މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަން ފޮނުވަން އެމް.ޑީ.ޕީ އާއި، އަދާލަތަށް އަންގައިފި

ސަރުކާރުން ފެއްޓެވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދަޢުވަތު އަނެއްކާވެސް އިދިކޮޅު އެމްޑީޕީއާއި ޢަދާލަތު ޕާޓީއަށް ފޮނުއްވައި މަޝްވަރާތަކުގައި އެދެޕާޓީން ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދެޕާޓީއަށް އަންގައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މިއީ ދިވެހިރައްޔިތުންގެ ހެވާއި ލާބަޔާއި، ޤައުމުގެ ހަމަޖެހުމަށް މަސައްކަތްކުރުމަށްޓަކައި، ދިވެހި ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ފަށްޓަވާފައިވާ މަޝްވަރާތަކެކެވެ. "މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވައިދެއްވުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި، އަދާލަތު ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާވެސް ދަންނަވައިފިއެވެ." ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕުގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ފަދައިން، އަދި ދިވެހި ސަރުކާރުންވެސް މިހާ ތަނަށް އެދެމުން އައި ފަދައިން، އެއްވެސް ޝަރުޠަކާ ނުލައި، ހުރިހާ ފަރާތްތަކަކުންވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި ސަރުކާރުން ފާހަގަކުރައްވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ. އަދި މިހާތަނަށް އެމް.ޑީ.ޕީ. އިންނާއި، ޢަދާލަތު ޕާޓީން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދެއްވާފައިނުވާތީ، އެކަމާ ސަރުކާރުން ހިތާމަކުރައްވާކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.