އިންޑިއާ ކަނޑުގައި ބޮޑު ދާ އެޅުން ހުއްޓުވުމަށް ގޮވާލާ ޤަރާރުގެ ބަހުސް ފަށްޓަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ޤަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށްޓަވައިފިއެވެ. މިއީ ސަރުކާރު ފާރާތުން މަޖިލީހަށް ފޮނުވި، މަސްވެރިކަމާ ބެހޭ ފަސް ޤަރާރުގެ ތެރެއިން އެންމެ ފަހު ޤަރާރެވެ. މި ޤަރާރު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމެވެ.

ޔޫރަޕަށް ނިސްބަތްވާ ބައެއް ކުންފުނި ތަކުން، އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރުމުގައި ދެމެހެއްޓެނިވި އުޞޫލުތަކާ ޚިލާފަށް، ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރަމުން ގެންދަނީ ރާއްޖެއާއި އިންޑިއާކަނޑުގެ އެކި ޤައުމު ޤައުމުތަކުން ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށްކަމަށް ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ.

މިހާރު އިންޑިޔާ ކަނޑުގައި މަސްވެރިކަން ކުރަމުންދާ އުޞޫލުތައް ބަދަލުކުރުވައި މަސްވެރިކަން ކުރާ މިންވަރަށް އެކަށީގެންވާވަރަށް ދަށް ނުކުރެވޭނަމަ، ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށްބޮޑަށް ދަށްވެ، މުޅި ރާއްޖޭގެ އިޤްތިޞާދަށް އޭނގެ ނޭދެވޭ އަސަރު ކުރާނެކަމަށް ޤަރާރުގައި ބަޔާންކުރައްވައިފައި ވެއެވެ.

އިންޑީއާ ކަނޑުގައި ބޮޑުދާ ޖަހައިގެންނާއި އޮޔާދާ ބޮޑުދާ ޖަހައިހެން މަސްވެރިކަން ކުރުމަކީ މަނާކަމެއް ކަމުގައި ހަމަޖެއްސުމަށާއި، އެކަން ތަންފީޒު ކުރެވޭނެ އުޞޫލުތައް އެކަށައެޅުމަށް ރާއްޖެއިން ވަކާލާތު ކުރުމަށް ޤަރާރުގައި ވަނީ ކަނޑަ އަޅުއްވައިފައެވެ.

އައިއޯޓީސީ އިން އެއްބަސްވެފައިވާ ގޮތުގެ މަތިން ބޮޑުދާ ޖަހައިގެން މަސްވެރިކަންކުރާ އުޅަނދުތަކުން ދޫކުރާ އޮޔާދާ އޮއިވާލި ކަނޑުފަތި ހުއްޓުވުމަށް ވެސް ރާއްޖެއިން ވަކާލަތު ކުރުމަށް ޤަރާރުގައި ކަނޑަ އަޅުއްވައިފައި ވެއެވެ. އައިންމަތީ މަސްއައިނުން މަސްވެރިކަން ކުރުމަށް ހިތަވަރު ދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރީން ޕްރޮގަރާމްތައް ހިންގުމަށްވެސް ޤަރާރުގައި ގޮވާލައިފައި ވެއެވެ.

އޮޔާދާ ބޮޑުދާ ބޭނުން ކޮށްގެންކުރާ މަސްވެރިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރަށް ހީނަރު ވެފައިވާކަމަށް ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ.

އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ޙާލަތާ ބެހޭގޮތުން، ކަނޑުގެ ދިރުން ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ހިތްވަރުދީ އެހީތެރިވެދޭ، އިނގިރޭސިވިލާތުގެ ބްލޫ މެރިން ފައުންޑޭޝަން އިން މިދިޔަ ޖޫންމަހު އެކުލަވާލައްވައި އާންމުކުރެއްވި ރިޕޯޓްގައި އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާކަން ޤަރާޜުގައި ފާހަގަ ކުރައްވައިފައި ވެއެވެ. އަދި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރަށް ހީނަރުވަމުންދާނަމަ އިންޑިއާ ކަނޑުން ބާނާ މަސް ގަތުމުގައި އިތުރަށް ވިސްނުމަކަށް ދާންޖެހިދާނެކަމަށާއި މަހުގެ ސްޓޮކް ދެމެހެއްޓެނިވި މިންވަރުގައި ހިފެހެއްޓުމަށް ފިޔަވަޅުތައް އެޅުމަށް، މަހާއި މަހުގެ އުފެއްދުންތައް ގަންނަ ޔޫރަޕާއި އެމެރިކާގެ ކުންފުނިތަކާއި ތިމާވެށްޓާ ބެހޭ ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން ގޮވާލާއިފައި ވާކަމަށް ޤަރާރުގައި ފާހަގަކޮށްފައި ވެއެވެ.  

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމާއި ގުޅުންހުރި ޙަރަކާތްތައް ބަލައި، ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއޓެނެވި އުޞޫލުން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވޅުތައް އެޅުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިސޯޓީސީ) ގޮވާލާ އެކަން ތަންފީޒު ކުރުމަށްޓަކައި ރާއްޖެއިން ބާރު އެޅުމަށް މަޖިލީސް އިޤާރާރު ވާކަމަށް ޤަރާރު ނިންމާލަމުން ވަނީ ބަޔާން ކުރައްވައިފައެވެ.

މިޤަރާރުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ޤަރާރަށް ތާއީދު ކުރައްވާ މިހާރުން މިހާރަށްވެސް މިކަން ޙައްލުކުރަން ޖެހޭކަމަށް ގޮވާލައްވައިފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.