އާގުބޯޓެއްގައި އޮތް ބަލިމީހަކު އެޗުއާރުއެޗަށް ގެނެސް ފަރުވާދޭން ފަށައިފި

ރާއްޖެއިން ބޭރުގެ އާގު ބޯޓެއްގައި އޮތް ހާލު ބޮޑު ބަލި މީހަކަށް ފަރުވާދިނުމަށް އެމްއެންޑީއެފްގެ އެހީގައި އައްޑޫ ސިޓީރީޖަނަލް ހޮސްޕިޓަލަށް މިއަދު ގެންގޮސްފިއެވެ.

އެމީހާއަށް ފަރުވާދިނުމަށް އެޗުއާރުއެޗު އަށް ގެނެސްފައިވަނީ އޭނާދަތުރުކުރި ބޯޓު  ސިންގަޕޫރުން ފުރައިގެން ނައިޖީރިއާއަށް ދަތުރު ކުރި މަގުމަތީގައި ހާލު ދެރަވެގެންނެވެ.

އޭނާއާބެހޭ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު 16:57 ހާއިރުއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު މި ބޯޓު ސ.ހުޅުމީދޫ ދެކުނުން 05 ނޯޓިކަލް މޭލާއި ހަމައަށް މިއަދު ހެނދުނު 07:40 ހާއިރު ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ޑޮކްޓަރުންގެ ޓީމަކާއެކު ބޯޓު އޮތް ސަރަހައްދަށް ގޮސް ބަލި މީހާ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަކުރާއަށް ނަގައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާއަށްފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ އައްޑޫ ސިޓީ ފޭދޫ ސިއްޙީ މަރުކަޒަށެވެ. އެފަހުން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަށް ބަދަލު ކޮށްފައެވެ. އެޗުއާރުއެޗުން ވިދާޅުވީ އޭނާ ގެނައި ބަނޑުގައި ރިއްސާތީއެވެ. ޑޮކްޓަރުން ޝައްކުކުރައްވަނީ އޭނާގެ އެޕެންޑިސް މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެވެއެވެ. "މިހާރު ގެންދަނީ އެކްސްރޭ ނެގުމާއި ލެބޯޓަރީ ޓެސްޓް ހަދަމުން" އެޗުއާރުއެޗުން ވިދާޅުވިއެވެ. އޭނާއަކީ ޢުމުރުން 29 އަހަރުގެ ތުރުކީ ފިރިހެނެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.