ބާރުގަދަ ޠޫފާން 'ފޮނީ' އިންޑިޔާގެ އިރުމަތީ ހިސާބުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް

ޠޫފާން 'ފޮނީ' އަރައި ބޫބަނޭޝްވަރުގެ ބީޖޫ ޕަޓްނާއިކް އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ހަލާކުވެފައި (ފޮޓޯ: އޭއެންއައި)

ބޭ އޮފް ބެންގޯލްގައި އުފެދި އިންޑިޔާއާ ދިމާއަށް ދަތުރުކުރަމުން އައި ބާރުގަދަ ޠޫފާން 'ފޮނީ' އިންޑިޔާގެ އިރުމަތީ ސްޓޭޓެއް ކަމުގައިވާ އޮޑީޝާގެ އައްސޭރިފަށަށް މިއަދު ހެނދުނު 8 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 7:30) އަރައިފިއެވެ. އަދި 10 ޖެހިއިރު ޠޫފާނުގެ 'ލޯ' (ޠޫފާނު އެނބުރެމުން ދާރިއިރު އޭގެ މެދު) ވަނީ އޮޑީޝާއަށް އަރާފައެވެ.

ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވޭ ހިސާބުތަކުގައި ދިރިއުޅޭ 1 މިލިއަން މީހުން ފާއިތުވި 24 ގަޑިއިރު ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށް ވެއެވެ. ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދު ކަމުގައިވާ އޮޑީޝާ ސްޓޭޓްގެ ގަންޖާން ޑިސްޓްރިކްޓުން އެކަނިވެސް 3 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައި ވެއެވެ.

އޮޑީޝާގެ ޕޫރީ ޑިސްޓްރިކްޓާ ދިމާއަށް ޠޫފާން 'ފޮނީ' އެއްގަމަށް އެރިއިރު ވައިގެ ބާރުމިން ގަޑިއަކު 200 ކިލޯމީޓަރާ ކައިރިއަށް ހުއްޓެވެ. އާދަޔާ ޚިލާފަށް ގަދަ ވައިގެ ސަބަބުން ރުއްގަހާއި ތަކެއްޗަށް ބޮޑެތި ގެއްލުން ލިބުމުގެ އިތުރަށް ތިން މީހަކު މަރުވިކަމުގެ ޚަބަރު ލިބިފައި ވެއެވެ.

ވައިގަދަވެ މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން އިރުއުތުރު އިންޑިޔާގެ އައްސޭރިފަށުގެ ސްޓޭޓްތައް ކަމުގައިވާ އޮޑީޝާއާއި ވެސްޓް ބެންގޯލްގެ ގިނަ ވައިގެ ބަނދަރުތަކެއް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ގިނޭ ރޭލުތަކެއްގެ ދަތުރުތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ވަށަމިނުގައި 25 ކިލޯމީޓަރު ހުރި ބާރުގަދަ ޠޫފާން ރަށުތެރެއަށް އަރައިގެން ދިޔައިރުވެސް ގަޑިއަކު 175 ކިލޯމީޓަރަށް ވައި ހުރި ކަމުގައި ވެއެވެ. ޠުފާން ދަތުރުކުރި މަގުގައި ހުރި އެތައް ހާސް ގެއެއް ބިމާ ހަމަވެ، ރުއްގަސް އުފުރިގެން ވެއްޓި، ކަރަންޓު މުޑިތައް ވެސް ވަނީ ވެއްޓިފައެވެ.

މިއީ ފާއިތުވި 43 އަހަރުގެ ތެރޭގައި އިންޑިޔާގެ އިރުމަތީ ހިސާބުތަކަށް އެރި އެންމެ ބާރުގަދަ ޠޫފާނަށް ވާއިރު، އޮޑީޝާ ސަރުކާރުން ވަނީ އާއްމުން ގެއިން ނުނުކުތުމަށް އިލްތިމާސްކޮށްފައެވެ.

ޠޫފާނުގެ ސަބަބުން އޮޑީޝާގެ ވެރިރަށް ބޫބަނޭޝްވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރެ އެ ސްޓޭޓްގެ ގަވަރުނަރުގެ ގެ ރަސްމީ ގަނޑުވަރު ރާޖް ބަވަން އަދި ގާނޫނު ހަދާ މަޖިލީހަށް ދެވޭ މަގުތައްވެސް ވަނީ ބަންދުވެފައެވެ. އަދި އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގެ ބޫބަނޭޝްވަރު ގޮފީގެ އިމާރާތްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އެރަށުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެންމެ ފަހުން (ހަވީރު 4 ޖެހިއިރު) ލިބުނު ޚަބަރުތައް ބުނާގޮތުގައި މިހާރު ޠޫފާނުގެ ބާރު ދަށްވެފައިވީ ނަމަވެސް އޮޑީޝާ، ވެސްޓް ބެންގޯލް، އާންދްރާ ޕްރަދޭޝްގެ އިތުރުން އިރުއުތުގެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވެއެވެ. އާންދްރާ ޕްރަދޭޝްގެ އައްސޭރިފަށަށް ޠޫފާންގެ އަސަރުކުރާނެ ކަމަށް ކުރިން ބެލިފައިވީ ނަމަވެސް ޠޫފާނުގެ މިސްރާބު އުތުރަށް ޖެހުމުގެ ސަބަބުން އެ ސްޓޭޓްގެ ރަށްތަކަށް ޠޫފާން އަރާފައި ނުވެއެވެ.

އޮޑީޝާ ސަރުކާރުން ބުނީ އެ ސްޓޭޓުގެ 10 ހާސް އަވަށާއި 52 ރަށަށް ޠޫފާން 'ފޮނީ'ގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމުގައެވެ.

އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވަމުން ބޯޑުވަޒީރު މޯދީ ވިދާޅުވިގޮތުގައި މަރުކަޒީ ސަރުކާރުން ވަނީ ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސްޓޭޓްތަކަށް ކުއްލި އެހީގެ ގޮތުގައި 10 ބިލިއަން ރުޕީސް (145 މިލިއަން އެމެރިކާ ޑޮލަރު) ދޫކޮށްފައެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ، އިންޑިޔާ މީޓިއޮރިލިކަން ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނި ގޮތުގައި ޠޫފާން 'ފޮނީ' ގެ މިސްރާބު މިހާރު ހުރި ގޮތުން މާދަމާ ހަވީރުގެ ވަގުތެއްގައި އެ ޠޫފާން ބަންގްލާދޭޝް ސަރަހައްދަށް އަރާނެއެވެ. އެހެންނަމަވެސް، މިހާރު ޠޫފާންގެ ބާރު ދަށްވާން ފަށާފައިވާތީ މާ ބޮޑު ގެއްލުމެއް ވާނެ ކަމަށް ލަފާނުކުރެވެއެވެ.

އައިއެމްޑީން ލަފާކުރާ ގޮތުގައި ބަންގްލާދޭޝްއަށް އަރާއިރު ޠޫފާންގެ ވައި ހުންނާނީ ގަޑިއަކު ގާތްގަނޑަކަށް 70 ކިލޯމީޓަރު ބާރުމިނުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.