ފާއިތުވި އެޕްރީލް މަހު 19 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވުނު އާއްމު އިންތިޚާބުގައި ހޮވި ކްނެސެތު (އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް) އުވާލުމަށް އެ މަޖިލީހުގެ މެންބަރުން ރޭ ފާސްކޮށްފިއެވެ. މިކަމަށް ލީ ވޯޓުގައި 45 މެންބަރުން ދެކޮޅަށް ވޯޓުލިއީރު، މަޖިލިސް އުވާލަން 74 މެންބަރަކު ތާއީދުކުރިއެވެ.
އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީން 35 ގޮނޑި ކާމިޔާބުކުރުމަށް ފަހު ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ނަތަންޔާހޫ ފެށިއެވެ. 120 މެންބަރުން ހިމެނޭ ކްނެސެތު ގައި އަޣުލަބިއްޔަތު ލިބޭ ވަރަށް ބައިވެރިން ހަމަކުރުމަށް ފަހުގައެވެ.
އެހެންނަމަވެސް، ނަތަންޔާހޫގެ ކޯލިޝަނުގައި ހިމެނުނު އަލްމާނީ (ސެކިއުލާ) ޕާޓީތަކާއި، ޔަހޫދީ ދީނީ ޕާޓީތަކުގެ މެދުގައި ޚިޔާލު އެއްގޮތް ނުކުރެވުމުގެ ސަބަބުން އެތައް ހަފުތާގެ މަސައްކަތުންވެސް ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލެވޭ ގޮތް ނުވިއެވެ. އެހެންކަމުން، ކްނެސެތުން އޭނާއަށް ރޭ (ބުދަދުވަހުގެރޭ) މެންދަމާ ހަމައަށް ފުރުސަތު ދީފައި، އެ ސުންގަޑިއަށް ސަރުކާރު އެކުލަވާނުލެވިއްޖެނަމަ ކްނެސެތު އުވާލަން ނިންމިއެވެ.
ކްނެސެތުގެ އާ ދައުރުގެ މެންބަރުން ހުވާކުރިތާ ބަރާބަރު އެއްމަސްވީ ދުވަހު އެ މެންބަރު މި ވަނީ އެ މަޖިލިސް އުވާލައި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު އަލުން އިންތިޚާބު ބާއްވަން ފާސްކޮށްފައެވެ.
މިއީ އިސްރާއީލުގެ ތާރީޚުގައިވެސް ބޮޑުވަޒީރަކަށް އައްޔަންކުރެވުނު މީހަކާ ސަރުކާރު އެކުލަވާލަން ރައީސު ހަވާލުކުރުމަށް ފަހު އޭނާއަށް އެކަން ކާމިޔާބު ނުކުރެވިގެން އިންތިޚާބަކަށް ދާން ޖެހުނު ފުރަތަމަ ފަހަރެވެ.
ކްނެސެތުގެ މިނިންމުމަކީ އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒްއަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނުދިނުމަށް ކުރި ކަމެއް ކަމުގައި ބެލެއެވެ. މަޖިލިސް އުވާނުލިނަމަ އިސްރާއީލުގެ ރައީސު ރެއުވެން ރިވްލިން ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރާނީ ގަންޓްޒްއާއެވެ. އޭނާގެ ޕާޓީއަކީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަށް ވާތީއެވެ.