަށް ގެނެސް، ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ވަނީ ހުއްޓާލާފައެވެ. ސަރުކާރުގެ ވިސްނުމަކީ، މި މަސްވެރިކަމަކީވެސް ދިވެހިންނަށް އޭގެ ހައްޤު ނަފާ ލިބޭނެ ފަދަ ގޮތްތަކަކަށް ރޭވިގެން، ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމެވެ. މީގެ އިތުރުން، ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސް ގަތުމަށްޓަކައި ހަތަރު ކުންފުންޏަކަށް ދެވިފައިވާ އެސްކްލޫސިވް ރައިޓްސް ނިމުމަކަށް ގެނެސް އައު އިންވެސްޓަރުންނަށް މިސިނާޢަތު ހުޅުވާލުމަށް އިކޮނޮމިކް ކައުންސިލުން ނިންމާ މިސިނާޢަތު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މަސްވެރިކަމާއި ބެހޭ ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބިދޭސީ އުޅަނދުފަހަރުގައި މަސްވެރިކަންކުރުމުގެ ހުއްދަ އެކިސަރުކާރުތަކުން އެކި ދުވަސްވަރު ދެމުން އައިސްފައިވުމަކީ މަސްވެރިންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފާހަގަ ކުރައްވައި ދިވެހި ކަނޑުތަކަކީ ދިވެހިންނަށް ޚާއްސަ ކަނޑުތަކެއްކަމުގައި ހެދުމަށް ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި މި ބިލުގައި ބަޔާން ކުރައްވައިފައި ވެއެވެ.

އަދި ދިވެހިރާއްޖޭގައި ނުކުރެވޭނެ މަސްވެރިކަމުގެ ބާވަތްތައް މިބިލުގައި ކަނޑައަޅާފައި ވެއެވެ. މިގޮތުން، ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރެވޭނެ ކަމަށް މިޤާނޫނުގައި ވާނީ ބަޔާންކޮށްފައެވެ. ޤާނޫނަކުން މިފަދަ މަސްވެރިކަން މަނާކުރެވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު ބޭރު ދުނިޔޭގެ ތަސައްވުރު ރަނގަޅުވެ ބައިނަލް އަޤްވާމީ ބާޒާރުގައި ދިވެހި މަހަށް ލިބޭ އަގަށް ހެޔޮބަދަލުތަކެއް އައުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

ބޭރު ގައުމުތަކުގެ ގިނަ އުޅަނދުތަކަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއަކަށް ވާތީ ވަގަށް މަސްވެރިކަންކުރަނިކޮށް ހުއްޓުވާ އުޅަނދުފަހަރާއިމެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވަނީ ކަނޑައެޅިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.