ރަހިމުގެ ދޮރަށްޖެހޭ ކެންސަރާ ދެކޮޅަށް އައްޑޫގައި ވެކްސިންދޭން ފަށައިފި

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި ފަށައިފައިވާ ވެކްސިން ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) އައްޑޫސިޓގައި ދޭން ފަށައިފިއެވެ.

 އެވެކްސިން އައްޑޫގައި ފުރަތަމަ ދީފައިވަނީ ހުޅުމީދޫ ސްކޫލްތަކުގައެވެ. އިތުރު ސްކޫލްތަކުގެ ބެލެނިވެރިންނަށް ވެކްސިނާ ބެހޭ މަޢުލޫމާތު ދިނުމަށްފަހު އެ އަވަށެއްގެ ސިއްޙީމަރުކަޒުންނާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނެއެވެ. މިއީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުމަށް ސަރުކާރުން މުޅިން ހިލޭ ޖަހައިދޭ ވެކްސނެކެވެ. ވެކްސިން ޖަހައިދެނީ ޢުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެކުދިންނަށް ދޭނީ މި ވެކްސިންގެ 2 ޑޯޒެވެ.

މިއީ ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުމަށް ކޮންމެހެންވެސް ޖަހަން މުހިންމު ވެކްސިނެއް ކަމަށް އެޗުޕީއޭއިން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ފުރުސަތު ނަގައިނުލައި ޚާއްސަ ސަމާލުކަމެއްދީގެން ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކުރެއްވިއެވެ.

މިއީ މި ކެންސަރާ ދެކޮޅަށް ރާއްޖޭގައި ފަށައިފައިވާ ޤައުމީ ކެމްޕޭންގެ ދަށުން ޖަހާ ވެކްސިނެކެވެ.

ޅަ ޢުމުރުގައި މި ވެކްސިން ދެވިއްޖެ ކަމަށްވާނަމަ މުސްކުޅި ޢުމަރަށްދާއިރުވެސް ވެކްސިންގެ އަސަރު ހުންނާނެވެ. މިއީ މިއަހަރުގެ މާޗު 21 ޖޫން 21 އަށް ރާއްޖޭގައި ހިންގާ ޤައުމީ ކެމްޕޭނެއްގެ ދަށުން ޖަހާ ވެކްސިނެކެވެ.

މި ކެމްޕޭން ފަށްޓަވައި ދެއްވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެފައިވަނީ ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ. އެ ބަލީގެ ވޭނުގައި ކިތައްމެ މަދު ބަޔަކު ތިއްބަސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ވާޖިބެއް ކަމަށް ވިދާޅުވި އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.