ޖުޑިޝަރީ އިސްލާހު ކުރުމަށް އެންމެ މުހިންމު ކަމަކީ ޖޭއެސްސީއަށް ސިޔާސީ މީހުން ނުލުން: ޖާބިރު

ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރަން ބޭނުންވާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޔާސީ މީހުން އައްޔަން ކުރަމުން އައި އައުން ހުއްޓާލަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރޭ ހުވާ ކުރެވިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ މެމްބަރެއްގެ ބަހުސްގައި ޖާބިރު މިއަދު ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރެވޭނީ ޖޭއެސްސީއަކީ ސިޔާސީ މީހުން އެތަނުގައި ނުތިބޭ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ކޮމިޝަނަކަށް ހެދިގެން ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރު ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައި އޮންނަ ގޮތް ބަދަލު ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ދައުލަތުގެ ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އިތުރު މެމްބަރަކު އެ ކޮމިޝަނުގައި އިންނެވުމަކީ އެ ކޮމިޝަން އިސްލާހު ކުރަން އޮތް ފުރުޞަތު ހަނިވާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންވެ ކޮމިޝަން ސިޔާސީ މީހުން ނެތް، މިނިވަން މެމްބަރުން ތިބޭ ކޮމިޝަނަކަށް ހެދިގެން ނޫނީ ޖުޑިޝަރީ އިސްލާހު ކުރެވެން ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިހިނގާ 19 ވަނަ މަޖިލީހަށް ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުމުގެ ބާރު އެބައޮތް ކަމަށާއި ޤާނޫނު އަސާސީ ބަދަލުކޮށްގެންވެސް އެކަން ކުރެވެން މިއަދު މަޖިލީހަށް އެބައޮތް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.