ފުލުހަށް ހުށަހަޅައިފައިވާ ބީއެމްއެލްގެ އޮފިޝަލްގެ މައްސަލަ، އަނބުރާ ގެންދަވަނީ    

ފުލުހަށް ހުށަހަޅައިފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ  މުޙައްމދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދޮގުމަޢުލޫމާތު ދީފައިވާމައްސަލަ އަނބުރާ ގެންނަވާނެ ކަމުގެ އިސާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވަފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މާލިއްޔަތު ކޮމެޓީން ހޯދަން ބޭނުންވި މަޢުލޫމާތުތަކާ ބެހޭ ޗެކްތައް ބޭންކަށް ފެނިފައިވާކަމަށް އެބޭންކުން މަޢުލޫމާތު ދެއްވައިފައި ކަމަށެވެ.

ބޭންކަށް ފެނިފައިވާ، ޗެކްތަކާބެހޭ ގޮތުން މުޠާލިޔާކުރުމަށްފަހު އެކަމާ ގުޅޭ ޞައްޚަ މައުލޫމާތު މާލިއްޔަތު ކޮމެޓީއަށް ފޮނުއްވާނެކަމަށް ބޭންކުގެ އޮފިޝަލް ރަޔިތުންގެ މަޖިލީހަށް ސިޓީއަކުން އަންގައިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ މިމަޖިލީހުގައި މީހުން ތެދު ބަހުން ވާހަކަ ދެއްކުމަށް ބާރު އެޅުން. މީހަކަށް އުޤޫބާތެއް ދިނުމެއް ނުން. އަދި  މީހެއްގެ މައްޗަށް ތަޙްޤީގެއް ހިންގުމެއްވެސް ނުން" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ބޭންކްގެ އޮފިޝަލް ތެދު ބަހުން ވާހަކަދައްކަވާނެކަމަށާއި މާލިއްޔަތު ކޮމެޓީއަށް އެއްބާރުލުން ދެއްވާނެކަމަށް އެބޭފުޅާގެ ސިޓީ ފުޅުން ވަރަށް ބޮޑަށް ސާފުވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެހެންކަމުން މާލިއްޔަތު ކޮމެޓީގެ މުޤައްރަރާ ވާހަކަ ދެއްކެވުމަށް ފަހު  މަޖިލީހުން ފުލުސް އޮފީހުގައި އެދިވަޑައިގެންފާ އެދުމާ ބެހޭގޮތުން އަލުންއަނބުރާ ވިސްނަވާ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.