މާލެއިން އުކާލެވޭ ކުނީގެ ބޮޑުބަޔަކީ ކާއެއްޗެހި: މިނިސްޓަރ

މާލެއިން އުކައިލެވޭ ކުނީގެ ތެރެއިން 60 އިންސައްތަ އަކީ ބަދިގެ ތަކުން ބާކީކޮށްލާ ކާއެއްޗެހި ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި އިންޓަރވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ އުކާލެވޭ ތަކެތި މަދު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން އުކާލަންޖެހޭ ވަރަށް ނުވަތަ އިސްރާފު ކުރަންޖެހޭ ވަރަށް އެއްޗެހި ކެއްކުން ހުއްޓާލަންޖެހޭ ކަމަށެވެ. "ގިނައިން ކެއްކިއްޖެ ނަމަ ފްރިޖުގައި ބަހައްޓައިގެން ނަމަވެސް ދެވަނަ ފަހަރަށް ބޭނުން ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ. އެހެން ނޫނީ ހައްތާވެސް މިބައިދާނީ އިތުރުވަމުން،" ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިސްރާފު ކުރެވޭ ވަރަށް ކެއްކުމަކީ ވެސް އަތުން ބޭކާރު ގޮތުގައި ހޭދަވާ ފައިސާ ކަމަށެވެ. އެހެން ކަމުން ހުސްނުކުރެވޭ ވަރަށް ކެއްކުމުގެ އާދަ ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފަހުގެ ދިރާސާތައް ދައްކާ ގޮތުން ތިމާވެއްޓަށް ބޮޑަށް އަސަރުކުރަނީ ސީދާ އިންސާނުންގެ ޢަމަލުތައް ހުންނަ ގޮތުން ކަމަށެވެ. އެހެންވީމާ އެފަދަ ހުރިހާ ކަމަކުން އިންސާނުން ދުރުވެ ތިމާވެއްޓާ ރައްޓެހި ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.