(13 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސިފައިންގެ އޮފިސަރަކު ޖަވާބު ދިނެވެ. "ތިޔަ ބޭފުޅުން އަޅުގަނޑާއެކު ވަޑައިގަނޭ. ހަމަ ވަގުތުން އެނގިވަޑައިގެންފާނެ."
އެ ތިން މީހުން ހަތިޔާރުއެޅި ސިފައިންގެ ބެލުމުގެ ދަށުގައި ތިބެގެން ހިނގަން ފެށިއެވެ. ހާތޯރާ އެހިއެވެ.
"އޮފިސަރު! އެއަރޕޯޓު އިމާރާތް އެހެރީ އެ ފަރާތުގައި. އަޅުގަނޑުމެން ގޮވައިގެން މި ފަރާތަށް ތިޔަ ދުރުވަނީ ކޮން ތަނަކަށްތޯ؟"
އޮފިސަރު ރެކޯޑަރެކޭ އެއްގޮތަށް ޖަވާބުދިނެވެ. "ތިޔަ ބޭފުޅުން އަޅުގަނޑާއެކު ވަޑައިގަނޭ. ހަމަ ވަގުތުން އެނގިވަޑައިގެންފާނެ."
"ވަގުތުން އެނގެންޏާ ވަގުތުން ބުނެދެއްވާ. އަޅުގަނޑު ކުރިއަކަށް ނުދާނަން."
އޭނާ ހުއްޓުނެވެ. ސިފައިންގެ ޒުވާނަކު އިސްޓޭން ގަނުގެ މުއްގަނޑުން އޭނާ ކޮއްޕައިލިއެވެ. "ކުރިއަށްދޭ. ނޯ އާގިޔުމެންޓުސް..."
ދުނިޔެއަށް މަޝްހޫރު ހާތޯރާއަށް މި ބޭއިއްޒަތްތެރިކަމެއް ބަރުދާހެއް ނުކުރެވުނެވެ. އޭނާ ހަޅޭއްލަވައިގެންފައި އެނބުރިލަމުން އަތުގެ ނުފުށުން ސިފައިންގެ މީހާގެ އަނގަމަތީގައި ޖެހިއެވެ. ފަހަތުން އެހެން ދެ ޒުވާނުން އޭނާ ވަރުގަދައަށް ހިފެހެއްޓިއެވެ. އޮފިސަރު ފިސްތޯލަ ނަގައިފައި ބުންޏެވެ.
"ތިޔަ ބޭފުޅުންނަކީ ކިއަވައިވިދާޅުވެގެން ތިއްބެވި އިއްޒަތްތެރީން. ތިޔަ ބޭފުޅުން ލޯ އެންޑް އޯޑަރ ދޫކޮށްލައްވައިގެން ނުވާނެ. ރަނގަޅު ގޮތަކީ ތިޔަ ބޭފުޅުން ހަމަހިމޭންކަމާ އެކު ވަޑައިގަތުން."
އެހެން ބުނަމުން ރިވޯލްވަރުގައި ސައިލެންސަރު ހަރުކުރަން ފެށިއެވެ. ހާތޯރާ ބިރުވެރި ނަޒަރަކުން މެޑަމާއި ޚޫރުޝީދު ބަލްގުރާމީއަށް ބަލައިލިއެވެ. ޚޫރުޝީދު ބަލްގުރާމީ ވިސްނައިދިނެވެ.
"މިސްޓަރ ހާތޯރާ! މިއީ މަޖުބޫރީއެއް. ހާލަތާ އެއްބައިވެލައްވާ!"
