"ސަރުކާރު ވައްޓާލާ!"

28790643195_ec1bcdfd4d_h

"ސަރުކާރު ވައްޓާލާ!" ނުވަތަ ޤައުމުގެ ވެރިކަމުގައި ހުންނަވާ ވަލިއްޔުލް އަމްރު މަޤާމުން ދުރުކުރުމުގެ މަސައްކަތީ އަބަދުވެސް ޤައުމުތަކުގައި ހިނގާކަމެކެވެ. ބައެއްފަހަރު ސިއްރިޔާތުގައެވެ. އަނެއްބައިފަހަރު ފާޅުގައެވެ.

ރާއްޖޭގެ ރަސްކަމުގެ ދިގު ތާރީޚުގައި ވެސް މިކަންވަނީ އެކި ސިފަސިފާގައި މިޤައުމުން ފެނިފައެވެ. ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުވީފަހުންވެސް މިމަސައްކަތް އެއިރެއްގައި ކުރާބަޔަކު ކުރަމުންދެއެވެ.

މިޒަމާނުގައި މިމަސައްކަތަށް ތަފާތު ނަންނަން ކިޔާ އުޅެއެވެ. އަދި ޤައުމުގެ އެތެރޭގައި ދާޚިލީގޮތުން މިކަން ކުރާއިރު، ބޭރުގެ ޤައުމުތަކާ ގުޅިގެންވެސް ބަޔަކު މިކަން ކުރެއެވެ.

ޑިމޮކްރަސީ ޤާއިމުކުރުން، ފަރުދީ މިނިވަންކަން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، އިސްލާޙީ މަސައްކަތްތައް، މިފަދަ އެތައް ނަމެއްގައި މިމަސައްކަތް ދުނިޔޭގެ އެތައް ޤައުމެއްގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އެހެންނަމަވެސް މިކުރަނީ ހަމަ އެއްކަމެކެވެ.

ކޮންމެވެސް ބަޔަކު ބޭނުންވާ އަމިއްލަ ޒާތީ މަންފާއެއް ޙާސިލްކުރުމަށް، ކުރުމަގަކުން ޤައުމުތަކުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތެވެ. ގޮތްނޭނގޭ އެތައް ހިސާބެއްގެ އަޑިއަށް މޫލާފައިވާ މިމަސައްކަތުގައި ހަނގުރާމައާއި، ޓެރަރިޒަމާއި، އަޅުވެތިކަމާއި، ދީން ފެތުރުމާއި، މިފަދަ ނުރައްކާތެރި އެތައްކަމެއް އެތައް ގޮތަކުން ހިމެނެއެވެ.

މެދުއިރުމައްޗާއި އޭޝިއާގެ އެކި ޤައުމުތަކުން މިހަޤީގަތް ފެންނާނެއެވެ. ރައްޔިތުންގެ ލޯމައްޗަށް ދައްކަނީ ޒަމާނީ ރީތި ނަންނަމެވެ. ތަހުޒީބީ ޚިޔާލީ ފޮލާތަކެވެ. އެހެންނަމަވެސް އެއީ އޮޅުވާލުމެވެ. ފޮނި ޒަހަރެވެ.

ފަހުގެ ތާރީޙުގައި ފާޅުގައި ވެރިކަން ބަދަލުކުރާވާހަކައާއި، ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވައްޓާލާވާހަކަ ރާއްޖޭގެ މަސްރަޙުން އިވެންފަށާފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު، 2003 ވަނަ އަހަރަށްފަހުއެވެ. މާފުށީ ޖަލުގައި ހިނގައިދިޔަ ޙާދިސާއެއްގެ ފައިދާނަގައި، އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން މަގުތަކަށްނުކުމެ، ފެށި މަސައްކަތް އެމީހުން ބުނިގޮތަކަށް ނުނިމުނެވެ. ވެރިކަމުގެ ދައުރު ހަމަނުވަނީސް ނިޒާމުން ބޭރުން ސަރުކާރު ބަދަލެއް ނުކުރެވެއެވެ.

