ރައްޔިތުންގެ މަޖިލީހުގެ ހިންގާ ޤަވާޢިދު އެއްމަސް ދުވަހުގެ ތެރޭގައި އިޞްލާޙު ކުރުމަށް މަޖިލީހުން ނިންމައިފި

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިންގާ ޤަވާއިދު އެއްމަސް ދުވަހުގެ ތެރޭގައި އިޞްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި އެ މަސައްކަތް 11 މެންބަރުންގެ ކޮމެޓީއަކަށް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގައި މިހާރު ޢަމަލުކުރަމުންދާ ޤަވާޢިދު އެއްމަސް ދުވަހުގެ ތެރޭގައި އިޞްލާހު ކުރުމަށް ކޮމެޓީއަކަށް ފޮނުވުމަށް ފާސްކުރެއްވީ ވޯޓްގައި ބައިވެރި ވަޑައިގެންނެވި 80 މެމްބަރުންގެ ޢިއްތިފާޤުންނެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފު ހުށަހަޅުއްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ތާއީދު ކުރެއްވި ހުށަހެޅުމުގައި ޤަވާއިދު އިސްލާޙު ކުރުމަށް އެއްމަސް ދުވަސް ކަނޑައެޅުމާއި އެކު ޤަވާއިދު އިޞްލާޙު ކުރެވެންދެން މިހާރުވެސް ޢަމަލު ކުރަމުންދާ ޤަވާއިދަށް އަމަލު ކުރަމުން ގެންދެވޭނެއެވެ. އަދި ކޮމެޓީން ޤަވާޢިދު އިޞްލާހު ކުރަމުންދާއިރު ވެސް ދުވަހުން ދުވަހަށް ބޭނުންވާ އިޞްލާހުތައް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ފާސްކުރަމުން ގެންދެވުމަށް ވެސް އެ ހުށަހެޅުމުގައި ވެއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ހުށަހެޅުއްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ތާއިދު ކުރެއްވި 11 މެމްބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒާއި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙުމަދު އާމިރާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުޞައިންނާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަޞަން ލަތީފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ހުޅުނދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ޝިރާޖާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރެވެ. މި ކޮމެޓީވެސް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރި ވަޑައިގެންނެވި 79 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޤަވާއިދު އިޞްލާޙު ކުރުމުގެ މައްސަލައިގައި ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށް ބޮޑެތި އިޞްލާހުތަކެއް ގެންނަންޖެހޭ ކަމުގައެވެ. ނިމިދިޔަ މަޖިލީހުގައި ވެސް ޤަވާއިދަށް ގެންނެވުމަށް މަސައްކަތްކުރެއްވި އިސްލާހުތައް ނުގެނެވި ދިޔަކަން އެމަޖިލީހުގައި ވެސް އުޅުއްވި ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީހުގެ ޤަވާޢިދު އިޞްލާހު ކުރާއިރު ސިޔާސީ ޕާޓީތަކުން އިންތިޚާބުވި މެންބަރުންނަށް ލިބޭފަދަ ހަމަހަމަ ފުރުޞަތު އަމިއްލަ ގޮތުން އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުނަށް ވެސް ލިބޭނެ ގޮތަށް ޤަވާޢިދު އިސްލާޙު ކުރުމަށް، އަމިއްލަ ގޮތުން އިންތިޚާބުވެވަޑައި ގެންނެވި ބައެއް މެމްބަރުން އެދި ވަޑައިގެންނެވެ. މިކަމަށް އެންމެ ބޮޑަށް ވަކާލާތުކޮށް ވާހަކަ ދެއްކެވީ އަމިއްލަގޮތުން ކާށިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ޢަބްދުﷲ ޖާބިރެވެ. އަދި މަޖިލީހުގެ އިދާރީ މަސައްކަތްތަކާއި މަޖިލީހުގެ މަސައްކަތް ހަލުއި ވާނެ ގޮތަށް ޤަވާޢިދު އިޞްލާޙުކުރެއްވުމަށް ވެސް ބަހުސްގައި ބައިވެރި ވަޑައިގެންނެވި މެމްބަރުން އެދިވަޑައިގެންނެވިއެވެ. އެގޮތުން މިހާރަށްވުރެ އިތުރު ކޮމެޓީތައް އެކުލަވާލެވޭގޮތަށް ޤަވާއިދު އިޞްލާޙުކުރެއްވުމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެދި ވަޑައިގެންނެވިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ވަނީ މިއަދުގެ ޖަލްސާގައި ވޯޓްގައި ބައިވެރި ވަޑައިގެންނެވި 81 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފައެވެ. ޖޭއެސްސީއަށް ޙިސާންގެ ނަން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. ތާއިދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަޤްރީރު ކުރެއްވުމަށް ދައުވަތު އެރުވުމަށް ވެސް ފާސް ކުރެއްވީ ވޯޓްގައި ބައިވެރި ވަޑައިގެންނެވި 80 މެމްބަރުންގެ ޢިއްތިފާޤުންންވެ. މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޖޫންމަހުގެ ހަތަކުން އަށަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.