އަދުގެ މާޙައުލުގައި ފުލުހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރޭ: ސީޕީ

މިއަދުގެ މާހައުލުގައި ވެސް ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުންވެސް އަނިޔާކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ޕޮލިސް މެމޯރިއަލް ޑޭގެ ޚާއްސަ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ ސޯޝަލް މީޑީއާ ނުވަތަ އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކިވަކި ފުލުހުންނަށް ނިސްބަތްކޮށް ބިރުދެއްކުމާއި ފުރައްސާރަ ކުރުން އެއީ މިހާރުވެސް ހިނގަމުން އަންނަ ކަންކަން ކަމަށެވެ. އެގޮތަށް އެކަން އެގޮތަށް ހިނގަމުން ދިޔުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.

އެފަދަ ކަންކަން ކުރަމުންދާ މީހުންނަށް ނޫނެކޭ ބުނުމަށް ފުލުހުންގެ މަސައްކަތްތައް ބަލައިގަންނަ މީހުންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. "ހަމަ މިފުރުސަތުގައި ދިވެހި ފުލުހުންގެ މުއައްސަސާގެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރާއިރު އަބަދުވެސް ޤާނޫނުތަކަށް އަޅުގަނޑުމެން އެންމެން ބޯލަބަންޖެހޭނެކަން،" ސީޕީ ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ ފުލުހުން މިހާރު ވެސް ޚިދުމަތް ކުރަމުންދާ މާޙައުލުގައި ފުލުހުންނަށް ނުރައްކާތެރިކަން އެބައޮތް ކަމަށެވެ. "ފުލުހުންނަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއްދޭ ބައެއްކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކޮށް އެކަން ބަލައިގެން ނަމަވެސް އެއްބަޔަކު އަބަދުވެސް ފުލުހުންނާމެދު ނަފްރަތު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ބައެއް ޙާލަތުގައި އަނިޔާއާއި ގޯނާ ކުރަމުންދޭ،" ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން އެންމެމަތީ ލީޑަރޝިޕުން އެންމެ ޚާއްސަ އިސްކަމެއް ދޭނެ އެއްކަމަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި ގެއްލުމުން ފުލުހުން ރައްކާތެރި ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ރަނގަޅުކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ. އޭގެ އިތުރަށް ފޯރުވައިދޭންޖެހޭ ތަޢުލީމާއި، ތަމްރީން އަދި މަސައްކަތަށް ބޭނުންވާ އާލާތްތައް ހަމަޖައްސައިދިނުމަކީ ވެސް ވަރަށް އިސްކަން ދެއްވާނެ ކަންކަމަށް ވިދާޅުވިއެވެ.

މި ފުރުޞަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް އަދާކުރާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރަން. "ފުލުހުންގެ ވާޖިބަކީ ޤާނޫނު ނެގެހެއްޓުން. މުޖުތަމައު އަމާންކުރުން. ފުލުހުންގެ އެންމެ މަތީ މަސްލަހަތަކީ ރައްޔިތުން ރައްކާތެރިކުރުމާއި ރައްޔިތުންނަށް އެހީތެރިވުން. މަދަދުވެރިވުން. މާތްވެގެންވާ އިސްލާމްދީނުގެ އަޚުލާޤުން ޒީނަތްތެރިވުން. އަޅުކަންކުރުމާއި މުޢާމަލާތުކުރުމުގައި ނަމޫނާބަޔަކަށްވުން،" ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

ފުލުހުންނަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައިދިނުމަށް ރައްޔިތުން ވެސް ވަކާލާތު ކޮށްދެއްވުމަށް ސީޕީ މިއަދު ވަނީ އެދިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ޚިދުމަތުގައި އުޅެނިކޮށް ދުނިޔެ ދޫކޮށްފައިވާ ފުލުހުންނަށް ރަޙުމަތް ލެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.