އެހެންނަމަވެސް "ސަރުކާރު ވައްޓާލަން" ގޮވި ގޮވެލިން މުޅި ޤައުމު އޮތީ ގުގުމާފައެވެ. ޤައުމު އޮތީ ހުއްޓިފައެވެ. ތަރައްޤީއަށް، ރައްޔިތުންގެ ފައިދާއަށް ކުރެވުނު އެއްވެސްކަމެއް ނެތޭ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް އެތައް ގެއްލުމެއްވިއެވެ. ބޭރުދުނިޔޭގައި ރާއްޖޭގެ ރީތިނަން ކިލަނބުވެ، މިއީ ހަލަބޮލި ހަމަނުޖެހުން ބޮޑު ޤައުމެއްކަމަށް ބުނެވެންފެށިއެވެ.

އޭރު ހިނގަމުންދިޔަ ވެރިކަމުގެ ދައުރުނިމި ކުރިމަތިވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ، "ސަރުކާރު ވައްޓާލަން" ގޮވި ފިކުރުގެ މީހުންނެވެ. އެހެންނަމަވެސް ޤައުމަށް ހަމަޖެހުމެއް ނައެވެ. އޭރު އެމީހުންބުނި ޒަމާނީ ޑިމޮކްރަސީއާއި، ތަހުޒީބީ ނިޒާމެއްވެސް ނައެވެ. ސިޔާސީ ފަރުދީ ނިމިވަންކަމެއްވެސް ވަކި އިތުރަަކަށް ނުލިބެއެވެ. ސާބިތު ހެއްކެއްނެތި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިޔާސީ ލިޑަރުންނާއި، ފަނޑިޔާރު ހައްޔަރުކޮށް ޖަލަށްވެސް ލިޔެވެ. އެއިން މީހެއްގެ މައްޗަށް ކުށެއްސާބިތެއްވެސް ނުވެއެވެ.

އާޚިރުގައި ވެއްޓުނީ އެއްކަލަ "ސަރުކާރު ވައްޓާލަން" ގޮވައި އޭގެ ފައިދާނަގައި ވެރިކަން ހޯދިމީހުންގެ ސަރުކާރެވެ. ދެންވެސް ހަމަޖެހުމެއް ނައެވެ. ޤާނޫނީ އިމުގެ ތެރެއިން އެދައުރު ފުރިހަމަވާން އޮތްގޮތަށް ފުރިހަމަވެ ނިމިގެން ދެން ކުރިމަތިވި ރިޔާސީ އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ.

މިހާރު މިއޮތީ އެއިންތިޚާބުން ރައްޔިތުން ވުޖޫދަށްގެނައި ޤާނޫނީ ސަރުކާރެވެ. މިސަރުކާރު ވުޖޫދުވުމާއެކު، އިދިކޮޅާއި އެއްކޮޅުގެ ސިޔާސީ ލީޑަރުން ސަރުކާރު ބަލައިގަނެ މަރުޙަބާ ވިދާޅުވިއެވެ. ބޭރުދުނިޔެއިން އަތުގުޅާލިއެވެ.

މިސަރުކާރު ވުޖޫދުވުމާއެކު ޤައުމު ހިންގާލިއެވެ. ތަރައްޤީގެ މަޝްރޫޢުތަކުގެ ނަން، ވައިގަހިފުމުގެކުރިން އެމަޝްރޫޢު ނިންމާލައެވެ. ދުނިޔޭގެ ފެންވަރުގެ ބިޔަ މަޝްރުޢުތައް ފަށައިގަތެވެ. އިޤްތިސާދީ ދަތިކަމުގެ ޝަކުވާ ފޮހެލިއެވެ. އިޖުތިމާޢީ ވިއުގަ ވަރުގަަދަކުރިއެވެ. ސޯޝަލް ވެލްފެއާ ހުސްނުވާ، މިނެއްނެތް ޚިދުމަތަކަށްހެދިއެވެ. ދުވަސްމީ މީހުންނަށް ދެމުންއައި ޢިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރިއެވެ. އެއްރޭ އެއްދުވާލުން ރަށްރަށުގެ ފަޅުހިއްކައި ބޮޑެތި ބިންތައް ހިއްކަންފެށިއެވެ. ގެދޮރުވެރިކުރުވަން އެތައްހާސް ހައުސިން ޔުނިޓުތަކެއް އަޅަންފެށިއެވެ.

ޒުވާނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ބޭނުންތަކަށް ސަމާލުކަން ދިނެވެ. ވިޔަފާރީގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރިއެވެ.

އެހެންނަމަވެސް، އެއްކަލަ "ވެރިކަން ވައްޓާލާ!" މަސައްކަތަށް މަގުފަހިވާނެ ގިނަކަންކަން ހުއްޓުވިއެވެ. ކުރިން މިދެންނެވި ޚިދުމަތްތަކަށް ހުރަސްއެޅޭ ޤާނޫނީ ބާގަނޑުތައް ބެއްދިއެވެ. އިމެއް މިނެއްނެތި ހިތުހުރިހާއެއްޗެއް ގޮވުމާއި، ހިތުހުރިހާތަނެއްގައި މުޒާހަރާކުރުންފަދަ ކަންކަން ހުއްޓުވިއެވެ.

"ސަރުކާރު ވައްޓާލާ!" މަސައްކަތް ކުރާމީހުންނަށް އޮތް ފުރުސަތު ރާއްޖޭގެ މަސްރަޙުން މުޅިންހެން ބަންދުވިއެވެ. މިއީ އެމީހުންގެ ހިތަށް ފަސޭހަކަމަކަށްނުވިއެވެ. ރާއްޖޭގެ މަސްރަޙުން ފާޅުގައިވެސް ސިއްރުގައިވެސް މިކަން ކުރެވޭނެ މަގެއް ނުފެނުމުން، އެމީހުން ދެން އިޚުތިޔާރުކުރީ ބޭރެވެ. ރާއްޖެއިން ބޭރަށް އެއްބަޔަކު އަރުވާލެވުނީއެވެ. އަނެއްބަޔަކު ފުލީއެވެ. އެހެންތިބެގެން ބޭރުގެ މަދަދާއި އެހީހޯދަން މަސައްކަތް ކުރެއެވެ. ދުނިޔޭގެ މީޑިއާތަކުން ޖާގަހޯދައިގެން ދިވެހިސަރުކާރަށް ޙަމަލާދޭން އުޅެއެވެ.

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ހުޅަނގުގެ ޤައުމުތަކުން އަޑީގައިތިބެގެން ސިއްތު ތާވަލެއެްގެ ދަށުން ސުންނާފަތިކުރަމުންދާ، މެދުއިރުމަތީގެ ޤައުމުތަކުގެ މާޙައުލާއި، ރާއްޖޭގެ މާޙައުލު އަބަދުވެސް ތަފާތުކަމެވެ. އަޅުވެތިކުރުވުމާއި، ދީންފެތުރުމާއި، "ވެރިކަން ވައްޓާލާ!" މަސައްކަތް މިތަނުގައި ކުރަން ބޭރުން ކުރިމަސައްކަތް މާޒީގައިވެސް ވީ ފެއިލް ކަމެވެ. އޭތު ދުނިޔޭގެ ބޮޑުބާރު، ކަނޑުގެ ބާޒަށްވެސް ޖެހުނީ އެޙާލެވެ.

އެހެންކަމުން "ވެރިކަން ވައްޓާލާ!" މަސައްކަތްކުރާ މީހުންނަށް މިއަދު ލިބޭނެ ކާމިޔާބެއް ހާސިލްވާނެ މޮޅެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ތިޔަކުރާ މަސައްކަތާއި، މަޤުސަދު މިއަދު ޢާއްމުރައްޔިތުންނާއި، ސަރުކާރަށްވެސް އެނގެއެވެ. ތިޔަ ކޯޓުފަޓުލޫނުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންއެއްޗެއްކަންވެސް އެނގެއެވެ. ފޮނި ކޮށްފައި ދިނަސް ޒަހަރަކީ ޒަހަރުކަން މިއަދު ދިވެހިން ދަނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.