ރަމަޟާން މަހަށް މަރްޙަބާ ކިޔާނީ ކިހިނެއް؟ (1)

މާތް ﷲ އެކަލާނގެ އަޅުންނަށް ތަފާތު މުނާސަބަތުތަކުގައި އެކަލާނގެ ދަރުބާރަށް އައުމަށް ދަޢުވަތު ދެއްވަތެވެ. އާޝޫރާދުވަހާއި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާއި ، ޢަރަފާތު ދުވަހާއި ދެ ޢީދު ދެ ދުވަހާއި ހުކުރުދުވަސްފަދަ ދުވަސްތަކުގައެވެ. މީގެތެރެއިން އެންމެ ދިގު ފޯވައްސަކީ ބަރަކާތްތެރި ރަމަޟާން މަހެވެ.

ދީލަތި މެހެމާނެއް
ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ގާތަށް މާތް ﷲ ފޮނުއްވާ ދީލަތި މެހެމާނަކެވެ. މި މެހެމާނު އަޅުގަނޑުމެންގެ ގާތަށް އައިސް މެހެމާންދާރީ އަދާކޮށް ދިނުމަކަށް ނޭދެތެވެ. އެކަމަކު އެ މެހެމާނު އަޅުގަނޑުމެންގެ ގާތަށް އަންނަނީ މާތް ﷲގެ ރަޙަމާތުތަކާއި ބަރަކާތްތަކާއިގެންނެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާއާއެކު ވިޔަފާރި ކުރަން އެދޭ މީހަކަށް އެއީ އާދަޔާ ޚިލާފު މޫސުމެކެވެ. އެއީ އެމަހުގެ މާތްކަމާއި، މަތިވެރިކަމާއި، އެމަހުގައި މުސްލިމުން އަދާކުރާ މުހިއްމު ފަރީޟާއާ ހެދިއެވެ. އެ މަހުގައި ކީރިތި ޤުރްއާން ބާވައިލައްވާފައި ވާތީއެވެ.

ކޮންމެ މުސްލިމަކު ވެސް އަދި މުސްލިމާއަކު ވެސް ދަންނަގޮތުގައި އެއީ އެމަހުގައި ކުރެވޭ ހެޔޮ ކަންތައްތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާ މަހެކެވެ. އެއީ ފާފަތައް ފުހެލުމަށާއި ﷲގެ މަޣްފިރަތު ޙާޞިލުކުރުމަށް ލިބިފައިވާ ރަނުގެ ފުރްޞަތެކެވެ.

މި ކަންކަން ދެނެ ތިބެ މި މަސް ނަގައިލެވެނީ ކީއްވެގެން ބާވައެވެ؟ އެމަހަށް ރަނގަޅަށް ތައްޔާރު ނުވެވެނީ ކީއްވެގެން ބާވައެވެ؟ އަޅުގަނޑުމެންގެ ދަރިވަރުން އިމްތިޙާނަށް ޓަކައި ކިހާވަރަކަށް ތައްޔާރުވޭ ހެއްޔެވެ؟ އިމްތިޙާނު ކައިރިވަމުން އަންނަވަރަކަށް ނިދި މަދުކޮށް އަތުވެދާނެ ކަމަށް ލަފާކުރެވޭ ބައިތަކަށް އިސްކަންދީ ފިލާވަޅު ދަސްކުރެއެވެ. މައިންބަފައިން ވެސް އެކުދީންނަށް ޓަކައި އެތައް ޤުރްބާނީތަކެއް އެތައް ހޭދަތަކެއް ކުރެއެވެ.

ލިބޭ ފުރްޞަތުގެ ބޭނުން ހިފޭނީ އެކަމަށް ތައްޔާރުވެވުނު ވަރަކުންނެވެ. ރަމަޟާން މަހަކީ ހެޔޮކަންތައްތައް ގިނަކޮށް އެކައުންޓަށް ހެޔޮ ޢަމަލުތަކެއް ޖަމާކުރުމަށް ލިބޭ ފުރްޞަތެކެވެ.އެއީ އެކައުންޓްގައި ހުރި ދަރަނިތައް ފުހެލުމަށް ވެސް ލިބޭ ފުރްޞަތެކެވެ.

