ކަންކަން ގޯސްކޮށް ދާނަމަ އަޅުގަނޑު އެވާހަކަ ދައްކާނަން: ނާދިރާ

އާމިނަތު ނާދިރާ ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ފޯޓޮ އަހުމަދު ޙަމީދު އާދަމް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރެއްވީ ރައްޔިތުންގެ ތެރެއިން ނިކަމެތިންގެ ކަންކަމުގައި ބޮޑަށް ވަކާލާތު ކުރަން ކަމަށާއި މަޖިލީހަށް ހޮވިވަޑައި ނުގެންނެވިޔަސް ދެމިހުންނަވާނީ އެފަދަ ކަންކަމުގައި ކަމަށް އެމްއާރުއެމްގެ މެމްބަރ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ތެރެއިން ކަންކަން ވަރަށް ރަނގަޅަށް ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އެހެންނަމަވެސް ކަންކަން ރަނގަޅަށް ނުދާކަމަށްވާނަމަ އެވާހަކަ ދައްކަވައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "ކުރިއަށްއޮތްތަނުގައި ވެސް ކަންކަން ރަނގަޅަށް ދާކަމަށްވާނަމަ ކިތަންމެހާ ވެސް ރަނގަޅު. އެކަމަކު ގޯސްކޮށްދާ ކަމަށްވާނަމަ އަޅުގަނޑު އެވާހަކަ ދައްކާނަން. މަޖިލީހާއި ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރާނަން،" ނާދިރާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ނުވިޔަސް ސިޔާސީ މައިދާން ދޫކުރައްވާފައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް ސިޔާސީ މައިދާނުގައި ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއާރުއެމް އުފެއްދުމުގައި ރައީސް މައުމޫނާ އެކު އިސްކޮށް އުޅުއްވާ ނާދިރާ ވިދާޅުވީ ސިޔާސީ ދާއިރާގައި ދެންބޮޑަށް ޙަރަކާތްތެރިވެ ރަސްމީ ސިފައެއްގައި މަސައްކަތް ކުރަން ފެށޭނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިނގަން ފެށުމުން ކަމަށެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ ތިން ހާސް މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ރޯދައިގެ ކުރިން ސޮއި ހަމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. "ސީދާ ތިންހާސް މީހުންގެ ސޮއެއް ނޫން ހޯދަން މިޖެހެނީ. އެއަށްވުރެ ގިނައިން ހޯދަން ޖެހޭ. އެއީ ބާތިލް ސޮއިތަކެއް ވެސް ހުރެދާނެ ކަމަށް ބަލައިގެން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ޕާޓީ ރަޖިސްޓްރީ ކުރެވޭނެ،" ނާދިރާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.