އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަނާކުރޭ: ސްކޫލު ކުދިންގެ އިލްތިމާސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ހުރިހާ ބާވަތެއްގެ ޕްލާސްޓިކް 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މަނާކުރުމަށް ގޮވާލާ، ސްކޫލު ކުދިން އިލްތިމާސް ގެ ޤާރާރު މަޖިލީހުން ފާސްކުރައްވައިފި އެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން މި ޤަރާރުގައި ސްކޫލު ކުދިންގެ ފަރާތުން ހަ ކަމަކަމަށް އިލްތިމާސްކޮށްފައި ވެއެވެ.

އެ ކަންކަމުގެ ތެރޭގައި އިތުރަށް ހިމެނެނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދުކުރަމުން ގޮސް 2024 ގެ ނިޔަލަށް  އެފަދަ ފުޅި ރާއްޖޭގައި މަނާ ކުރުމާއި

އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ހޮޅިއާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް ރާއްޖޭގައި މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުންކުރުން ހުއްޓުވުމަށް ބާރު އެޅުމާއި، އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބާވަތްތައް އާންމުން ބޭނުންކުރުމުން ދުރުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އެއްފަހަރު ބޭނުންކޮށް އުކާލެވޭ ކޮތަޅާއި ފުޅިއާއި ހޮޅި ފަދަ ތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭ ތިމާވެއްޓާ ރައްޓެހި ތަކެތި ރާއްޖޭގައި ކުރިއެރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

އެއް ފަހަރު ބޭނުންކޮށްފައި  އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން އިސްނަގައިގެން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިލްތިމާސް ޤަރާރެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައިވަނީ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯރޓެއްގައެވެ. ޤަރާރު މަޖިލީހުން ފާސްކުރެއްވީ 64 މެމްބަރުންގ ޢިއްތިފާޤުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.