ސިޓީ ސްކެއަރ ސަރަޙައްދުން ނެގި ރުއްތަކުގެ ބަދަލުގައި ރުއް އިންދައިފި

އައްޑޫސިޓީ ހިތަދޫ ސިޓީ ސްކެއަރ ސަރަޙައްދުގައި ޕާކެއް ހަދައި އެތަން ތަރައްޣި ކުރުމަށްޓަކައި އެސަރަޙައްދުން ނެގި 26 ރުކުގެ ބަދަލުގައި 52 ރުއް މިއަދު އިންދައިފިއެވެ.

މިރުއްތައް އިންދައިފައިވަނީ ހިތަދީ މާކިޅި ފިނިމައިޒާން ސަރަޙައްދުގައެވެ. މިއަދު ހަވީރު ބޭއްވި މިޙަރަކާތުގައި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގާއި، ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފްގެ އިތުރަށް ބައެއް ކައުންސިލަރުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެބޭފުޅުންވެސް ވަނީ ރުއް އިންދައިފައެވެ.

"އަޅުގަނޑުމެން ރުކެއް ކަނޑައިފިއްޔާ އޭގެ ބަދަލުގައި ދެ ރުއް އިންދާނަން. އުފުރައިފިއްޔާ އޭގެ ބަދަލުގައި ރުކެއް އިންދާނަން،" ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ މޭޔަރ ޢަބްދުﷲ ޞާދިގު ވިދާޅުވީ ސިޓީ ސްކެއާ ސަރަޙައްދުން ރުއްތައް ނަގާފައިވާނީ ހުރިހާ ގޮތަކުން ވެސް އެކަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ސިޓީ ކައުންސިލުން ޤާނޫނައި ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދުވަސްވީ ރުއްތައް އުފުރާލައި ނުވަތަ ކަނޑާލުމަށްފަހު އައު ރުއްތައް އިންދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އުފުރާލި ނުވަތަ ކަނޑާލި ރުއްތަކަކީ ވަރަށް ދުވަސްވެފައިވާ ރުއްތަކެއް ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.