ލިޔެކިޔުން އޮޅުވާލުމާއި އިންސާނީ ވަގުފާރީގެ ތުހުމަތުގައި 24 ކުންފުންޏެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ގިނަ މަޝްރޫޢުތަކަކަށް ބޭނުންވާ ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ލިޔެކިޔުންތައް އޮޅުވާލައިފައިވާ ކަމަށް ބެލެވުނު 24 ކުންފުންޏެއްގެ މައްސަލަ ބެލުމަށް ފުލުހަށް ހުށަހަޅައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމައްސަލަ ފުލުހަށް ހުށަހެޅުއްވީ އިއްޔެ ކަމަށެވެ. ލިޔެކިޔުންތައް އޮޅުވާލި ކަމަށް 67 ކުންފުންޏަކަށް އިމިގްރޭޝަނުން ވަނީ ތުހުމަތު ކުރައްވައިފައެވެ. އިމިގްރޭޝަނުންވަނީ އިންސާނީ ވަގުފާރި ހިންގުމުގެ ތުހުމަތުވެސް އެކުންފުނިތަކަށް ކުރައްވައިފައެވެ.

މި މައްސަލަތައް ތަޙުޤީޤު ކުރުމަށް ފުލުހަށް ފޮނުވާފައިވަނީ އެކަމާ ގުޅިގެން އިމިގްރޭޝަނުން ލިބެންހުރި ތަޙުޤީޤަށް ބޭނުންވާނެ އެންމެހާ މަޢުލޫމާތާއެކުގައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެގޮތުން އެ 24 ކުންފުނީގެ އިސްވެރިންނާއި ތުހުމަތުކުރެވޭ ކަންކަމުގައި ޝާމިލްވެފައިވާ ކަމަށް ބެލެވޭ އެންމެންގެ މަޢުލޫމާތު ވެސް ފުލުހުންނާ ޙިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

"މައްސަލަތަކުގެ ތަޙުޤީޤު ނިމެންދެން، މި 24 ކުންފުނީގެ ޙިއްސާދާރުންނާއި މި މައްސަލަތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް، އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ ބިދޭސީންނާ ގުޅުންހުރި އެންމެހާ ޚިދުމަތްތަކެއްވަނީ މެދުކަނޑާލައިފައެވެ." އިމިގްރޭޝަނުގެ ބަޔާނުގައިވެއެވެ.

މި ފަރާތްތަކުގެ އިތުރުން ބިދޭސީންނާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުއްޓުވުމުގެ ގޮތުން އިމިގްރޭޝަނުން ދިރާސާ ކުރަމުންދާ އެންމެހާ ކުންފުނިތަކާއި ފަރުދުންގެ މަޢުލޫމާތު އިކޮނިމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާ ވެސް ޙިއްސާ ކުރައްވައިފައިވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.