އެއީ އެއް ރޭގެ އަޅުކަމުން 83 އަހަރުގެ އަޅުކަމާ އެއްވަރު ސަވާބު ލިބޭ ރެއެއް އެ މަހުގައިވާ މަހެވެ. އެއީ މަތިވެރިވެގެންވާ މަލަކޫތަށް އެރުމަށް ޓަކައި ނުބައި ޢަމަލުތަކުން ހިތް ސާފުކޮށް ޠާހިރުކުރުމަށް ފުރްޞަތު ލިބިދޭ މަހެކެވެ.

ވީމާ، މި މަހަށް ތައްރުވާންވީ ކީއްވެގެން ކަން މިހާރު އެނގިއްޖެއެވެ. މާތް ﷲ މި މަހުގައި އަޅުގަނޑުމެން މުސްލިމުންނަށް ލައްވާފައިވާ ސަވާބުގެ ގިނަގުނަކަމާއި ރަޙްމަތުގެ މަތިވެރިކަމާއި ، މަޣްފިރަތުގެ ބޮޑުކަން އެނގޭނަމަ މުޅި އަހަރު ރަމަޟާން މަހަށް ވުމަށް މުސްލިމުން އެދޭނެތެވެ. އެއީ ދުނިޔޭގެ ހުރިހާ ކަންޒުތަކަށްވުރެ ތަނަވަސް ކަންޒެކެވެ. މާތް ﷲ އަންގަވަފައިވާ ގޮތަށް ރޯދަހފައި އެ މަހުގެ ރޭތައް ދިރުވައި އަޅުގަނޑުމެންގެ ގުޅުންތަކާއި އުޅުންތައް ރަނގަޅު ކޮށްފިނަމަ ﷲގެ ރަޙްމަތާއި ފުއްސެވުމާއި މުއްތިކުރެއްވުން ލިބޭނެތެވެ. އެކަލާނގެ ތައުބާ ލެއްވި މީހުންގެ ލިސްޓަށް އަރާނެތެވެ. އެކަލާނގެ ޙަޟްރަތާ ކުއްތަންވެގެންވާ މީހުންގެ ސަފަށް ވަދެވޭނެތެވެ. އެކަލާނގެ ދަރަޖަ އުފުއްލެވި މީހުންގެ މަޤާމާ ހަމައަށް ވާޞިލުވެވޭނެތެވެ.

ރަމަޟާން މަހަކީ ﷲގެ ޙަޟްރަތަށް ކުރިމަތިލުމަށްޓަކައި މުސްލިމު އިންސާނާއަށް ލިބިގެންވާ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ތަޤްވާވެރިންނަށް ލިބިގެންވާ ފޯވައްސެކެވެ. އެއީ ޞާލިޙުންނަށް ލިބިގެންވާ ފިހާރައެކެވެ.

ރަމަޟާން މަހަށް މާޙައުލު ތައްޔާރުކޮށް ދެއްވުން
ކޮންމެ އަހަރެއްގެ ރަމަޟާން މަސް މުސްލިމުން ގާތަށް އަންނަނީ އެބައިމީހުންގެ ހެޔޮ ޢަމަލުތައް އިތުރު ކޮށްދިނުމަށެވެ. ނުބައި ޢަމަލުތައް މަދުކޮށްދިނުމަށެވެ. އެމަހުގައި ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ސުވަރުގެ ވަނީ އެތާނގެ ދޮރުކޮޅުތައް ހުޅުވައިފައެވެ. ނަރަކަ ވަނީ އެތާނގެ ދޮރުތައް ބަންދުކޮށްފައެވެ.ޝައިޠާނުންތައް ވަނީ ކަސްތޮޅު އެޅުވި ބަންދު ކުރެވިފައެވެ. މި ފުރްޞަތުގެ ބޭނުން ކުރި މީހާގެ ބާއްޖަވެރިކަމާއެވެ! މި ފުރްޞަތު ނަގައިލިމީހާގެ އަބާއްޖަވެރިކަމާއެވެ! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ "إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةَ ، وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتِ الشَّيَاطِينُ - ރަމަޟާން މަސް އަތުވެއްޖެ ނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވޭނެތެވެ. " މި އޮތީ ހުރިހާ ހެޔޮ ކަމަކަށް މަގު ފަހިވެފައެވެ. ހުރިހާ ނުބައި ކަމަކަށް ދޮރު ބަންދުވެފައެވެ. މިހެންވެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ ރަމަޟާން މަހުގެ ފުރަތަމަ ރޭ ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެއެވެ. "يَا بَاغِيَ الْخَيْرِ أَقْبِلْ ، وَيَا بَاغِيَ الشَّرِّ أَقْصِر - އޭ ހެޔޮ ކަންތަކަށް އެދޭ މީހާއެވެ! ކުރިމަތިލާށެވެ! އޭ ނުބައި ކަންތަކަށް އެދޭ މީހާއެވެ! ފުރަގަސްދޭށެވެ! "

އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ފުރްޞަތެވެ. ކުރިމަތިލުމަށް އަވަހަށް ތައްޔާރުވާށެވެ! ތިބާގެ އަތް ﷲގެ ޙަޟްރަތާ އުފުލައިލާށެވެ! ރަނގަޅަށް ރޯދަ ހިފައިގެން، ރަނގަޅަށް ރޭ އަޅުކަންކޮށްގެން، ހެޔޮ ޢަމަލުތައް އިތުރުކޮށްގެން ﷲގެ ދަރުބާރަށް ވަންނާށެވެ! ﷲގެ ރަޙްމަތަށް އެދޭށެވެ!

ތައްޔާރު ވާނީ ކިހިނެއް؟
ރަމަޟާން މަހަށް ތައްޔާރު ވާނީ ކިހިނެއްހެއްޔެވެ؟ ކާބޯތަކެތި ހޯދައި ތައްޔާރުވާ ގޮތަށް، ތެލިތަށްޓާއި ގޮޑި ސެޓްތައް އައުކުރާގޮތަށް ، ރަމަޟާން މަހަށް ޓީވީ ޕްރޮގްރާމުތައް ތައްޔާރުކުރާ ގޮތަށް ތިބާވެސް ރަމަޟާން މަހަށް ތައްޔާރު ވާށެވެ!

އަޅުގަނޑުމެންގެ ގެދޮރު ސާފުކޮށް ކުލައިލައި ގޭދޮށަށް ދޮންވެލި ލައި ގޮތަށް ތިބާގެ ނަފްސު ސާފުކޮށް ޠާހިރު ކުރާށެވެ! ތިބާގެ ހިތުގައި ލައިފައި ހުރި ދަމިލަތައް ސާފު ކުރާނެ ބުރާސޯއެއް ހޯދާށެވެ. އެއީ ތައުބާއެވެ. ނަޞޫޙު ތައުބާއަކުން ﷲއަށް ތައުބާވެވޭތޯ ބަލާށެވެ! އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީގެ އަރިހަށް އައިސް ދެންނެވިއެވެ. " އަޅުގަނޑު ވުޟޫކޮށް ޠާހިރުވެގެން ދަމުނަމާދު ކުރުމަށް ޓަކައި ތައްޔާރުވެގެން ނިދަމެވެ. އެކަމަކު ވެސް އަޅުގަނޑަކަށް ހެއެއްނުލެވެއެވެ. އެއީ ކީއްވެގެން ތޯއެވެ؟ " މާތް ﷲ ރުއްސުންލެއްވި ޙަސަނުލްބަޞްރީ ވިދާޅުވިއެވެ. " އެއީ ތިބާގެ ފާފަތަކުގެ ސަބަބުން ތިބާ ކަސްތޮޅުއެޅިފައި ވާތީއެވެ. " ހެޔޮ ޢަމަލުތަކުން އަޅާ މަޙްރޫމުވެގެން ދަނީ އޭނާގެ އުރެދުންތަކުގެ ސަބަބުންނެވެ.