އޭނާ ހަމަހިމޭންކަމާއެކު ކުރިއަށް ހިނގަންފެށިއެވެ. އެކަމަކު އޭނާއަށް ހީވަނީ އޭނާގެ އެތެރޭގައި ޒަލްޒަލާއެއްގެ ގުޑުން އުޅޭހެންނެވެ. ލޮލުގެ ކުރިމަތީގައި އޭނާގެ ލޯބިވެރިޔާ، އޭނާގެ އަންހެނުން ސޯމްނާ ހުރެގެން އަތް އުފުލައިފައި ބުނަނީއެވެ. "ކުރިއަށް ނުދޭ. އަހަރެންގެ ވާތުލޯ އެބަ ތޮޅޭ."
"ސޯމްނާ..." ހާތޯރާ ހަޅޭއްލަވައިގެންފައި ގޮވައިލިއެވެ. ރޭގަނޑުގެ ހަމަހިމޭން ކަމުގައި އެތަކެއް ހިސާބު ދުރަށް އެ އަޑު ގުގުމަން ފެށިއެވެ. "ސޯމްނާ – ނާ – ނާ – ނާ..."
ކުއްލިއަކަށް ކޮށީގައި އިން ދޫނި ފިޔަތަޅައިގަތެވެ. ދެން ހަތިޔާރު އެޅި ދެ ޒުވާނުން ފޮޅުވައިލަމުން ހާތޯރާ ޓާމިނަލާ ދިމާއަށް ދުއްވައިގަތެވެ. އަދި ހަޅޭއްލަވަން ފެށިއެވެ.
"އަހަރެން މި ދަނީ. ސޯމްނާ – ނާ – ނާ – ނާ..."
"ހޯލްޓް!" އޮފިސަރު ރިވޯލްވަރު އަމާޒުކޮށްލިއެވެ.
"އޮފިސަރު! ޕްލީޒް. ފިސްތޯލަ ނުޖައްސަވާ!" ޚޫރުޝީދު ބަލްގުރާމީ ކުރިއަށް ޖެހިލައިފައި ބުންޏެވެ. ހަތިޔާރު އެޅި ތިން ސިފައިން ޚޫރުޝީދު ހިފަހައްޓައިފައި ދަމައިފައި ފަހަތަށް ގެނެސްފިއެވެ. އެވަގުތު ރިވޯލްވަރުން ކަޓްގެ އަޑު އިވުނެވެ. އެކަމަކު އުންޑަ ވީ ކަސިޔާރެވެ.
ހާތޯރާ މޮޔައެއް ފަދައިން ދުވަމުން ދެއެވެ. އަޑު ގުގުމަގުގުމާ ހުއްޓެވެ. "ސޯމްނާ – ނާ – ނާ – ނާ..."
"ކަޓް..." ދެ ވަނަ ފަޔަރުކޮށްފިއެވެ. ހާތޯރާ ވިއްސައިގެން ގޮސް ބިން މައްޗަށް ވެއްޓުނެވެ. ދެން ތެޅިގެންފައި އިށީނެވެ. އަދި ޒަޚަމުވެފައި ވާ ފައިގައި އެއް އަތުން ހިފަހައްޓައިގެން ބިންމަތީގައި ދެމެމުން އޭނާގެ ސޯމްނާއާ ދިމާއަށް ދާން ފެށިއެވެ.
"އަހަރެންގެ ދަރިޔާ! އަހަރެންގެ ދަރިޔާ!" މެޑަމް ފުލެޗަރު ތެޅިގެންފައި ކުރިއަށް ޖެހިލިއެވެ. އޮފިސަރު އޭނާގެ މުސްކުޅި މުލައްދަނޑީގައި ހިފައިފައި ކައިރިއަށް ދަމައިގަތެވެ. އޭނާ ރޮމުން ގިސްލަމުން ބުންޏެވެ. "ދިޔަދީ. އަހަރެންގެ ދަރިފުޅު ދިޔަދީ. އޭނާ އެ ދަނީ އަހަރެންގެ ޅީދަރިފުޅާ ބައްދަލުކުރަން ވެގެން. އޭނާ ދިޔަދީ..."
އޮފިސަރު އޭނާ ތަޅުވައިގެންފައި ބުންޏެވެ.
