ހައްދު ފަހަނައަޅާފައިވާ ހަރުކަށި އިސްލާމީ ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) ނުވަތަ އައްދައުލަތުލް އިސްލާމިއްޔާ ފިލްޢިރާޤި ވައްޝާމް (ދާޢިޝް) ގެ ޒައީމު އަބޫބަކްރު އަލްބަޣްދާދީ ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއް އެ ޖަމާއަތުގެ ފުރްޤާން މީޑިޔާއިން އާއްމުކޮށްފިއެވެ.
އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ދަ ލެވެންޓް (އައިސިލް) ނުވަތަ ހަމައެކަނި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުންވެސް މަޝްހޫރުވެފައިވާ މި ޖަމާއަތުން 2014 ވަނަ އަހަރު އިރާގާއި ސީރިޔާގައި 'އިސްލާމީ ދައުލަތް' އިއުލާންކުރީއްސުރެ އެ 'ދައުލަތު'ގެ ޚަލީފާކަމުގައި އެމީހުން ބުނަމުންދާ އަލްބަޣްދާދީގެ މި ވީޑިއޯގައި އޭނާ ފެންނަނީ އޭނާގެ ބައެއް އެކުވެރިންނާ މުޚާޠަބުކޮށް ވާހަކަދައްކަނިކޮށެވެ. ވީޑިއޯގައި އޭނާ ފިޔަވައި ދެން ތިބި މީހުންގެ މޫނު ވަނީ ކާކުކަން ނޭނގޭ ގޮތަށް ހަދާފައެވެ.
"އަމީރުލް މުއުމިނީންގެ މެހުމާންދާރީ" ގެ ނަމުން އާއްމުކޮށްފައިވާ ވީޑިއޯއަކީ ކޮން އިރަކު ކޮން ތަނެއްގައި ރިކޯޑްކޮށްފައިވާ ވީޑިއޯއެއް ނޭނގުނަސް، އަލްބަޣްދާދީ ކަމަށް ބެލެވޭ މީހާ އެ ވީޑިއޯގައި ދައްކާ ވާހަކައިން އެއީ ފަހުގެ ތާރީޚެއްގެ އެއްޗެއް ކަން އެނގެއެވެ. އޭނާގެ ވާހަކަ ފަށަމުން 'ބާޣޫޒްގެ ހަނގުރާމަ' ނިމިއްޖެ ކަމަށް ބުނެ އެ ހަނގުރާމައިގައި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރި 'މުޖާހިދުން' ދެއްކި ހިތްވަރަށް ތަޢުރީފުކޮށްފައި ވެއެވެ.
2014 ވަނަ އަހަރު 'އިސްލާމީ ދައުލަތް' އިއުލާންކޮށް އެ 'ދައުލަތު'ގެ ޚަލީފާގެ ގޮތުގައި އިރާގު މޫސަލްގެ ޖާމިޢުއްނޫރީ އަލްކަބީރު މިސްކިތުގައި އޭނާ ދިން ޚުޠުބާގެ ވީޑިއޯ އާއްމުވި ފަހުން އަލްބަޣްދާދީގެ ވީޑިއޯއެއް ފެނިފައި ނުވެއެވެ.
18 މިނެޓްގެ ވީޑިއޯގައި ސްރީލަންކާގައި އީސްޓާ އާދީއްތަދުވަހު ދިން ޓެރަރިސްޓް ހަމަލާތަކަށްވެސް އޭނާ އިޝާރާތްކޮށްފައި ވެއެވެ. އަދި އިސްލާމިކް ސްޓޭޓުން ބަދަލުހިފާނެ ކަމުގެ އިންޒާރު ދެމުން މިހާރުވެސް 8 ގައުމެއްގައި 92 ހަމަލާ ދީފައިވާކަމުގައި އޭނާ ބުނެއެވެ.
މީގެ ކުރިން މަރާލެވިފައިވާ ކަމުގެ އަޑު އެތައް ފަހަރަކު އަރާފައިވާ، އަދި އޭނާ މަރާލުމަށް ދެވުނު އެތައް ހަމަލާއަކުން ސަލާމަތްވެފައިވާ އަލްބަޣްދާދީ އުޅޭތަނެއް ނޭނގެއެވެ. އޭނާ ހައްޔަރުކުރި ފަރާތަކަށް އެމެރިކާއިން 25 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައި ވެއެވެ.