އިސްކަންދަރު ސްކޫލަށް 58 އަހަރު، ރަސްމިއްޔާތުގައި ރައީސް ސޯލިހުވެސް

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު އިސްކަންދަރު ސްކޫލުގައެވެ.

އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ޑިޖިޓަލް ލައިބްރަރީ، ”ނޮލެޖް ހަބް“ އާއި އިސްކަންދަރު އޮކެސްޓްރާ ބޭންޑް އިފްތިތާޙް ކޮށްދެއްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ”ސޭވިންގ އަވަރ ބިލަވްޑް ޕްލެނެޓް“ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފައެވެ.

މި ހަފްލާގައި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ދިން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ  ތިމާވެއްޓާ ރަށްޓެހި ފުޅި، ޙަވާލުކުރުންވެސް ވަނީ އިފްތިތާޙްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލެއްވުމަށްފަހު އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފައެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.