ސިފައިންނަށް އިތުރު ތަމްރީނުގެ ފުރުސަތު ހޯދައި ދިނުމަށް މިދަނީ މަސައްކަތް ކުރަމުން: މާރިޔާ

ދިވެހި އަސްކަރިއްޔާ އަކީ ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރީޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވިދާޅުވީ ސިފައިންގެ ހުނަރު އިތުރުކޮށް، އިތުރަށް ޕްރޮފެޝަނަލައިޒްކުރުމާއި އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ގެންދަވަނީ ކުރައްވަމުން ކަމަށެވެ.

އޭގެ އިތުރަށް ދިވެހި ސިފައިންގެ ވެލްފެއަރގެ ކަންކަން އިތުރަށް ފުޅާކޮށް "ކެންޓޯންމަންޓް ސްޓައިލް އެކޮމަޑޭޝަން" ސިފައިންގެ ޢާއިލާތަކަށް ލިބިދިނުމުގެ ވިސްނުން ހަޤީޤަތަކަށް ހެއްދެވުމަށްވެސް މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެގޮތަށް، ބޭނުންވާ އިކްއިޕްމަންޓް ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ދިވެހި އަސްކަރިއްޔާއަކީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް ރޭ ތައާރަފް ކުރެވުނު ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރީން އަކީ ލަނޑުދަނޑި ހާސިލްކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.