މަޅުމަތި: އިކުއެޓޯރިއަލޭ؟

އައްޑޫ ލިންކު ރޯޑު ހަދައި ނިމުނީމާ އެ މަގުގެ ނަން އިއުލާނު ކުރައްވައި ހުޅުއްވައި ދެއްވީ އޭރުގެ ޕްލޭނިންގ މިނިސްޓަރު އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީއެވެ. އެ ދުވަހުގެ ވާހަކަ އޭރު އެ މިނިސްޓްރީގެ ވަރަށް އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ.

"ރައީސް އޮފީހުން މަގުގެ ނަން ފާސް ވެގެން އައީ ހަމަ އެ ދުވަހުއެވެ. އޭރު އަޅުގަނޑުމެން ތބީ މިނިސްޓަރުގެ ތަގުރީރު ލިޔެ ތައްޔާރު ކޮށްގެންނެވެ. ނަން އައީމާ ކުރަން ޖެހުނު ކަމަކީ ނަން ޖަހަން އޮތް ތަނުގައި ނަންޖަހާފައި މިނިސްޓަރުގެ އަތްޕުޅަށް ތަގުރީރު އެރުވުމެވެ. މަގުގެ ނަމަކަށް ފާސް ވެގެން އައީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނު މަގެވެ. ނަން އަޅުގަނޑު ދެންނެވުމާއެކު މިނިސްޓަރު ވިދާޅުވިއެވެ. ތިޔައީ ދޫފުރޮޅިއެއް ނޫން ހެއްޔެވެ؟ ތިޔަ ނަން އަހަންނަކަށް ނުކިޔޭނެއެވެ. ކަންތައް ވެގެން ދިޔައީވެސް އެހެންނެވެ. އެ ނަން ވިދާޅުވީއިރު މިނިސްޓަރަށް ދަތިފުޅު ގޮތެއް ހުއްޓެވެ. އެއް ފަހަރަކުން ވިދާޅެއްވެސް ނުވެވުނެވެ."

ނަތީޖާއަކީ ކޮބައިތޯއެވެ؟ އެ މަގަކަށް ޝަމްސުއްދީނު ބޮޑު ފަނޑިޔާރުތަކުރުފާނު މަގޭ ކިޔާ އާދަމުގެ ދަރިއަކު މި އުޑު ހިޔާ ދަށަކު ނެތެވެ. މިހާރުގެ ނަސްލަކަށް އެ މަގަށް ކިޔަނީ މިހެން ކަމެއްވެސް ނޭނގެއެވެ.

މިހާރު އައްޑު އަތޮޅުގައި އަލަށް ހަދައި ހުޅުވާން ތައްޔާރު ކޮށްފައިވާ ހަސްފަތާލަށް ކިޔާނޭ ނަމެއް ކަމަށް އައްޑޫ ސިޓީ (މިއީވެސް ދިރުވައިލާން ފަސޭހަ ނުވި ބަހެއް) ކަނޑައެޅުއްވީ "އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް" އެވެ.

މި ނަމުގެ ވާހަކަ އާއްމު ވުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން މި ނަމަށް އަމާޒު ވެގެން ހިނގައްޖެއެވެ. އެއް ބަޔަކު ބުނާ ގޮތުގައި އީކުއޭޓަރަކީ އައްޑު އަތޮޅާ އެއްވެސް ގުޅުމެއް ހުރި ރޮނގެއް ނުވަތަ ނަމެއް ނޫނެވެ. އެ ރޮނގު އޮންނަނީ ފޯއްމުލަކާއި ހުވަދު އަތޮޅާ ދެމެދުގައެވެ. އެހެންވީމާ އެ ނަން އައްޑުއަށް ނިސްބަތްކޮށްގެން އުޅެގަތުމަކީ ސޭކު ކަމެކެވެ. ފޯއްމުލަކުގައިވެސް ހަސްފަތާލެއް ހުރެއެވެ.

ހަސްފަތާލަށް ކިޔާނޭ ނަމަކަށް އާއްމުންގެ ޚިޔާލު ހޯދިއެވެ. އެކަމަކު ކައުންސިލުން އެތަނަށް ކިޔާފައިވާ ނަމަކީ އެންމެ ގިނަ މީހުން ތާއީދުކުރި ނަމެއް ނޫނެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި ޚިޔާލު ހޯދުމުގެ ނަތީޖާއާ އެއްގޮތަށް ނަން ކިޔާފައި ނެތް ނަމަވެސް މިހާރު ކަނޑައެޅި ނަމަކީ ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކޮށްފައި ނިންމި ނަމެކެވެ. މަޝްވަރާ ކުރި ކޮން ބަޔަކާ ބާވައެވެ؟

އަޅުގަނޑު ދެކޭ ގޮތުގައި އެތަނަށް ނަމެއް ކިޔާކަށް އާއްމުންގެ ޚިޔާލެއް ހޯދާކަށް ނުޖެހެއެވެ. އަދި ބަޔަކާ މަޝްވަރާ ކުރުންވެސް ލާޒިމެއް ނޫނެވެ. އެކަމަކު ޚިޔާލު ހޯދައިފިއްޔާ ނުވަތަ މަޝްވަރާ ކޮށްފިއްޔާ ޚިޔާލާއި މަޝްވަރާ ދިން ބައެއްގެ ކޮންމެވެސް އަގެއްވެސް އޮންނާން ވާނެއެވެ. ޚިޔާލު ނުހޯދާ ނުވަތަ މަޝްވަރާ ނުކޮށް ނަމެއް ކިޔަސް އެ ނަމެއް ވާން ވާނީ ރަނގަޅު އަދި ކިޔަން ފަސޭހަ ނަމަކަށެވެ.

