އެގާރަ އެމްބިޔުލާންސް ގަތުމަށް އިންޑިއާއިން ހިލޭ އެހީ ދީފި

ރާއްޖޭގެ ހޮސްޕިޓަލުތަކުގައާއި ހެލްތު ސެންޓަރުތަކުގައި ބޭނުންކުރުމަށް 11 އެމްބިއުލާންސް ގަތުމަށް 7،700،000 ދިވެހި ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވައިފި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވީ މިއީ ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 6,930,006.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ދެއްވި އެހީއެއް ކަމަށެވެ.

މި އެހީ ރާއްޖެއަށް ދިނުމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެމްބިޔުލާންސް ތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިކަން ނައްތާލުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެމްބިއުލާންސް ޚިދުމަތުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ބޭނުންވާ ފަރުވާ އެކަމަށް ޚާއްސަ، ރައްކާތެރި މާހައުލެއްގައި ފޯރުކޮށްދިނުމަށް މަގަފަހިވެގެންދާނެ ކަމަށާއި، ސިއްޙީ ފަރުވާދޭ މަރުކަޒަކަށް އަވަހަށް ވާސިލްވުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.