"މެޑަމް! ހަމަހޭޖެހިވަޑައިގަންނަވާ! ތިޔައީ އަޅުގަނޑުމެންގެ ދުނިޔޭގެ އަގު ބޮޑު ޖަވާހިރުތަކެއް. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުންގެ ފާރަވެރީން. މިސްޓަރ ހާތޯރާ އެ ވަނީ ހަމައެކަނި ޒަޚަމުކޮށްލެވިފައި. މެޑަމް ހަމަޖެހި ވަޑައިގަނޭ. އޭނާއަށް ފަރުވާތެރިކަމާ އެކު ބޭސްކޮށްދެވޭނެ."
މެޑަމް ތެމިފައި ވާ ލޮލުން ބަލައިލިއެވެ. ހަތަރު ސިފައިން ހާތޯރާ ނަގައިގަނެގެން ދުރުގައި އޮތް ހެލިކޮޕުޓަރަކާ ދިމާއަށް ގެންދަނީ އެވެ. އޭނާ ދުވެފައި އައިސް ޚޫރުޝީދު ބަލްގުރާމީގެ މޭގައި ލައްވިއެވެ. ޚޫރްޝީދަކަށް ބަހަކުން މެޑަމުގެ ހިތްހަމަޖައްސައެއް ނުދެވުނެވެ. މަޑުމަޑުން އޭނާގެ ބުރަކަށީގައި ތަޅަން ފެށިއެވެ. އޮފިސަރު ބުންޏެވެ.
"މެޑަމް ފުލެޗަރު. މިސްޓަރ ޚޫރުޝީދު ބަލްގުރާމީ! މިހާރު އަޅުގަނޑު މި ދަންނަވަނީ. ތިޔަ ބޭފުޅުން މި އުޅެނީ ހެލިކޮޕުޓަރުގައި ބަހާމާ ޖަޒީރާއަށް ގެންދަންވެގެން. އެ ތަނުގައި މިހާރު ގުލޯބު އާކު ބަންނަން ފަށައިފި. ދުނިޔޭގެ ބޮޑު ހަތަރު ގައުމުގެ މެދުގައި މިހާރު އެއްބަސްވެވިފައި ވަނީ އެ ގައުމުތަކުގެ ސިފައިންގެ ހުރިހައި މުހިންމު އޮފިސަރުން 28 ޑިސެންބަރުގައި ޖައްވީ އިސްޓޭޝަންތަކުގައި ބައިތިއްބަން. އަދި މަތިންދާބޯޓުތަކުންނާއި އާގުބޯޓުފަހަރުން ޖާގަ ހޯދަން. ހުރިހައި ވެރީން ގިޔާމަތުގެ ގަޑިތައް ވޭތިކޮށްލައްވާނީ ސަބުމެރީނުގައި. ގުލޯބު އާކު ބަނދެވޭނީ ތިޔަ ބޭފުޅުންނަށް. މެޑަމް! މެޑަމް މި ހައްޔަރު ކުރެވެނީ މެޑަމްގެ ސަރުކާރުގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން. މިސްޓަރ ޚޫރުޝީދު! ޚޫރުޝީދާ ހާތޯރާ އެނބުރި ތިޔަ ބޭފުޅުންގެ ގައުމަށް ވަޑައިގެން ތިޔަ ބޭފުޅުންގެ ސަރުކާރަށް އަޅުގަނޑުމެންގެ މިޝަން އަންގަވާކަށް އަޅުގަނޑުމެން ނޭދެން. ތިޔަ ދެ ބޭފުޅުން ވެސް ތިއްބަވާނީ ބަހާމާ ޖަޒީރާގައި މެޑަމާ އެކުގައި. އަދި 28 ޑިސެންބަރުގައި އެ ތަނުން ގުލޯބު އާކަށް އެރުވޭނެ. ހިންގަވާ. މިހާރު ކުރިއަށް ހިންގަވާ."
