ޤައުމީ ވޮލީޓީމާ ރައީސް ބައްދަލު ކުރައްވައިފި

ކުރިޔަށް އޮތް އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) އަށް ތައްޔާރުވުމުގެ ގޮތުން، އިތުރު ތަމްރީނު ހޯދުމަށް ސަރބިއާއަށް މިރޭ ދަތުރުކުރުމަށް ހަމަޖެހިފައިވާ ޤައުމީ ވޮލީ ޓީމުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވައިފައިވަނީ މުލީއާގޭގައެވެ. ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ  މިއީ ޔޫރަޕްގެ ޤައުމެއްގައި އިތުރު ތަމްރީނު ހޯދުމަށް ޤައުމީ ވޮލީ ޓީމަށް ލިބުނު މިފަދަ ފުރަތަމަ ފުރުސަތު ކަމަށެވެ. ސަރބިއާއަކީ ކުޅިވަރުގައި ކާމިޔާބީތަކެއް ހޯދައިފައިވާ ޤައުމެއް ކަމަށާއި އެފަދަ ޤައުމަކުން މިފަދަ ފުރުޞަތެއް ލިބުމުން އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. މި ތަމްރީނުތަކުގެ އަލީގައި އައި.އޯ.އައި.ޖީއިން ދިވެހި ޤައުމީ ވޮލީ ޓީމު މެޑައްޔެއް ހާޞިލްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޤައުމީ ވޮލީ ޓީމުގެ ފަރާތުން ވާހަކަދެއްކެވި އެ ޓީމުގެ ކޯޗު ވިދާޅުވިގޮތުގައި، ސަރބިއާއަކީ ދުނިޔޭގެ ރޭންކުން ވޮލީ އިން 10 ވަނައިގައި އޮތް ޤާއުމުކަމަށާއި، މި ތަމްރީނުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، އައި.އޯ.އައި.ޖީގައި ޤައުމީ ވޮލީ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދެއްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.