ރަމަޟާން މަހަށް މަރްޙަބާ ކިޔާނީ ކިހިނެއް؟ (2)

(26 އޭޕްރީލް 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރަސޫލާ ތައްޔާރުވެ ވަޑައިގަތް ގޮތް
މާތް ﷲ ރުއްސުން ލެއްވި އަނަސު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ރަޖަބު މަސް އަތުވެއްޖެ ނަމަ ނަބިއްޔާ صلى الله عليه وسلم ރަމަޟާން މަހާ ހަމައަށް ޢުމުރުފުޅު ދިގުކޮށް ދެއްވާތޯ މާތްﷲ އަށް ދުޢާ ދަންނަވަތެވެ. ކީރިތި ރަސޫލާގެ މި ވަސްމީރު ސީރަތުން ދަސްވެނިވެ ވަޑައިގެންފައިވާ މި އުއްމަތުގެ ސަލަފުން ރަމަޟާން މަހަށް މަރްޙަބާ ވިދާޅުވުމަށް ޓަކައި ހަ މަސް ކުރިން ތައްޔާރުވެ ވަޑައިގަންނަވައެވެ. އެ މަހާ އިސްތިޤްބާލުކުރައްވަނީ އަޅުކަންތަކުންނެވެ. ޤުރްއާން ކިޔަވާ ވިދާޅުވުމާއި، ރޭ އަޅުކަން ކުރެއްވުމާއި، ނަވާފިލުތަކުން ﷲގެ ޙަޟްރަތާ ކުއްތަންވެ ވަޑައިގެންނެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޝަޢުބާން މަހުގެ ފަހު ދުވަހު އެކަލޭގެފާނުގެ ޞަޙާބީންނަށް ރަމަޟާން މަހަށް އިސްތިޤްބާލު ކުރުމާ ބެހޭ ގޮތުން ވަރަށް އަގުހުރި ނަސޭހަތްޕުޅުތަކެއް ދެއްވައިފާ ވެއެވެ. އެ މަހުގައި ހެޔޮ ޢަމަލުތައް ކުރުމުގައި އެއްބަޔަކު އަނެއް ބަޔަކާ ވާދަ ކުރުމަށް އިތުރު އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ އަޞްޙާބުންނަށް ގޮވައިލައްވައިފައެވެ. އެކަލޭގެފާނު ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި އަބާއްޖަވެރިއަކީ އެމަހުގައި މާތް ﷲ ލައްވާފައިވާ ރަޙްމަތުން މަހްރޫމުވި މީހާއެވެ.

ރަމަޟާން މަހަށް އިސްތިޤްބާލު ކުރުމަށް ޓަކައި ، ރަމަޟާން މަހާ ހަމައަށް ގެންގޮސް ދެއްވާތޯ އެދި ﷲއަށް ދުޢާ ކުރަމާ ހިނގާށެވެ! އެ މަހުގައި އަޅުކަން ކުރުމަށް ބޭނުންވާ ޞިއްޙަތާއި، ދުޅަހެޔޮކަން ދެއްވާތޯއެވެ! އެމަހުގައި ރޯދަ ހިފުމުގެ ކުޅަދާނަކަން ދެއްވާތޯއެވެ!