މެޑަމް އިސް އޮބައިލައިގެން ޚޫރުޝީދު ބަލްގުރާމީ އާއެކު ހެލިކޮޕުޓަރާ ދިމާއަށް ހިނގަން ފެށިއެވެ. އޭނާ މަޑުމަޑުން އަނގަތަޅުވަމުން ގެންދެއެވެ. ޚޫރުޝީދު ބަލްގުރާމީ ބުންޏެވެ.
"މެޑަމް! ފިކުރުނުކުރައްވާ. ހުޅަނގުގައި މެޑަމްގެ ދަރިފުޅާއި ޅީދަރިފުޅު ވަނީ ހެޔޮ ހާލުގައި. ހާތޯރާ، މެޑަމްގެ އިރުމަތީގެ ޅީދަރިފުޅާ ބައްދަލުވާނެ ކަން ޔަގީން. އަދި ލާރާ މެޑަމްގެ ކަރުގައި އޭނާގެ ތުއްތުތުއްތު އަތް އަޅުވައިލައިފައި މެޑަމްގެ މޫނުގައި ބޮސްދޭނެ."
މެޑަމް އުންމީދުން ފުރިގެންވާ ނަޒަރަކުން އޭނާއާ ދިމާއަށް ބަލަމުން ބުންޏެވެ.
"ޚޫރުޝީދު ހިސާބުކުރެއްވީތޯ؟ އަލުން ރަމަލުޖެއްސެވީތޯ؟"
ޚޫރުޝީދު ބަލްގުރާމީ ޖަވާބެއް ނުދެއެވެ. އެކަމަކު ހިތާހިތާ ކިޔައިލިއެވެ.
"އާނއެކެވެ. އުންމީދުގެ ފިލައިގައި އީމާންކަމުގެ ގަލަމުން ލޯބީގެ ރަމަލުޖަހައިފީމެވެ. ކޮންމެވެސް އެއް ދުވަހަކުން ގިޔާމަތްވާނެކަން އެއީ އަހަރެންގެ އީމާނެވެ. އެކަމަކު ލޯބި ފަނައެއްނުވާނެއެވެ."
ގިޔާމަތުގެ ޚަބަރު ލިބުމުން އެކަން ރޫޕުވަތީގެ ޒުވާންކަމާ ހަމައަށް ފޯރަންވާނެއެވެ.
ގިޔާމަތެއް ކަހަލަ އެ ކުއްޖާއަށް ގިޔާމަތުގެ ވާހަކަ އިވުމުން އޭނާގެ ރޭގަނޑުގެ ނިދި އުދުހިގެން ދިޔައެވެ. މިޒާޖުގައި ރުޅިވެރިކަން އުފެދުނެވެ. ކުދިކުދި ކަންކަމާ ހުރެ އޭނާ ގޭގެ އަގުބޮޑު ތަކެތި ނަގައި އެއްލައިލާ ހަދައެވެ. މި ކަންކަމަކީ، އަންނަން އުޅޭ މަރުގެ މަގު ބައްދަން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަން ފާޅުކޮށްދޭ ކަންކަމެވެ.
ކާއިނާތު ހެއްދެވި ރަސްކަލާނގެ އެ އިންސާނުންނަށް ހުރިހައި އެއްޗެއް ދެއްވިއެވެ. އެބައިމީހުންނަށް ނުދެއްވަނީ އެބައިމީހުންގެ މަރުގެ ޢިލްމެވެ. އޭނާ މަރުވާނީ ކޮން ދުވަހަކު ކޮން ގަޑިއެއްގައި ކަމެވެ. އަންނަން އުޅޭ ގިޔާމަތުގެ ކަންތައް ތަފާތެވެ. ކޮންމެ އިންސާނަކަށް ވެސް އޭނާ މަރުވާނެ ވަގުތު އެނގޭ ނަމަ ވަގުތު ޖެހުމުގެ ކުރިން އޭނާ މަރުވާނެއެވެ. ރޫޕުވަތީ އެތެރެފުށުން މަރުވަމުންދާ ފަދައިންނެވެ. އަދި ދުނިޔޭގެ އަދަދެއް ނެތްހައި ގިނަ މީހުން ބިރުން މޮޔަވެގެން މަރުވާން އުޅޭ ފަދައިންނެވެ.
