ހިޔާގެ ދެ ކުއްޖަކު މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ގައި ބައިވެރިވެއްޖެ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން ދިޔަ 2 ކުއްޖަކު މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގައި ބައިވެރިވެއްޖެ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިއީ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ. އެ ކުދިން މި ޕްރޮގްރާމް ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ މައިނަރ ހޮޓެލްސް ގްރޫޕްގެ ފަރާތުން ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ އަނަންތާރާ މޯލްޑިވްސްގައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް މައިނަރ ހޮޓެލްސް ގްރޫޕްގެ ފަރާތުން ހޮސްޕިޓަލިޓީ ދާއިރާގެ ލެވަލް 3 ގެ ސެޓުފިކެޓެއް ދޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގައި ރިސޯޓުގެ އެކި ދާއިރާތަކުގައި ޢަމަލީ ގޮތުން މަސައްކަތް ތަޖުރިބާކުރުމުގެ އިތުރުން އޮންލައިން ކްލާސްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގައި މީގެ ކުރިން ވެސް ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ބައިވެރިވެ، ގްރެޖުއޭޓްވެފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމްގެ އިފުތިތާހުކުރުމުގެ ގޮތުން އިއްޔެ ހެނދުނު ހޮޓެލް ޖެންގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް  ޝިދާތާ ޝަރީފް ވިދާޅުވީ އަނަންތާރާ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖެއަށް ލިބިގެން ދަނީ އިޤުތިޞާދީ ފައިދާ އެކަނި ނޫން ކަމަށާއި، އިޖުތިމާޢީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މައިނަރ ހޮޓެލްސް ގްރޫޕް އެކްސްޕްލޯރަރ ޕްރޮގްރާމަކީ މި ފަދަ މުހިންމު އެއް ޕްރޮގްރާމް ކަމަށާއި، މިއީ ހޮސްޕިޓަލިޓީ އަދި ޓުއަރިޒަމްގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ މުސްތަޤުބަލު ބިނާކުރުމަށް ލިބިގެން ދާ މުހިންމު ފުރުޞަތެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަރާތުން އަންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިން ވަޒީފާގެ މާޙައުލަށް ނުކުތުމަށް، ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން އެކި ފުރުޞަތުތައް ތަނަވަސްކޮށްދެމުން ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.