ސްޕޭންގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ހުރިހާ ވޯޓެއްހެން ގުނާ ނިމިފައި ވާއިރު، އެގައުމުގައި މިހާރު ވެރިކަންކުރާ ސްޕެނިޝް ސޯޝަލިސް ވާކާސް ޕާޓީ (ޕީއެސްއޯއީ) އިން އިންތިޚާބު ކާމިޔާބުކޮށްފިއެވެ.
ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ޕާޓީން ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ކޮންގްރެސް އޮފް ޑެޕިއުޓީސްގެ 123 ގޮނޑި ކާމިޔާބުކޮށްފައި ވިޔަސް، އެއީ އެޕާޓީން އެކަނި އަޣުލަބިއްޔަތު ހޯދަން ފުދޭ އަދަދެއް ނޫނެވެ. 350 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތަކީ 176 ގޮނޑިއެވެ.
ސޯޝަލިސްޓް ޕާޓީއާ އެންމެ ވާދަވެރި ޕީޕަލްސް ޕާޓީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިއެވެ.
މިއީ ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގައި ބާއްވާ ތިންވަނަ އާއްމު އިންތިޚާބަށް ވިޔަސް އިންތިޚާބަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ދެ އަހަރު ކުރިން ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ %66.5 މީހުން ވޯޓުލިޔަސް، މި އިންތިޚާބުގައި 75.8% މީހުން ވަނީ ވޯޓުލާފައެވެ.
ސްޕޭންގެ ޑިމޮކްރެޓިކް ތާރީޚުގައި މިހާތަނަށް ކޯލިޝަން ސަރުކާރަކުން ވެރިކަންކޮށްފައި ނުވިޔަސް މިފަހަރު މިވަނީ އެކަން ބަދަލުވެފައެވެ. މި ފަހަރުގެ އިންތިޚާބަށް ފަހު އެ ގައުމުގައި ގާއިމުކުރެވޭނީ ކޯލިޝަން ސަރުކާރެކެވެ.
"ސޯޝަލްސް ޕާޓީން މިވަނީ ކާމިޔާބު ހޯދާފައި. އަހަރުމެން ދެން މިދަނީ އަހަރުމެން ބޭނުންވާ ސްޕޭން ބިނާކުރަން." އިންތިޚާބުން ލިބުނު ކާމިޔާބީގެ އުފާފާޅުކުރަން ބޭއްވި ބައްދަލުވުމުއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވިއެވެ.
ބޮޑުވަޒީރު ސަންޗޭޒްއަށް އިންތިޚާބު ކާމިޔާބުކުރެއްވުމަކީ އޭނާގެ ޕާޓީން ގެންގުޅޭ ވާތު ފިޔައިގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތްކަމުގެ ހެއްކެކެވެ. އަދި މިކަމުގެ ސަބަބުން ވާތު ފިޔައިގެ އެހެން ޕާޓީއެއް ކަމުގައިވާ ޔުނިޑާސް ޕޮޑެމޯސްގެ އެހީތެރިކަމާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބޮޑުވަޒީރަށް ވަނީ ފަހިވެފައެވެ. ޔުނިޑާސް ޕޮޑެމޯސްއިން ވަނީ ގާނޫނުހަދާ މަޖިލީހުގެ 42 ގޮނޑި ކާމިޔާބުކޮށްފައެވެ.
މި އިންތިޚާބުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީ ވޮކްސް އިން ހޯދި ކާމިޔާބީއެވެ. އެ ޕާޓީން ވަނީ 24 ގޮނޑި ކާމިޔާބުކޮށްފައެވެ.