ސިފައިންގެ އެއަރ ވިންގް ތަރައްޤީކުރަން އިންޑިއާއިން އެހީދޭނެ

ސިފައިންގެ އެއަރ ވިންގް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އެހީތެރިކަމެއް ވެދެއްވާނެކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އެފަރާތުން މިކަން ހާމަކުރީ މިމަހުގެ 19 ވަނަ ދުވަހުން، ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް، ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާ އަށް ކުރެއްވި މި ދަތުރުފުޅުގައި، އިންޑިއާގެ އަސްކަތީ އިސްބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މިދަތުރުފުޅުގައި މިމަހުގެ 19 ވަނަ ދުވަހު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ މރ. މަނޯހަރު ޕަރިއްކާރު އާއި އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އެއަރ ސްޓާފާއި، ޗީފް އޮފް ނޭވަލް ސްޓާފްގެ އިތުރުން ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއަރމަން އާއި، ޑިފެންސް ސެކެރެޓަރީއާ ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާއިއެކު ވަކިވަކިން ބޭއްވެވި މިބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެެވެ. އަދި މި މަޝްވަރާތަކުގައި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ބޭނުންވާ ކަންތައްތައް އިންޑިއާ އަސްރިޔާއިން ވަނީ އޮޅުންފިލުއްވާފައެވެ. އަދި މި މަޝްވަރާތަކުގައި ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އަސްކަރީ ތަމްރީނުތަކުގެ އިތުރު ފުރުޞަތުތައް ހޯއްދެވުމަށް މަގުފަހި ކޮށްދެއްވާ، ޚާއްޞަގޮތެއްގައި ސިފައިންގެ އެއަރ ވިންގް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އެހީތެރިކަމެއް ވެދެއްވާނެކަމަށް އިންޑިއާގެ އަސްކަރީ ވަފުދުން ވަނީ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދިވެހި އަސްކަރިއްޔާގެ ތަރައްޤީއާއި ކުރިއެރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އިންޑީއާގެ ސަދަން ނޭވަލް ކޮމާންޑުން ހިންގާ ތަމްރީނު މަރުކަޒަށާއި، އިންޑިއަން ނޭވަލް އެއަރ ސްކޮޑްރަން އާއި ނޭވަލް އެއަރކުރާފްޓް ޔާޑް އަދި ޖޮއިންޓް އޮޕަރޭޝަން ސެންޓަރގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ ބައެއް އުޅަނދަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މި މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމުން އެމަރުކަޒުތަކުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާގެ ކޮޗިންގައި އެކިއެކި ތަމްރީނުތައް ފުރި ކުރަމުންގެންދާ ދިވެހި ސިފައިންނާއި ބައްދަލުކުރައްވާ ތަމްރީނުތައް ކުރިއަށްދާގޮތް އޮޅުންފިލުއްވާ އެފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝަޔާމް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ހާމިދު ޝަފީގް ވަނީ ބައިވެެރިވެވަޑައިގަންނަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.