ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަހިރަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ފޮޓޯ: ރައީސް އޮފިސް

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސް ޖީން ގޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މިސް ޖީން ގޯ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މިބައްދަލުކޮށްލެއްވުމުގައި މިސް ގޯ ދެއްކެވި ވާހަކަފުޅުގައި ކުޅިވަރު މެދުވެރިކޮށް ކުދިންގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ނަގައިދީ، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދީ، ދިރިއުޅުމުގައި މޮޅާއި ދެރަ ޤަބޫލުކުރަން ދަސްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މެދު ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިސް ގޯގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުޅިވަރު ހިމެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިސެފްގެ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ކުޑަކުދިންނަށް އެކަށީގެންވާ ފަހި މާޙައުލެއް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޢަމަލީގޮތުން ކުރައްވާ މަސައްކަތް ތަކުގައި ޔުނިސެފާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ބާރުއަޅުއްވައި ހިތްވަރުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ބައްދަލުކޮށްލެވުމުގައި ދެއްކެވި ވާހަކަފުޅުގައި އެ މަސްއޫލިއްޔަތު އެކަމަނާ އުފަލާއެކު ޤަބޫލުފުޅު ކުރައްވައި މިފަދަ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ޔުނިސެފް ފަދަ ޖަމްޢިއްޔާއެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވުމަކީ އުފާވެރި އިއްތިފާޤެއްކަމުގައި ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ތަޢުލީމާއި ކުޅިވަރުގެ ދާއިރާއަކީ އެކަމަނާ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ދެ ދާއިރާކަމުގައެވެ. އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބިގެން ދިއުމަކީ މި މަސައްކަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދިޔުމަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޔުނިސެފާއެކު ކުރިމަގުގައި މަސައްކަތްޕުޅު ކުރެއްވުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކުދިންނަށް ރައްކާތެރި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް އެކަމަނާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގައި ވިދާޅުވިއެވެ. 

(ޚަބަރު: ރައީސް އޮފީސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.