ރޯދައަށް ޚާއްސަ ޕްރޮމޯޝަނެއް މިފްކޯއިން ފަށަނީ

ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަނެއް މިފްކޯއިން ފަށަން ނިންމައިފިއެވެ. "ފަސް މީރު ރޯދަ ބައިވެރިޔާ" ގެ ނަމުގައި ފަށާ މި ޕްރޮމޯޝަނުގައި އަގުބޮޑު އިނާމްތަކެއް ހުށަހަޅާފައިވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ.

ޕްރޮމޯޝަނުގައި ބައިވެރި ވުމަށްޓަކައި 48  ދަޅުގެ ތެޔޮމަސް ކޭހެއް ގަންނަންޖެހެއެވެ. އެ ކޭސް ގަތުމުން ކޫޕަނެއް ލިބޭނެއެވެ. އެ ކޫޕަން ފުރުމަށް ފަހު މާލެއާއި، ހުޅުމާލޭގައި ހުންނަ މިފްކޯ މަސްފިހާރަ ތަކަށް ހުށަހެޅުމުން ބައިވެރިވެވޭނެއެވެ. މިގޮތަށް ގަންނަ ކޮންމެ މަސްދަޅު ކޭހަކަށް ލިބޭނީ އެއް ކޫޕަން ކަމަށް ވެސް މިފްކޯއިން ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 27 އިން ޖޫން މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އެއްވަނަ ލިބޭ ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭނެއެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް ދެކޮޅު ޓިކެޓާއި ހުރުމާއެކު ތައިލެންޑު ދަތުރެއް ލިބޭނެއެވެ. ތިންވަނަ ލިބޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ މަސްކޭސް ލިބޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.