ސޫދާނުގައި ވެރިކަން ހިންގާނެ އިންތިގާލީ ކައުންސިލެއް އެކުލަވާލުމާމެދު އެއްބަސްވުމަކަށް އާދެވިއްޖެ

ސޫދާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަނީ

ސޫދާނުގައި އިންތިގާލީ މަރުހަލާގައި ވެރިކަން ހިންގަން އަސްކަރީންނާއި މަދަނީން ހިމެނޭ ވަގުތީ ކައުންސިލެއް އެކުލަވާލާނެ ގޮތާމެދު ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިއްޖެއެވެ.

ސޫދާނުގައި ގެނައި އިންގިލާބަށް ފަހު ވެރިކަން ހިންގާ އިންތިގާލީ އަސްކަރީ ކައުންސިލާއި، އަލްބަޝީރު ވެރިކަމުން ދުރުކުރުމުގެ ސަބަބަކަށްވި ބިޔަ މުޒާހަރާތައް އިންތިޒާމުކުރާ ފަރާތްތަކާމެދު ދެބަސްވުން އުފެދި މަސްރަހު ހޫނުވެގެން ގޮސްފައި ވެއެވެ. މުޒާހަރާތައް ރޫޅާލަން އަސްކަރިއްޔާއިން ގަދަބާރު ބޭނުންކުރުމުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ މީހުން މަރުވުމާގުޅިގެން މުޒާހަރާކުރާ މީހުންން ވެރިކަން ހިނގާ އަސްކަރީ ކައުންސިލުން އޮތީ ވާހަކަދެއްކުން ހުއްޓާލާފައެވެ.

އިންތިގާލީ ކައުންސިލް އެކުލަވާލުމާ ގުޅޭގޮތުން ދެފަރާތް އެއްމޭޒުދޮށަށް ގެންނެވީ އެފްރިކަން ޔުނިއަން (އޭޔޫ) ގެ މަންދޫބު މުޙައްމަދު ޙަސަން ލަބާތުއެވެ. އޭނާގެ ބެއްލެވުމުގެ ދަށުން ދެފަރާތުން ވަނީ ވާހަކަދެއްކުމުގެ ބުރެއް ބާއްވާފައެވެ.

އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން، އީޔޫގެ މަންދޫބު ވިދާޅުވިގޮތުގައި، ފާއިތުވި ދެ ދުވަހު ދެފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކަށް ފަހު "ތިން އަހަރު ދުވަހަށް ނުވަތަ އެއަށް ވުރެ ދުވަސްކޮޅެއް އިތުރަށް ދެމިގެންދާ، (އަސްކަރީންނާ މަދަނީންނާ ދެމެދު) ވެރިކަން ދައުރުވާ ސީޔަސީ (ސޮވެރިން) ކައުންސިލެއް އެކުލަވާލުމަށް" ދެފަރާތުން އެއްބަސްވެފައެވެ.

"މި އެއްބަސްވުމުގެ ސަބަބުން އިންތިގާލީ ސަރުކާރުގެ އިދާރާތައް އެކުލަވާލުމަށް މަގު ފަހިވެގެންދާނެ. އަހަރުމެން އުއްމީދުކުރަނީ މިއީ އާ ދައުރެއްގެ ފެށުމަށް ވާނެކަމަށް." މުޒާހަރާތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފޯސަސް ފޯ ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) ގެ ލީޑަރަކު ކަމުގައިވާ އަޙްމަދު އައްދަޤައިރު ވިދާޅުވިއެވެ.

އިންތިގާލީ އަސްކަރީ ކައުންސިލް (ޓީއެމްސީ) ނާއިބު ރައީސު ޖެނެރަލް މުޙައްމަދު ޙަމްދާން ދަޤަލޫ (ޙަމީދަތީ) ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެކުލަވާލެވޭ ކައުންސިލް ވެގެންދާނީ "ހުރިހާ ފަރާތެއް ޝާމިލުކުރެވޭ، އެއްވެސް ފަރާތެއް ބާކީ ނުކުރެވޭ" ކައުންސިލަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.