އެފްރިކާގެ މެދުތެރޭ ގައުމެއް ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފާއިތުވި އަހަރު އެބޯލާ ފެތުރެން ފެށިފަހުން، އެބޯލާ ޖެހިފައިވާ މީހަކު އެގައުމުން ބޭރުން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ. ޔޫގެންޑާއިން ވަނީ އެ ގައުމަށް ދަތުރުކުރި ކޮންގޯގެ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް އެބޯލާ ޖެހިފައިވާކަން ޔަގީންކޮށްދީފައެވެ.
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ފެނިފައިވާ ނިސްބަތުން އެންމެ ގިނަ މީހުން މަރުވާ ބަލި އިތުރު ގައުމަކަށް ފެތުރުމާއެކު އދ. ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ޔޫގަންޑާއިން ފެނުނު ކުއްޖާއަކީ މި މަހުގެ 9 ވަނަ ދުވަހު އާއިލާއާއެކު ކޮންގޯއިން ޔޫގަންޑާއަށް ދިޔަ ކުއްޖެކެވެ.
ކޮންގޯއިން ބޭރަށް ވައިރަސް ފެތުރުމާއެކު ދުނިޔޭގައި އެބޯލާގެ ކުއްލި ހާލަތު އިއުލާންކުރަން ޑަބްލިޔުއެޗްއޯއަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ފާއިތުވި އެޕްރީލް މަހު ކޮންގޯގައި އެބޯލާގެ ހާލަތާމެދު މަޝްވަރާކުރަން ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރުންގެ ކޮމިޓީ ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ އަދި ދުނިޔޭގައި އެބޯލާގެ ކުއްލި ހާލަތު އިއުލާންކުރަން ނުޖެހޭކަމަށެވެ. އެހެންނަނަވެސް، އިއްޔެ ޔޫގަންޑާއިން އެބޯލާ ޖެހިފައިވާ އެކަކު ފެނުމާ ގުޅިގެން މި ނިންމުން މުރާޖައާކުރުން އެކަށީގެން ވެއެވެ.
ޔޫގަންޑާއިން ބުނެފައިވާ ގޮތުން އެބޯލާ ޖެހިފައިވާ ކުއްޖާއަކީ ޖަނާޒާއެއްގައި ބައިވެރިވުމަށް އާއިލާއާއެކު ޔޫގަންޑާގެ ހުޅަނގުގައި އޮންނަ ކަސޭސޭއިން ކޮންގޯއަށް ދިއުމަށް ފަހު އެނބުރި އައި ކުއްޖެކެވެ.
"އެކުއްޖާ މިހާރުވަނީ އައިސޮލޭޝަން ޔުނިޓަށް ގެންދެވިފައި. އެ ކުއްޖާގެ އާއިލާ މީހުންވެސް ގާތުން ބަލަމުން މިގެންދަނީ. އޭނާއަށް ފަރުވާދެމުން އެބަދޭ." ޔޫގަންޑާގެ ހެލްތު މިނިސްޓަރު ޖޭން ރުތު އަސެންގް ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ އޮގަސްޓު މަހުގެ ފުރުތަމަ ދުވަހު ޑީއާރް ކޮންގޯގެ އުތުރު ކިވޫ ޕްރޮވިންސުން ފުރަތަމަ ފެނި ޖެހިގެން އޮތް އިޓުރީއަށް ފެތުރު ފަހުން ކޮންގޯގައި އެބޯލާ ކޮންޓްރޯލުކުރަން ކުރި މަސައްކަތް ކާމިޔާބު ވެފައި ނުވެއެވެ. އޭގެ ފަހުން އަހަރެއްވާން ކައިރިވެފައި ވާއިރު އެބޯލާ ޖެހިގެން ކޮންގޯގައި މަރުވި މީހުންގެ އަދަދު ވަނީ 2000 އަށް އަރާފައެވެ.
މިހާތަނަށް އެންމެ ބޮޑަށް އެބޯލާ ފެތުރިފައި ވަނީ 2014 އިން 2016 އަށެވެ. އެ ފަހަރު ލައިބީރިޔާއާއި، ގިނީއާއި، ސިއެރާ ލިއޯންގައި އެބަލި ފެތުރި 11300 މީހުން މަރުވެފައި ވެއެވެ.
އެބޯލާއަކީ ޖަންގަލީގައި ދިރިއުޅޭ ރާމާމަކުނާއި، ކަށިއޫރު ފަދަ ޖަނަވާރުގެ ފަރާތުން އިންސާނުގެ ގަޔަށް އަރައި ލޭގެ ޒަރީއާއިންނާއި، ހަށިގަނޑުން ނުކުންނަ އެހެން ދަޔައިގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި އެބަލިޖެހޭ މީހުންގެ ތެރެއިން އެވްރެޖްކޮށް %50 މީހުން މަރުވެއެވެ. ބައެއް ހާލަތްތަކުގައި މަރުވާ ނިސްބަތް %90 އަށް ވެސް ދެއެވެ.