ރޫޕުވަތީގެ ހިތުގައި އޮތީ އުންމީދުގެ ހަމަ އެންމެ ދޯއްޖެކެވެ. އެއީ ސަލާމަތްވާނެ ގޮތެއް ހޯދައިގެން ހިންމަތު ރާއޯ އެނބުރި އަންނާނެ ކަމެވެ. އެހެންކަމުން އޭނާ އުފަވެރިކަން ފައުޅުކުރަނީ ހަމަ އެކަނި ޝަންކަރުގެ ކުރިމަތީގައެވެ. އެކަމަކު އެ ޖަޒުބާތީ ޒުވާނާއާ އެކަނި ބައްދަލުކުރުމުން އެކަހެރިވެއެވެ. އޭނާ ބަލިކަމުގެ ބަހަނާދައްކައިފައި ހުރިހައި ޝޫޓިންގެއްގެ ތާރީޚު ކެންސަލުކުރިއެވެ. ދެ ދުވަސް ވަންދެން ހިންމަތު ރާއޯއަށް އިންތިޒާރުކުރުމަށް ފަހު އޭނާ ތިމާގެ މީހުން ދޫކޮށްލިއެވެ. ޒަމާންވީ ނޯކަރަކާ އެކު އޭނާގެ ޕުރައިވެޓު ކޮޓެޖަކަށް ދިޔައެވެ. ޝަންކަރު ގާތުގައި، ފިލްމެއްގެ ޝޫޓިންގަށް އުއްތަރު ޕުރަދޭޝަށް ދަނީ ކަމުގައި ބުނެ ދޮގުހަދައިފައެވެ. ހިންމަތު ރާއޯ އެނބުރި އަންނަކަން އަންގައިފި ނަމަ، ޝަންކަރު ރޫޕުވަތީގެ ސެކެޓުރީ ގާތު ބުނާނެއެވެ. ސެކެޓުރީ އޭނާގެ ސާހިބު ކަމަނާއަށް އެ ޚަބަރު ފޮނުވައިދޭނެއެވެ.
ހުރިހައި ކަމެއް ހަމަޖެއްސުމަށް ފަހު އޭނާ ޕުރައިވެޓު ކޮޓެޖަށް އައުމުން އެކަނިވެރިކަމާ ހުރެ ހިތް ހާސްވާން ފެށިއެވެ. ގިޔާމަތް މާ ބޮޑަށް ހަނދާންވާން ފެށިއެވެ. އޭނާ ހަޅޭއްލަވައިގެންފައި އޮކެސްޓުރާގެ ހޮޅިގަނޑެއް ބާއްވައެވެ. ހެނދުނާއި ހަވީރު ބިއަރާއި ވިސްކީ ބޮމުން ގެންދެއެވެ. އެއީ އޮކެސްޓުރާގެ އަޑުފައްގަނޑާއި މަސްތުކަމުގެ ތެރޭގައި ޚުދު އޭނާ ގެއްލިގެން ދިއުމަށެވެ. އެކަމަކު ބަރާބަރު ދެ ދުވަސް ވީ އިރު އޭނާ ފޫހިވެއްޖެއެވެ.