ޤުރްއާނުގެ މަސް
ރަމަޟާން މަހަކީ ޤުރްއާނުގެ މައްސަރު ކަމުގައިވާތީ އެކަމަށް ޓަކައިވެސް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނެއެވެ. މި އުއްމަތުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝަޢުބާން މަހަކީ ޤާރީންގެ މަހެވެ. ބައެއް ޢިލްމުވެރިން ޝޢުބާން މަހަށް ހަނދު ބެލުމުން އެބޭކަލުންގެ ފިހާރަތައް ބަންދު ކުރައްވައި ޤުރްއާން ކިޔަވާ ވިދާޅުވުމަށް ވަގުތު ހުސްކުރައްވައެވެ. އަލްއިމާމުލް ބަލްޚީ ސިފަ ކުރައްވާ ގޮތުގައި ރަޖަބު މަހަކީ ދަނޑު ތައްޔާރު ކުރުމުގެ މަހެވެ. ޝަޢުބާން މަހަކީ ދަނޑަށް ފެންދިނުމުގެ މަހެވެ. ރަމަޟާން މަހަކީ ގޮވާން ކެނޑުމުގެ މަހެވެ. ރަޖަބު މަހުގައި ފަސްގަނޑު ޖަހައި ތޮނަ ނޮޅައި ގޮވާން އިންދައި ، ޝަޢުބާން މަހުގައި ދަނޑަށް ފެންދީ ނުބަލެހެއްޓި މީހާއަށް ރަމަޟާން މަހުގައި ދަނޑުން ކަނޑަން ލިބޭނެ ގޮވާމެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ސަލަފުން ޤުރްއާނަށް މިހާ ބޮޑު އަހައްމިއްޔަތެއް ދެއްވީ ކީއްވެތޯއެވެ؟ އާދެ! އެއީ މާތްﷲ ޤުރްއާން ބާވައިލެއްވީ މި މަހުގައި ކަމަށް ވީތީއެވެ. ޤުރްއާން ބާވައިލެއްވި ރެއަކީ މާތްﷲގެ ނޫރުފުޅުން ދިއްލި އުޖާލާވެގެންވާ ރެއެކެވެ. އެ ރެއަށް ވުރެ މަތިވެރި އެހެން ރެއެއް ލައްވައިފައެއް ނުވެއެވެ. އެއީ އެއްހާސް މައްސަރަށް ވުރެ މަތިވެރި ރެއެކެވެ. ހެޔޮކަން ބޮޑުރެއެކެވެ.

މާތް ﷲ ރުއްސުން ލެއްވި އަނަސު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި " ޝަޢުބަން މަހަށް ހަނދު ބަލައިފިނަމަ މުސްލިމުން ޤުރްއާން ކިޔެވުމުގައި އަވަދިނެތިވާން ފަށައެވެ. އަދި މިސްކީނުންނަށާއި ފަޤީރުންނަށް ރޯދަ ހިފުމުގައި ވަގިވެރިވުމަށް ޓަކައި އެބައިމީހުން މުދަލު ޒަކާތް ނެރެއެވެ.ސަލަމަތު ބުނު ކަހީލު ވިދާޅުވާ ގޮތުގައި މީސްތަކުން ޝަޢުބާން މަހަށް ޤާރީ މަހޭ ކިޔައެވެ.ޢަމްރު ބުނު ޤައިސަކީ ޝަޢުބަން މަސް އައުމުން އެކަލޭގެފާނުގެ ފިހާރަ ބަންދުކުރައްވައި ، ޤުރްއާން ކިޔަވާ ވިދާޅުވުމަށް ވަގުތު ހުސްކުރެއްވި ބޭކަލެކެވެ. މި ގޮތަށް އެބޭބޭކަލުން ކަންތައް ކުރައްވަފައި ވަނީ ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުންނެވެ.

ޢުމަރުގެފާނު މިސްކިތްތައް ދިއްލަވައި ޒީނަތްތެރި ކުރެއްވި
ރަމަޟާން މަހަށް ތައްޔާރުވެ ވަޑައިގަތުމަށް ޓަކައި މިސްކިތްތައް ދިއްލައި ޒީނަތްތެރިކުރުމަށް މާތް ﷲ ރުއްސުންލެއްވި ޢުމަރުބުނުލްޚައްޠާބު އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު މިސްކިތްތައް ދިއްލެވީ ކަނދިލިތަކުންނެވެ. ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރަން އެންގެވީވެސް ޢުމަރުގެފާނެވެ. އެހެންކަމުން ޢުމަރުގެފާނު މި ވަނީ ޤުރްއާނުންނާއި ބައްތިތަކުން މިސްކިތް އަލިކުރައްވައި ޒީނަތްތެރި ކުރައްވައިފައެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީޠާލިބުގެފާނަށް މި ތަން ފެނިވަޑައިގެން ޢުމަރުގެފާނަށް ހެޔޮ ދުޢާ ކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " މާތް ﷲގެ މިސްކިތްތައް ކަލޭގެފާނު ދިއްލެވި ގޮތަށް މާތް ﷲ ކަލޭގެފާނުގެ ކަށްވަޅު އަލިކޮށް ދެއްވާނެތެވެ! "