އަޅުގަނޑުމެންނަށް ރަމަޟާން މަހުގެ މާތްކަން އެނގޭއިރުގައި ވެސް ކިހާ ގިނަ ވަގުތުތުތަކެއް އެއްވެސް ހެޔޮ ކަމެއް ނުކޮށް ނަގައިލަމު ހެއްޔެވެ؟ ރަމާޟަން މަހު ޢިލްމު ވެރީން ފަށްފަށްކުރައްވާ ދެއްވައި ނަސޭހަތްތަކުން ރަމަޟާން މަހަކީ ހެޔޮ ކަމުގެ މޫސުމެއް ކަން އެނގެއެވެ. އެކަމަކުވެސް ހެޔޮކަންތަކާ ކުއްތަންނުވެވި ދުރަށް ދެވެނީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ ކުށްފާފަތަކުގެ ސަބަބުންނެވެ.

ﷲއަށް ކިޔަމަންގަތުމަކީ ޝަރަފެކެވެ. ﷲގެ ޙަޟްރަތުގައި ކޮޅަށް ހުރެލުމަކީ މަތިވެރި ދަރަޖައެކެވެ. ޚައިރާތުގެ މޫސުމުގެ ބޭނުން ހިފުމަކީ ޣަނީމާއެކެވެ. އެއީ މާތް ﷲ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންނަށް ދެއްވާ ހިބައެކެވެ.

ރަމަޟަން މަހުގައި ކިހާ ގިނަ ބަޔަކު ރިވެތި ގޮތުގައި ރޯދަހިފައި ރޭތައް އިޙްޔާ ކުރޭތޯއެވެ؟ ކީރިތި ޤުރްއާން ކިޔެވުމަށް ޓަކައި މިސްކިތުގައި ވަގުތު ހޭދަކުރާ ކިހާ ބަޔަކު އުޅޭތޯއެވެ؟ ކިހާ ބަޔަކު ފަޤީރުންނަށް ހެޔޮ ފޯރުކޮށްދޭތޯއެވެ؟ ކިހާ ބަޔަކު ޢުމްރާއަށް ގޮސް ﷲގެ ޙަރަމުފުޅުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރޭތޯއެވެ؟ ކިހާ ބަޔަކު މީހުން ޢުމުރާއަށް ގެންގޮސްދިނުމުގެ ޚިދްމަތުގައި އުޅޭތޯއެވެ؟ ކިހާ ބަޔަކު އެމީހުންގެ ގާތްތިމާގެމީހުންނަށް ރޯދަވީއްލުމަށް ޓަކައި ދަޢުވަތުދީ ޞަދަޤާތްދީ ހަދާތޯއެވެ؟ ކިހާ ބަޔަކު ރޯދަވީއްލާ ވަގުތު ރަޙްމާންވަންތަ ދޮލަނގުތައް މިސްކިތްދޮށަށް ގެންގޮސް ރޯދަވެރީންނަށް ރޯދަވީއްލަން ދޭތޯއެވެ؟ މިއީ ﷲގެ ތައުފީޤެވެ. މިއީ އެމީހުން ކުށް ފާފަތަކާ އުރެދުންތަކާ ދުރަށް ޖެހިފައިވާތީ އެމީހުންގެ މައްޗަށް ހުޅުވާދެއްވާ ރަޙްމަތުގެ ނަފަޙާތުތަކެވެ.

އަނެއްކޮޅުން ބަލާއިރު މި މާތް މަހުގައި ރޯދަ ނުހިފައި އެމަހުގެ ޙުރްމަތް ކަނޑައި މީހުންވެސް އުޅެއެވެ. އެ މަހުގެ ރޭތައް ﷲ ޙަރާންކުރައްވާފައިވާ މުނިފޫހިފިލުވުންތަކުގެ ތެރޭގައި ހޭދަކުރާ މީހުން ވެސް އުޅެއެވެ . އެ މީހުން އެއް އުރެދުމަކުން އަނެއް އުރެދުމަކަށް ފުންމަފުންމައިގެން ދެއެވެ. އެއީ ހަމަ އުރެދުމުގެ ނުބައި ނަތީޖާއެވެ.

ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ޓަކައި ލާން ޖެހޭ ރަސްމީ ހެދުމަކީ ތައުބާގެ ފޮށައެވެ.ތިބާއަށް ކުރެވިފައިވާ ކުށްތަކަށް އެނބުރި ނުދިޔުމަށް ޢަޒްމު ކަނޑައަޅައިގެންނެވެ.އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެމީހެއްގެ ކިބައިން މާފަށް އެދި އޭނާގެ ރުހުން ހޯދައިގެންނެވެ. ތިބާއަށް ކުރެވުނު ކުށްތައް މަތީގައި ދެމި ނުހުރުމަށް ނިޔަތްގަނެގެންނެވެ. އެއަށްފަހު މާތްﷲ އަންގަވާފައިވާ ގޮތަށް ތައުބާ ނަމާދުކޮށް ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވައިގެންނެވެ.

ހިތްނިޔަތް ޚާލިޞް ކުރުން
ތައުބާވުމުގައި އެންމެ މުހިއްމު އެއްޗަކީ ނިޔަތެވެ. ތިބާގެ ހިތެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ތެދުވެރީންގެ ނިޔަތާ ބެހޭގޮތުން ވަޙީ ކުރެއްވިއެވެ. ((وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِراً إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّه – މާނައީ : އަދި، اللَّه އާއި، އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކުރާ ހާލު، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ ޙަޟްރަތުގައި ސާބިތު ވެއްޖެއެވެ.)) އޭނާ ގެއިން ނުކުތީ ހިޖްރަކުރާށެވެ. ނަމަވެސް ދަތުރުމަތީގައި އޭނާ މަރުވީއެވެ. އޭނާއަށް ހިޖްރައަކަށް ނުދެވުނެވެ. މި ފަދަ މީހާއަށް ހިޖްރަކުރި މީހާގެ ސަވާބު މާތް ﷲ ދެއްވާނެތެވެ. އޭނާއަކީ މުހާޖިރެކެވެ. ރަމަޟާން މަސް އައުމުގެ ދެތިން ދުވަސްކުރިން މަރުވެދާނެއެވެ. ރަމަޟާން މަސް އައިސް އެންމެ ރޯދައެއް ނުހިފެނީސް ވެސް މަރުވެދާނެއެވެ.އެމީހުން ރަމަޟާންމަހުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުމަށް ނިޔަތްގަނެގެން އެކަމަށް ޓަކައި މަސައްކަތް ކުރަމުން ދިޔަނަމަ މާތް ﷲ އެމީހުންގެ ފަތުގައި އެކަމުގެ ސަވާބު ލިޔުއްވާނެތެވެ.

މިއާ ޚިލާފަށް ރަމަޟާން މަސް އަތުވެއްޖެއްޔާ މި ފަހަރު އެހެންވިޔަކަ ނުދޭނަމޭ ކިޔައި ރަމަޟާން މަސް އައުމުން ކުރީ އަހަރުވެސް ހެދިގޮތަށް ޢަޒްމުގެ ގޮށްތައް މޮހައިލި މީހާއަށް ވާނީ ކިހިނެއްތޯއެވެ؟ އެފަދަ މީހަކަށް ނުވޭތޯ ބާރުއަޅައި މަސައްކަތް ކުރާށެވެ! ﷲ އީ ދީލަތިވަންތަ ނިޢުމަތް ދެއްވައި ދަރުމަވަންތަ ރަސްކަލާނގެއެވެ. މާޔޫސް ނުވާށެވެ! އުއްމީދު ކަނޑައި ނުލާށެވެ!

ރަމަޟާން މަހަކީ ތައުބާގެ މަހެވެ. އެއީ ފާފަ ފުއްސެވުމުގެ މަހެވެ. އެއީ ކެތްތެރިކަމާއި އަޅުކަމުގެ މަހެވެ. އެއީ ނަރަކައިން މުއްތި ކުރެއްވުމުގެ މަހެވެ. އެއީ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމާއި މުއްތި ކުރެއްވުމުގެ މަހެވެ.

(ނުނިމޭ)

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.