ރޮހިންޖާ ރެފިއުޖީން ގައުމަށް ގެންދިއުމާ ބެހޭ ވާހަކަތަކަށް މިޔަންމާގެ ވަފުދެއް ބަންގްލާދޭޝްގައި

އިއްޔެ މިޔަންމާއިން ބަންގްލާދޭޝްއަށް ދިޔަ ވަފުދު

މިޔަންމާ (ބަރުމާ) ސަރުކާރުގެ އިސްވެރިންގެ ވަފުދެއް، ބަންގްލާދޭޝްގައި ދިރިއުޅޭ މިޔަންމާގެ ރޮހިންޖާ ރެފިއުޖީންނާ ވާހަކަދެއްކުމަށް އިއްޔެ އެގައުމަށް ހިނގައްޖެއެވެ. މި ވަފުދުން ރޮހިންޖާ ރެފިއުޖީންގެ އިސް މީހުންނާ ބައްދަލުކޮށް އެ މީހުން ގައުމަށް އެނބުރި ދިއުމާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.

2017 ވަނަ އަހަރު މިޔަންމާގެ ސިފައިން ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކުން ސަލާމަތްވުމަށް ބަންގްލާދޭޝްއަށް ހިޖުރަކުރި 7 ލައްކަ 40 ހާސް ރެފިއުޖީން ދިރިއުޅެމުން ދަނީ ބަންގްލާދޭޝް އިރުއުތުރު ގައި އޮންނަ ކޮކްސަސް ބާޒާރު ޕްރޮވިންސުގައެވެ.

2107 ވަނަ އަހަރު ބަންގްލާދޭޝްއާއި މިޔަންމާއިން ރެފިއުޖީން ގައުމަށް އަނބުރާ ގެންދިއުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، މިހާތަނަށް މަދު ރެފިއުޖީއަކު މެނުވީ ގައުމަށް އެނބުރި ގޮސްފައި ނުވެއެވެ. އެތައް އަހަރެއްގެ އަނިޔާވެރިކަމާ، މުސީބާތުގައި އުޅުމަށް ފަހު، އަނެއްކާވެސް އަމާން ދިރިއުޅުމެއް އުޅެވިދާނެކަމުގެ ޔަގީންކަމެއް ނެތީމައެވެ.

މިޔަންމާ ސަރުކާރުގެ ވަފުދުގެ އިސް ވެރިއަށް ވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ ޔޫ މިޔިންޓް ތޫ އެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެ ވަފުދު ވަނީ ބައެއް ރެފިއުޖީ ކޭންޕްތަކަށް ޒިޔާރަތްކޮށްފައެވެ.

ބަންގްލާދޭޝްގެ ރެފިއުޖީ ކޮމިޝަނާ މުޙައްމަދު އަބުލްކަލާމް ވިދާޅުވިގޮތުގައި، މިޔަންމާގެ ވަފުދު ވަނީ ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ އަވަށް ކުޓުޕަލޯންގަށް ޒިޔާރަތްކޮށް ރެފިއުޖީންގެ އިސް މީހުންނާ އެތައް ގަޑި އިރަކަށް މަޝްވަރާކޮށްފައެވެ. ކުޓުޕަލޯންގްގެ އެންމެ ބޮޑު ރެފިއުޖީ ކޭންމުޕުގައި 22 ހާސް 200 މީހުން ދިރިއުޅޭއިރު، މުޅި ރެފިއުޖީ އަވަށުގެ އާބާދީ 5 ލައްކާ 40 ހާހަށް އަރައެވެ.

"ދެ ފަރާތުންވެސް އީޖާބީކޮށް ވާހަކަދެއްކި ކަމަށް ބެލެވެނީ. މާދަމާ (މިއަދު) ވެސް މަޝްވަރާތައް ކުރިއަށް ދާނެ." އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބުލްކަލާމް ވިދާޅުވިއެވެ.

މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ރޮހިންޖާ ލީޑަރެއް ކަމުގައިވާ ދިލް މުޙައްމަދުވީ "މަޝްވަރާތައް ދިޔައީ ރަނގަޅަށް" ކަމުގައެވެ. އެހެންނަމަވެސް، އޭނާ ވަނީ ރޮހިންޖާއަކީ މިޔަންމާގައި ވަކި ނަސްލެއްގެ ގޮތުގައި ގަބޫލުކުރުމަށް ގޮވައިލައްވާފައެވެ.

"އަހަރުމެން އުއްމީދު ކުރަނީ މި މަޝްވަރާތަކުގެ ރަނގަޅުވާނެ ކަމަށް. އަހަރުންނަކީ ރޮހިންޖާއިންގެ ގޮތުގައި މިޔަންމާއިން ބަލައިނުގަންހާ ހިނދަކު އަހަރުމެން އެނބުރި ނުދާނެ ވާހަކަ އަހަރުންވާނީ އެ (ވަފުދުގެ) މީހުންގެ ގާތުގައި ބުނެފައި." ދިލް މުޙައްމަދު ވިދާޅުވިއެވެ.

މިޔަންމާއިން ރޮހިންޖާއަށް އެގައުމުގެ ރަށްވެރިކަމުގެ ހައްގެ ނުދޭއިރު، އެއީ ވަކި ނަސްލެއް ކަމަށްވެސް ގަބޫނުކުރެއެވެ. މިޔަންމާއިން އެމީހުންނަށް ކިޔަނީ 'ބަންގާލީން'ނެވެ. މީގެ މާނައަކީ ރޮހިންޖާ މީހުންނަކީ ގަވާއިދާ ޚިލާފަށް މިޔަންމާއަށް އަރައި ތިބި ބަންގްލާދޭޝް މީހުންކަމަށް މިޔަންމާއިން ދެކުމެވެ.

ބަންގްލާދޭޝްއިން ބުނެފައި ވަނީ ރޮހިންޖާ ރެފިއުޖީން ގަދަކަމުން އެގައުމުން ބޭރުކޮށްނުލާނެ ކަމުގައެވެ. އަނެއްކޮޅުން، ބައިނަލްއަގްވާމީ ފިއްތުންތަކާއެކުވެސް ރެފިއުޖީން އަނބުރާ ގެންދިއުމަށް މިޔަންމާ ސަރުކާރުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.