737 މެކްސް-8 ވެއްޓުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ބޮއިންގް ކުންފުނިން 100 މިލިއަން ޑޮލަރު

ބޮއިންގް ކުންފުނިން އުފައްދާފައިވާ 737 މެކްސް-8 މަރުކާގެ ދެ މަތިންދާބޯޓު ވެއްޓި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު ދޭން އެ ކުންފުނިން ނިންމައިފިއެވެ.

"މި ދެ ހާދިސާގައި ހިތާމަވެރި ގޮތުގައި ފުރާނަ ގެއްލުނު މީހުންނަށްޓަކައި އަހަރުމެން، ބޮއިންގް ކުންފުނީގެ އެންމެން، ދެރަވަން. ގެއްލިގެން ދިޔަ ފުރާނަތައް ކުރިއަށް އޮތް އެތައް އަހަރަކަށް އަހަރުމެންގެ ހިތާއި ސިކުނޑިގައި ވާނެ." "ދަތުރުކުރި މީހުންގެ އާއިލާތަކާއި، އެމީހުން ލޯބިވީ މީހުންނަށް އަހަރުމެން ހިތުގެ އަޑިން ހަމްދަރްދީ ވަން. އަދި އަހަރުމެންގެ އުއްމީދަކީ ފުރަތަމަ މިދިން އެހީން އެމީހުނަށް ކޮންވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ލިބުން." އިއްޔެ ބޮއިންގް އިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކަޓިވް އޮފިސާ (ސީއީއޯ) ޑެނިސް މުލެންބާގް ވިދާޅުވެފައި ވެއެވެ.

އަހަރުތަކަކަށް ބަލާހައިގެ ދެވޭ މި ފައިސާއަކީ އޮކްޓޯބަރު 2018 އާއި މާރިޗު 2019 ގައި ވެއްޓުނު ދެ މަތިންދާބޯޓުން މަރުވި 346 މީހުން އާއިލާތަކުން ބަދަލު ހޯދަން އެދި ކޯޓުތަކުގައި ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ދޭ ފައިސާއެވެ.

އެ ފައިސާއިން އެއާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދާއި، ކުދިން ކިޔެވުމުގެ ޚަރަދަށް ފައިސާ ދިނުމުގެ އިތުރަށް، އިޖްތިމާއީ ޕްރޮގްރާމް ހިންގުމާއި، އެންމެ ބޮޑަށް އަސަރުކުރި އަވަށްތަކުގެ ތަރައްގީއަށް ޚަރަދު ކުރެވޭނެއެވެ. ބޮއިންގްއިން ބުނި ގޮތުގައި މިކަން ކުރާނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާއި، އެހީދޭ ސަރަހައްދުތަކުގެ ސަރުކާރުތަކާ ގުޅިގެންނެވެ.

29 އޮކްޓޯބަރު 2018 ގައި އިންޑޮނޭޝިޔާގެ ލަޔަން އެއާގެ ފްލައިޓް ނަންބަރު އެލްއެން610 ޖާވާ ކަނޑަށް ވެއްޓުނު ހާދިސާގައި 189 މީހުން މަރުވެފައި ވެއެވެ. އަދި 10 މާރިޗު 2019 ގައި އިތިއޯޕިޔަން އެއާލައިންސްގެ ފްލައިޓް އީޓީ302 ވެއްޓުމުގެ ހާދިސާގައި 157 މީހުން  މަރުވެފައި ވެއެވެ. މި ދެ ހާދިސާގައި ވެއްޓުނު ބޮއިންގް 737 މެކްސް- 8 މަރުކާގެ ދެ މަތިންދާބޯޓަށްވެސް ދިމާވީ އެއްކަހަލަ މައްސަލަތަކެކެވެ. އިތިއޯޕިޔަން އެއާލައިންސް މަތިންދާބޯޓު ވެއްޓުމަށް ފަހު އެ މަރުކާގެ ބޯޓުތައް އުދުހުން މިހާރު ވަނީ މެދު ކަނޑާލާފައެވެ.

އީޓީ302 ފްލައިޓުން މަރުވި ބައެއް މީހުންގެ އާއިލާތަކުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ނޯމީ ހުސޭން ބުނީ ބޮއިންގް ކުންފުނިން ބަދަލުގެ ގޮތުގައި ދޭން ބުނި ފައިސާއަކީ "އާއިލާތަކަށް ލިބުނު ގެއްލުމާ ގާތްކުރާ ވަރުގެ" އަދަދެއް ނޫން ކަމުގައެވެ.  

"ޝަރީއަތުގެ މަރުހަލާގެ މިހާ ކުރީކޮޅު މިގޮތަށް ފައިސާ ދިނުމަކީ ކުރިން ހިނގާފައިވާ ކަމެއް ނޫން. އެހެނީ، އަދިވެސް ކަން ހިނގައި ދިޔަގޮތް ބަލައި އެނގެން ޖެހޭ އެތައް ކަމެއް އެބަހުރި. މިއީ އިޚްލާސްތެރިކަމެއް ނެތި ކޮށްފައިވާ ކަމަކާ ވައްތަރީ." ބޮއިންގް ކުންފުނީގެ ނިންމުމަށް ފާޑުކިޔަމުން ގާނޫނީ ވަކީލު ރޮބަޓް ކްލިފަޑް ބުނެފައި ވެއެވެ. އޭނާއަކީ 23 އާއިލާއެއްގެ ފަރާތުން ވަކާލާތުކުރާ މީހެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.