ޖަޒީރާ ވަންތަކަން ގެއްލޭގޮތަށް މަޝްރޫޢުތައް ހިންގުން ރަނގަޅެއްނޫން: ޑރ. ޙުސައިން

ރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލޭގޮތަށް ރަށްރަށް ތަރައްޤީ ކުރުން ހުއްޓާލަންޖެހޭ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ތިމާވެއްޓާނެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ކަނޑާއި، ވިލާއި، ފަޅާއި ފަރުތަކަކީ ޤުދުރަތުން ދެއްވައިފައިވާ ހަދިޔާއެއް ކަމަށެވެ. އެހެންކަމުން އެ މާޙައުލުތައް ނެތިގެންދާ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި އެހެން ގޮތެއް ހޯދަންޖެހޭ ކަމަށެވެ.

"ކޮންމެ ރަށެއްގައި ބަނދަރެއް ހެދުމުން އެހެންދިމާއަކުން ރަށްގިރަން ފަށާ. އެކަން ޙައްލު ކުރުމަށް މިޖެހެނީ ރަށްވަށައި ބޮޑުހިލައިގެ ތޮއްޓެއްލާން. އެކަން ކުރުމުން ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލި ޖާޒީރާ ވަންތަ ސިފަ އެއްކޮށް ނެތިގެން ހިނގައިދާނެ. ނަތީޖާއަކަށްވާނީ ރާއްޖޭގެ ޤުދުރަތީ ރަށްރަށް އޭގެ ގޮތުގައި އަންނައޮތް ޖީލުތަކާ ހަމައަށް ވާސިލު ކުރުމުގެ ފުރުސަތު ގެއްލުން،" ޑރ. ޙުސައިން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގޮނޑުދޮށްތަކާއި މުރައިކައިގެ ބަގީޗާތައް ދުށުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތް ކުރަމުންދާއިރު ތަރައްޤީގެ ނަމުގައި ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ފަތުރުވެރިން ދެކެން ބޭނުންވާ ތަންތަން ހުސްވެ މުޅިން އާޓިފިޝަލް ތަންތަނަށް ބަދަލުވެދާނެ ކަމަށެވެ. އެހެންވެއްޖެ ކަމަށްވާނަމަ ފަތުރުވެރިކަން ހީނަރުވެ އިޤްތިސާދީ ގޮތުންވެސް ރާއްޖެއަށް ދެރަގޮތްތަކެއް މެދުވެރިވެދާނެ ކަމުގެ ފުރުސަތުވެސް ކުޑަ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.