މިހާރު ކައުންސިލުން ނިންމި ނަމާ ބެހޭ ގޮތުން ބަހަވީ ނަޒަރަކުން ޚިޔާލެއް ލިބޭތޯ ދާއިރާގެ ބޭފުޅަކާ އަޅުގަނޑު ސުވާލު ކުރީމެވެ. އޭނާ ވިދާޅުވިއެވެ. "އިކުއެޓޯރިއަލް ގައި ދިވެހި ނޫން އަޑެއް ނެތެވެ. އެކަމަކު މި ބަސް (ޚާއްސަކޮށް ފެށޭ ބައި "އިކުއެ") ދިވެހި އަޑުގެ ބައްޓަމަކަށް ނުފެތެއެވެ. ބަހެއް ހިނގައިގަންނަނީ ހަމައެކަނި އަޑަށް ފަރިތަ ވީމައެއް ނޫނެވެ. ބަހެއް ހިނގައިގަންނަ ވަރަށް ގިނަ ސަބަބު ހުރެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ އެ ބަހެއް ކިޔަން ހޭދަވާ ހަކަތަ މަދުވުމެވެ. ދެވަނަ ސަބަބަކީ ފިއްޔާއި އަކުރުތަކުގެ އަޑުތައް ގުޅިފައި ހުންނަ ގޮތުން ދަތިކަމެއް ނެތުމެވެ. އެހެންވީމާ އިކުއެޓޯރިއަލް ކިޔަން ފަސޭހަ ވާނޭ ކަމަކަށް ނުފެނެއެވެ."

އޭނާ ވިދާޅުވި ގޮތުގައި "ކުއެ" މިހެން އޮވެފައި އެޔާ ވިދިގެން އޯބޯފިލި ޖެހޭ އަކުރެއް އައުމަކީ ދަތިކަމެއް ހުންނާނޭ ކަމެކެވެ. އިނގިރޭސި ބަހަށް ފަރިތަ މީހަކަށް ދަތި ނުވިޔަސް، މައް ދިވެއްސަކަށް ފަސޭހައެއް ނުވާނެއެވެ.

އެހެންވީމާ އަޅުގަނޑަށް ފެންނަ ގޮތުގައި އައްޑޫ ހަސްފަތާލަށް "އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް" އޭ ކިޔަސް އެ ނަން އާއްމު ވެގެންނެއް ނުދާނެއެވެ. އޭގެ ބަދަލުގައި މީހުން ކިޔާނީ އެހެން ނަމެކެވެ. ބޮޑު ބޯޑެއްގައި އެ ނަން ޖަހައިފައި ބެހެއްޓިދާނެއެވެ. ޖެހޭނީ ލިންކު ރޯޑަށް ޖެހުނު ހާލެވެ.

9 ޚިޔާލު

  1. ތިތަން ހަސްފަތާލަކަށް ބަދަލް ކުަރަން ވެށުމުން ވެސް އެކަން އޮތީ ބޮޑު މައްސަލަ އަކަށްވެފައި، މިހާރު އެތަން އޭސީ ކޮށްފައި ހުރުމުން ހިންގޭވަރަށްވުރެ ޚަރަދު ބޮޑު ކަމަށް އެބަ ވާހަކަ ދައްކާ ދެން އެވަރުގެ ބަޔަކަށް ކިހިނެއްތޯ ކިޔާނެ ނަމެއް ހޯދޭނީ އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ނަމަކީ އަންނި ހޮސްޕޓަލް ކިޔަން

  2. ހަމަ ރަނގަޅު ދޫފުރޮޅިއެއް..މާދަރީބަހޭ ކިޔާ އަޑުގަދަކުރަނީ ހަމަ އެއްޗެއް ކިޔާލަންދޯ.ޢެހެންޏާފަހެ...ބަހަށް އިސްކަން ދީ އަލަށް ހަދާ ތަންތަނަށް ދިވެހިނަމެއް ދިނިއްޔާ ވާނީކީއް؟އައްޑޫ ކައުންސިލަށް ބާރު ލިބިއޮވެ ތިތަނަށް ކިޔާނީ ފިސާރި އައްޑޫ ނަމެއްކަމަށް ހީކުރީމު.

  3. ތިމާ އަކީ ރައްޔިތުންނާ މާބޮޑުގުޅުމެއް އޮންނަމީހަކަށް ހެދެން ވެގެން ތިޔަ ކިޔަން އުޅޭ ނަނަކީ ހަސްފަތާލަށް ކަމުދާ ނަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.