މަތިވެރި މޫސުމެއް
ރަމަޟާންމަހަކީ އިސްލާމީ މަތިވެރި މޫސުންތަކުގެ ތެރޭގައި ހިމެނޭ އެއް މޫސުމެވެ. ޤަދަރުގެ ގޮތުން އެންމެ މަތިވެރި މަހަކީ ރަމަޟާން މަހެވެ. އެއީ ހެޔޮކަމާއި ބަރަކާތް ގިނަ މަހެކެވެ. މުޅި މަހުގައި އޮތީ ހެޔޮކަމެވެ. އެއީ މާމެލާމެއްޔާއި މޭވާގަސްތަކުން ފުރިފައިވާ، ވަސްމީރު، ހިޔާބޮޑު، ބަގީޗާއެކެވެ. ކޮންމެ ފަރާތަކުން އެ ބަގީޗާއަށް ވަނަސް މީރުވަސް ދުވައެވެ. ކޮންމެ ގަހަކުން މޭވާ ބިނަސް ރަހަ މީރު މޭވާތައް ލިބެއެވެ. އެމަހުގެ ފުރަތަމަ ދިހައިގައި އޮތީ ރަޙްމަތެވެ. މެދުދިހައިގައި އޮތީ ފާފަފުއްސެވުމެވެ. އެންމެ ފަހު ދިހައިގައި އޮތީ ނަރަކައިން މުއްތިކުރެއްވުމެވެ.

ރަމަޟާން މަސް އަޅުގަނޑުމެންގެ ޝަފީއަކު ކަމުގައި ލައްވާފައިވާ އިރު އެ މަހުގެ ޝަފާޢަތުން މަޙްރޫމުވުމަށް ރުހޭނީ ކާކު ހެއްޔެވެ؟ ރޯދަވެރިންނަށް ސުވަރުގޭގައި މާތްﷲ ޚާއްޞަކޮށް ދެއްވާފައިވާ ބާބުއް ރައްޔާނުގެ ދޮރުކޮޅުން ފައުޖުފައުޖަށް ރޯދަވެރިން ސުވަރުގެ ވަންނަމުންދާ އިރު ތިބާ ފެންކަޅިވެފައި އެ ނިޢުމަތުން މަޙްރޫމުވެފައި ހުންނަން އެދޭނަން ހެއްޔެވެ؟ މި ބަރަކާތްތެރި މަހުގެ ފައިދާ ލިބިގަތުމަށް ޓަކައި ހިތްތައް ޠާހިރުކޮށްގެން ، ހިނިތުންވެފައިވާ މޫނަކާއެކު ތިބާގެ އަޚުންނާ ބައްދަލުކުރާށެވެ! އެކަކު އަނެކަކު ދެކެ ރުޅި ނައިސް ޞުލްޙަވެރި އަމާން މާޙައުލަކަށް ރަމަޟާން މަސް ހަދާށެވެ! މީހުން ރުޅިނޭރުވުމަށާއި މީހުންނަށް ހެޔޮކޮށް ހިތުމަށް ޢަޒްމު ކަނޑައަޅާށެވެ!

ރަމަޟާން މަހަކީ ވަރަށް ކުޑަ ދުވަސްކޮޅެއްކަން ހަނދާން ކުރަމާތޯއެވެ؟ މާތް ﷲ އެ މަހުގެ ދުވަސްތައް ސިފަކުރައްވައި ވަޙީ ކުރެއްވިއެވެ. ((أَيَّامًا مَّعْدُودَاتٍ – މާނައީ : (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ.)) މި ކުޑަ ދުވަސްކޮޅު ބޭނުން ހިފުމަށް އަވަހަށް ޢަޒްމު ކަނޑައަޅާށެވެ! ނަމާދު ޤާއިމު ކުރުމަށް ފަރުވާ ބަހައްޓާށެވެ! ރަވާތިބު ސުންނަތްތަކާއި ތަރާވީޙު ނަމާދު ކުރަން އާދަ ކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން އިތުރުކުރާށެވެ! ޒިކްރުކުރުން ގިނަކުރާށެވެ! ވީވަރަކުން ޞަދަޤާތް ކުރާށެވެ! ފިޠުރު ޒަކާތް ދެއްކުމަށް ފަރުވާ ބަހައްޓާށެވެ!

