ފަރެސްމާތޮޑާ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިންމަން ހިފާފައި

ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްގީ ކުރައްވަމުން ގެންދަވާ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކައުންސިލް މެމްބަރ އިބްރާހީމް ޞަބާހު ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެއާޕޯޓު ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވެފައިވާ ކަމަށެވެ.

އެއާޕޯޓު ހިއްކުމުގެ މަސައްކަތް ފަށައިފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައެވެ. އެމަނިކުފާނު ވެރިކަމުން ފައިބައި ވަޑައިގެންނެވިއިރު އެއާޕޯޓު ހިއްކުމުގެ މަސައްކަތުގެ 40 ޕަސެންޓު ނިމިފައިވާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ދުވަސްވަރު އެމަނިކުފާނުވަނީ އެއާޕޯޓު ނިންމަވައިދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ރެއާއި ދުވާލު ގެންދަނީ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. "އެއީ އެއާޕޯޓު މިއަހަރުގެ ނިޔަލަށް ނިންމަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

އެއާޕޯޓު އަޅަނީ ފަސް ފަޅުރަށެއް ގުޅުވައިގެންނެވެ. މިހާރު ގެންދަނީ ފަޅުރަށްރަށް އެއްރަށް އަނެއްރަށާ ގުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

ހިއްކުމުގެ މަސައްކަތާއެކު އެއާޕޯޓު ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. އެގޮތުން ރުއްގަސް ނެގުމުގެ މަސައްކަތް މިރޯދަމަހު ވެސް ކުރިއަށްދާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އެމަސައްކަތް ޖޫންގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސާފުކުރުމަށްފަހު އެއޯޕޯޓު ހެދުމަށް ހިއްކި އޭރިއާ ލެވެލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.