ރައްޤާގެ ބޮޑު ކަށްވަޅުތަކެއްގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިއްޖެ

ސީރިޔާގެ ރައްޤާއިން ގިނަ ބަޔަކު އެއްފަހަރާ ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ފެނިއްޖެއެވެ. އެ ކަށްވަޅުން 200 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ނަގާފައެވެ.

ކަށްވަޅުން ނެގި ހަށިތަކުގެ ތެރޭގައި އޮރެންޖް ޖަންޕުސޫޓު ލައްވާފައި ތިބި މެދު އުމުރުގެ ފަސް މީހެއްގެ ހަށިގަނޑުވެސް ފެނިފައިވާ ކަމަށް ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ބުނެފައި ވެއެވެ.

"އެމީހުން ތިބީ ބިޑި އަޅުވާފައި، ބޮލަށް ބަޑިޖަހައި މަރާފައި." ރައްޤާގައި ހަރަކާތްތެރިވާ ޓީމުގެ ވެރިޔާ ޔާސިރު އަލްޚަމީސް ވިދާޅުވިއެވެ. އެމީހުން މަރާލިފަހުން 2 އަހަރުވެދާނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް އަލްޚަމީސް ވިދާޅުވިއެވެ.

އަލްޚަމީސް ވިދާޅުވި ގޮތުގައި ފެނުނު 'ޖަމާޢީ' ގަބުރުސްތާނުގައި ގިނަ ކަށްވަޅުތަކެއް ހުރި އިރު ކޮންމެ ކަށްވަޅެއްގައި ފަސް މީހުން ވަޅުލާފައި ވެއެވެ.  

ކުށްވެރިންގެ ހެދުމުގެ ގޮތުގައި އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިޔާ (އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް) އިން ބޭނުންކޮށްފައި ވަނީ އޮރެންޖް ޖަންޕުސޫޓުގައެވެ.

ރައްޤާއަކީ 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ ސިފައިންގެ އެހީގައި އެރަށުން އެމީހުން ބޭރުކުރަންދެން އައިސިސްގެ ވެރިރަށުގެ ގޮތުގައި އެ ޖަމާއަތުން ބަލަމުން އައި ރަށެވެ.

'ޖަމާޢީ' ކަށްވަޅު ކޮނުމުގައި ހަރަކާތްތެރިވި މީހަކު ބުނި ގޮތުގައި ރައްޤާގެ ދެކުނުގައި އެތަން ފުރަތަމަ ފެނިފައި ވަނީ ފާއިތުވި މަހުގެ ކުރީކޮޅުގައެވެ. އަދި ޖުމްލަ 800 އެއްހާ މީހުން އެތަނުގައި ވަޅުލާފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.