ނިއުކުލިޔާ ހަތިޔާރު ނަހަދަނީ އެމެރިކާގެ ސަބަބުންނެއް ނޫން، ހަރާމް ކަމަކަށް ވާތީ: ޚާމަނައީ

އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ

އީރާނުގެ ކިބައިގައި ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ އިލްމީ ގާބިލުކަން އެބަހުރި ކަމަށާ، އެކަން ނުކުރަނީ އީރާނު ގަބޫލުކުރާ އުސޫލުތައް އެކަމަށް ތަންނެދޭތީ ކަމަށް އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީ ވިދާޅުވެއްޖެއެވެ.

"އަހަރުމެންގެ ނިއުކުލިޔާ ޤާބިލުކަމަކީ އިލްމީ ގޮތުން ބޭނުންކުރެވޭ ކަމެއް. އަހަރުމެން ނިއުކުލިޔާ ހަތިޔާރުގެ ފަހަތުން ދާން ބޭނުމެއް ނުވޭ. އެމެރިކާގެ ފަރާތުން އޮތް ބިރެއްގެ ސަބަބުންނެއް ނޫން. އަހަރެމެންގެ އުސޫލުތަކުގައި ހިފަހައްޓާތީ. އެހެނީ، ފިގުހީ ގޮތުންވެސް އަދި ޝަރުއީ ގޮތުންވެސް އަހަރުމެން ދެކެނީ އެއީ ހަރާމް ކަމެއް ކަމުގައި." ޚާމަނައީ ވިދާޅުވިކަމަށް އީރާނުގެ އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

"ބައެއް މީހުން ބުނި، އަހަރުމެން ނިއުކުލިޔާ ހަތިޔާ ހަދަމާހޭ، އެކަމަކު ބޭނުންނުކުރާނީއޭ، މިއީ ގޯސް ވާހަކައެއް. އެހެނީ، އަހަރުމެން ބޮޑު އަގުގައި އެ ހަދާފައި ބޭނުންނުކޮށް ބަހައްޓަނީ. އަދި އަނެއްކޮޅުގައި ތިބި މީހުންނަވެސް އެނގޭ އަހަރުމެން އެ ބޭނުން ނުކުރާނެކަން. އޭރުން އެއީ އެއްވެސް ފައިދާއެއް ނެތް އެއްޗަކަށްވީ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމާ ގުޅޭގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ޚާމަނައީ ވިދާޅުވީ "އެއްވެސް މައްސަލައަކާ ބެހޭގޮތުން އަހަރުމެން މަޝްވަރާ ނުކުރާނަން. އިންގިލާބުގެ އަސާސީ މައްސަލަތައް ކަމުގައިވާ ގައުމުގެ ދިފާއީ ކުޅަދާނަކަން ފަދަ ކަންކަމަކީ މަޝްވަރާކުރެވޭނޭ ކަންކަމެއް ނޫން."

ރައީސު ޓްރަމްޕް މެދުއިރުމައްޗަށް އެމެރިކާގެ ހަނގުރާމަތީ މަނަވަރުތަކާ، މަތިންދާބޯޓުތަކާ ސިފައިން ފޮނުއްވައިގެން އުޅުއްވަނީ ހަނގުރާމަކުރައްވަން ނޫންކަމަށް ގިނަ މުރާސިލުން ދެކެއެވެ. ޓްރަމްޕް ބޭނުންފުޅުވަނީ އެމެރިކާއާ ވާހަކަދައްކަން އީރާނަށް މަޖުބޫރުކުރެއްވުމެވެ. އޭނާ ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް އީރާނާއެކު އެކުލަވާލުމަށެވެ. އެހެންނަމަވެސް ޚާމަނައީ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ.

"އީރާނު އެއްވެސް ހާލެއްގައި އެމެރިކާއާ ވާހަކަނުދައްކާނެ. ކުރިންވެސް ބުނެވި ދިޔަ ފަދައިން އެމެރިކާއާ ވާހަކަ ނުދެއްކުން ގުޅިފައިވަނީ ދެކަމަކާ. ފުރަތަމަ ކަމަކީ އެއީ އެއްވެސް ބޭނުމެއް އޮތް ކަމެން ނޫން. ދެވަނަ ކަމަކީ އެކަމުން  ވާނީ ގެއްލުން." އާޔަތުﷲ ޚާމަނައީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.