ހަތަރު ދުވަސް ފާއިތުވެއްޖެއެވެ. ހިންމަތު ރާއޯއެއް އެނބުރިއެއް ނައެވެ. ރޫޕުވަތީ ހިތްހަމަޖައްސަން ފެށިއެވެ. އެ ވާނީ ސަލާމަތްވުމުގެ ވަރަށް ބޮޑު ރޭވުމެއް ރާވަނީ ކަމަށެވެ. އެހެންވީމާ އެނބުރި އައުން ލަސްވަނީއެވެ. އެކަމަކު މި އިންތިޒާރުގެ ދުވަސްތައް ވޭތިކުރާނީ ކިހިނެއް ހެއްޔެވެ؟ އިންތިޒާރު މި ކުރެވެނީ މުސްކުޅިބެ އަންނަ އިރަށް ވަގުތުން އޭނާގެ ފިރިހެން ދަރިފުޅުގެ އަތްނބަކަށް ވާކަށް ނޫނެވެ. އިންތިޒާރު މި ކުރެވެނީ އޭނާ އައިސް އޭނާގެ ދަރިފުޅާ އެކު ޅީދަރިފުޅު ވެސް، ގިޔާމަތަށް އެއްވެސް ގެއްލުމެއް ނުދެވޭ ފަދަ ތަނަކަށް ގެންދިއުމަށެވެ.
ފަސްވަނަ ދުވަހު އޭނާގެ ހިތް ހުއްޓެން ފެށިއެވެ. ވާހަކައެއް ދައްކައި ހިތްހަމަޖައްސައިލާނެ ފަދަ މީހެއް ވެސް ނެތެވެ. އޭނާ ނޯކަރު ގެނެސްފައި ބުންޏެވެ.
"ލަޠީފު ބާބާ! މި ތާ އިށީނދޭ. ކަލެއަކީ އިސްލާމެއްނު؟"
"އަލްޙަމްދުލިއްލާހި. އަޅުގަނޑަކީ އިސްލާމަކީމު ސާހިބާ."
އޭނާ ގަދަކަމުން ބުންޏެވެ.
ބަލަ އިސްލާމަކަށް ވީމާ ވަކި ވާނީ ކީއް؟ ގިޔާމަތް އަންނާނީ ހިންދޫންނާ މުސްލިމުންނާ އެންމެންނަށް."
ހީނހީނ އޭނާގެ ލޯ ތެމުނެވެ. އޭނާ ހެނީ ކީއްވެގެން ކަމެއް އަދި ރޮނީ ކީއްވެގެން ކަމެއް އޭނާގެ ވިސްނުމަކަށް ނައެވެ. ކަރުނަތައް ފޮރުވަންވެގެން އޭނާ ވިސްކީ ތަށި އަނގައިގައި ޖެހިއެވެ. ލަޠީފު ބާބާ ބުންޏެވެ.
"ލައްބަ ސާހިބާ! މި ބިމަށް ފާފަތަކުގެ ބުރަދަން ނުއުފުއްލޭ ވަރު ވުމުން އެންމެންގެ މައްޗަށް ގިޔާމަތް އަންނާނެ. އެއީ ހިންދޫން ވެސް ފާފަކުރޭ. މުސްލިމުން ވެސް ފާފަ ކުރޭ."
"ފާފަ- ކުށް" ރޫޕުވަތީ ސާފު ބިއްލޫރިތަށީގެ ތެރޭގައި ހެލިލަހެލިލައި ހުރި ރަންކުލައިގެ ރަލަށް ބަލަމުން އެހިއެވެ. "ބާބާ! ތެދުތެދަށް ބުނެބަލަ. ބާބާ ކިތައް ފާފަ ކުރިން؟"
"ނަންގަންނާނީ ކީކޭ؟ ލަދުގަންނަންޖެހޭ ކަހަލަ ވާހަކަތަކަކީ އައްސަވާ ކަހަލަ ވާހަކަތަކެއް ނޫން. އަދި ނަންގަންނަ ކަހަލަ ވާހަކަތަކެއް ވެސް ނޫން."
ރޫޕުވަތީ ކުއްލިއަކަށް ތެދުވެފައި ބުންޏެވެ.
(ނުނިމޭ)