އާގު ބޯޓެއްގައިހުރި ފިލިޕީންސް މީހަކު ހާލު ބޮޑުވެގެން އައްޑުއަށް ގެނެސް އެޗުއާރުއެޗުގައި ފަރުވާ ދެނީ

އިންޑިއާ އިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ނޯވޭގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ސ.ހިތަދޫއަށް ގެނެސްފިއެވެ.

އޭނާގެ ޙާލު ބޮޑުވީ ހަރަގަނޑަކުން ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އެކްސްރޭ ނަގައިގެން ބެލިއިރު އޭނާގެ ބުރަކަށީގެ ޑިސްކަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެހެން ކަމުން އިތުރުފަރުވާއަށް އޭނާ މާލެ ފޮނުވަންޖެހޭ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ މީހާ ބަލައި ބޯޓަށް ދިޔައިރު އެމްއެންޑީއެފްގެ މީހުންނާއެކު އެޗުއާރުއެޗުގެ ޑޮކްޓަރަކާއި ނަރުހަކާއި ފޭދޫ ސިއްޙީ މަރުކަޒުގެ ނަރުހެއް ދިޔައެވެ. "ހެލިފެލިވެ އުޅުމަށް އޭނާއަށް ވަރަށްދަތި. އެހެންނަމަވެސް ވާހަކަ ދައްކާ ބަރާބަރަށް. ބޯޓުގެ އެޖެންޓު މެދުވެރިވެގެން އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތުވަނީ ލިބިފައި،" އެޗުއާރުއެޗުން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:10 ހާއިރު އެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި އެކު މި ބޯޓު ސ.ހިތަދޫގެ ދެކުނުން 2 ނޯޓިކަލް މޭލާއި ހަމައަށް ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އެ ބަލި މީހާ އެމްއެންޑީއެފް އުޅަނދަށް ނަގައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ފިލިޕީންސް އަށް އުފަން އުމުރުން 49 އަހަރުގެ މި ފިރިހެން މީހާ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ހިތަދޫއަށް ގެނެސްފައިވަނީ މިއަދު ހަވީރު 4:20 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.