ރަމަޟާން މަހުގައި އޮންނަނީ ކިތައް ގަޑި ހެއްޔެވެ؟ އެއީ 30 މަހެއްނަމަ އޮންނާނީ އެންމެ 720 ގަޑިއެވެ. 8 ގަޑިއިރު ނިދާނަމަ ބާކީ އޮންނާނީ 480 ގަޑިއެވެ. ކިހާ ކުޑަ ވަގުތުކޮޅެއް ތޯއެވެ؟ ﷲގެ ޙަޟްރަތަށް ދާން ޖެހޭ ދުވަހަށް ޓަކައި ބޭނުންވާ ކޮއްތު މި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ތައްޔާރު ކުރެވިދާނެ ހެއްޔެވެ؟

ސަލަފުންގެ ރަމަޟާން
އިސްވެ ދެންނެވި ވާހަކަތަކުން އެނގެނީ ސަލަފުންގެ ރަމަޟާން މަހަކީ ހެޔޮ ޢަމަލުތަކުގައި ވާދަވެރިކަމެއް ކަމެވެ. ﷲއަށް ކިޔަމަންގަތުމާއި ޠާޢަތުގައި ތެދުވުމުގައި އޮތް ބޮޑު އެއްވުމެއް ކަމެވެ. ސުވަރުގެ ކާމިޔާބު ކުރުމަށް ދުވާ މައިދާނެއް ކަމެވެ.

މާތް ﷲ ރުއްސުންލެއްވި ޙަސަނުލް ބަޞްރީ ވިދާޅުވިއެވެ. " މާތް ﷲ ރަމަޟާން މަސް ލެއްވީ އެކަލާނގެ ޚަލްޤުތަކުން އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ވާދަކުރާ ދަނޑެއް ކަމުގައެވެ.ކުރިއަރާ ދޔަމީހުން މެޗުން މޮޅުވީއެވެ. ފަހަތަށް ޖެހުނުމީހުން ނާކާމިޔާބުވެ ދެރަވީއެވެ. އެންމެ ޢަޖައިބުވާން ޖެހެނީ ދަނޑަށް އަރައި ނުކުޅެ ހޭން ހުރި މީހާއާ މެދުއެވެ. "

ރަމަޟާން މަހަކީ ސަލަފުންނަށް ސުންނަތް ރޯދަ ހިފުމަށް ތަމްރީނުދީ އެމީހުންގެ ނަފްސު އެކަމަށް އާދަކޮށްދިން މަދަރުސާއެކެވެ. އެމީހުންނަށް ވަނީ ލޮބުވެތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު ((مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ، بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا - ﷲގެ ވަޖްހުފުޅަށް ޓަކައި ރޯދައެއް ހިފިމީހާ ދަންނައެވެ. ﷲ އޭނާގެ މޫނު ހަތްދިހަ ޚަރީފުގެ މިންވަރަށް ނަރަކަޔާ ދުރަށް ލައްވާނެތެވެ.))

ސަލަފުން ރަމަޟާން މަސް ހައްދަވާފައި ވަނީ ޤުރްއާނުގެ މަހަކަށެވެ. ކިޔެވުމަށާއި އަޑުއެހުމަށާއި ، ދިރާސާކުރުމަށާއި ވިސްނައި ފިކްރުކުރުމަށާއި އެއާ އެއްގޮތަށް އުޅުމަށެވެ. ސުފްޔާނުއް ޘައުރީއަކީ ރަމަޟާން މަސް ފެށުމުން ހުރިހާ ކަމެއް ދޫކޮށްލައްޥަފައި ޤުރްއާން ކިޔަވާ ވިދާޅުވުމަށް ވަގުތުތައް ހުސްކޮށްލެއްވި ބޭކަލެކެވެ. އަލްއިމާމުލް ބުޚާރީއަކީ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ޚަތިމެއް އަދި ތަރާވީޙު ނަމާދުގައި ކޮންމެ ތިން ރެއަކުން ޚަތިމެއް ކުރެއްވި ބޭކަލެކެވެ.

އެބޭކަލުންގެ ރަމަޟާން މަހަކީ ނަފްސުގެ ދަހިވެތިކަން ނައްތައިލެއްވުމަށާއި ދީލަތިކަމަށް ލިބިވަޑައިގެންފައިވާ މަދަރުސާއެކެވެ. އިބްނު ޢައްބާސުގެފާނު ވިދާޅުވާ ގޮތުގައި ރަސޫލާ صلى الله عليه وسلم އަކީ ވަރަށް ދީލަތި ބޭކަލެކެވެ. ރަމަޟާން މަހުގައި އެކަލޭގެފާނުގެ ދީލަތިފުޅުކަން އަދި މާ ބޮޑެވެ. ޚާއްޞަކޮށް ޖިބްރީލުގެފާނާ ބައްދަލުވެ ވަޑައިގަންނަވާ ވަގުތުގައެވެ.

(ނިމުނީ)

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.