ހަޝިޝް ބޭރުކުރަން އުޅެނިކޮށް ޗެންނައި ވައިގެބަނދަރުން ދިވެހިންގެ ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާާ ތަކެއްޗާއެކު އިންޑިއާގެ ޗެންނައި ވައިގެބަނދަރުން ދިވެހިންގެ ދެ މީހަކު ހައްޔަރު ކޮށްފިއެވެ. އެއީ އުމުރުން 22 އަހަރުގެ ޢަބްދުﷲ ޢާލިމް ނަމަކަށް ކިޔާ މީހަކާއި 24 އަހަރުގެ ޝަމްސިއްޔާ މުޙައްމަދު ނަމަކަށް ކިޔާ މީހެކެވެ.

މި ދެމީހުންގެ އަތުން ފެނިފައި ވަނީ 1 ކިލޯގެ ހަޝިޝްއެވެ. ހަޝިޝް އިންޑިއާއިން ބޭރު ކުރަން އުޅެފައި ވަނީ ރަންވަރަނގު (ސިލްވަރ ފޮއިލް) ގައި ބަންދުކޮށް ޝޭމްޕޫ ފުޅިތަކަކަށް އަޅައިގެންނެވެ. މި ތަކެތީގެ އަގެއް ކަމަށް އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއަގައި ޖަހައިފައި ވަނީ 5 މިލިއަން ރުޕީސްއެވެ. މި ދެ މީހުން ރާއްޖެ އަންނަން އޮތީ ސްރީލަންކާ މަގުން ސްރީލަންކަންގައެވެ.

މި ދެ ދިވެހީން އިންޑިއާއަށް ދިޔައީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. ފުރަތަމަ ތިބީ ޓްރިވެންޑްރަމްގައެވެ. ޗެންނައިއަށް ދިޔައީ ފާއިތުވި ހަފުތާގެ ތެރޭގައެވެ. ޗެންނައިގައި ތިބީ އެގްމޯރްގެ ހޮޓަލެއްގައެވެ. މި ހަޝިޝް ފުޅިތައް އެ ދެމީހުނާ ހަވާލު ކުރީ ދިވެއްސަކު ކަމެއް ނުވަތަ އިންޑިއާ މީހަކު ކަމެއް ނޭނގެއެވެ. ނާރކޮޓިކްސް ކޮންޓްރޯލް ބިއުރޯ ނުވަތަ އެންސީބީއަކުން އެ މީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. އެ އޮފީހުން މިހާރު ގެންދަނީ މި މައްސަލައިގެ މުގުލުގައި ތިބީ ކޮން ބައެއްތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

(މަޢުލޫމާތު: ޓައިމްސް އޮފް އިންޑިއާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.